ނޫސް ބަޔާން

ރައްޔިތުންގެ ބާރުތައް ހަނިކުރުމަށް ފާސްކުރާ ބިލުގެ ވޯޓުގައި ބައިވެރިނުވާން ނިންމުން

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ފާސްކުރުމަށް ނަގާ ވޯޓުގައި ބައިވެރި ނުވުމަށް މި ޕާޓީގެ ޕާލިމެންޓަރީގްރޫޕުން ވަނީ ނިންމައިފައެވެ.

ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި އަދި ގައުމީ މުހިންމު މައްސަލަތަކުގައިރައްޔިތުންގެ ހިޔާލު ދެނެގަތުން ނުވަތަ ރައްޔިތުންގެ ބަސް ހޯދުމަކީ، ދިވެހިރާއްޖެ ފަދަ ޑެމޮކްރެޓިކް އަދި ޖުމްހޫރީ ދައުލަތެއްގައި ނުހަނު މުހިންމު ކަމެއްކަމަށް މި ޕާޓީން ގަބޫލުކުރަމެވެ. އެހެން ނަމަވެސް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެބިލުގެ ނަމުގައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާމެދު އިންތިހާއަށްކަންބޮޑުވަމެވެ.

ޤާނޫނުއަސާސީން މިހާރުވެސް، ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ބާރު ދީފައިވުމާއެކު، ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ބާރު ދީފައެވެ. އެހެން ނަމަވެސް، ވަކި ޤާނޫނެއް ފާސްކޮށްގެން، ކުރަން މިހާރު ރާވާ ކަމަކީ، ހިޔާލު ހޯދުމުގެ މުޅި ނިޒާމު ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް ގެންގޮސް، ރައްޔިތުންގެ ބާރު ހަނިކުރުމެވެ. މީގެ ބޭނުމަކީ، ރައްޔިތުންގެ ފަރާތުން ކަމަށް ބުނެ، ސަރުކާރުން ބޭނުންވާ ކަންކަން ކުރަމުން ގެންދިއުމެވެ. މިގޮތުން، ރިޔާސީ ދައުރު އިތުރު އަހަރުތަކަކަށް ދިގު ދަންމައިލުމަކީ، މިކަމުގެ އަޑީގައި ފޮރުވިފައިވާ ކަމެއްކަން ފާހަގަކުރަމެވެ.

ބިލުގައި މިހާރު ކަނޑައަޅައިފައިވާ މުއްދަތުތަކަކީ، ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި،ހޭލުންތެރިކުރުމަށާއި އަދި ކެމްޕޭންކުރުމަށް، އެކަށީގެންވާ މުއްދަތުތަކެއް ނޫންކަން ފާހަގަކުރަމެވެ. އެކަށީގެންވާ މުއްދަތު ނުދިނުމަކީ، އަވަސް އަރުވައިލައިގެން ސަރުކާރުން ކުރަން ބޭނުންވާ ބައެއް ކަންކަން ކުރުމަށް ކޮށައިފައިވާ މަގެކެވެ. އެކަމުގެ ސަބަބުން، މުޅި ޕްރޮސެސްގެ ހާމަކަމާއި އިތުބާރު ގެއްލިގެންދެއެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ލާޒިމުވާ ހާލަތުގައި،ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތުން އެ ފަދަ ގަރާރެއް ފާސްވާ ގޮތަށް އޮތް ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އިސްނެގުމަށް އެފަދަ ވޯޓަކަށް ދާން ހުށަހަޅާހާލަތުގައި، ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވާންޖެހޭ ގޮތަށް އޮތުމަކީ، ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި އިހްތިޔާރުތައް ހަނިވާނެ ސަބަބެކެވެ.

މި ބިލު ޤާނޫނަކަށް ވުމުން، އެ ޤާނޫނުގެ ދަށުން ގަވާއިދުތަކަކާއި އުސޫލުތަކެއް ހެދުމަށް ކަނޑައަޅައިފައި އޮތުމާއި، އެއީ ކޮން ކަންކަމުގެ ގަވާއިދާއި އުސޫލު ކަމެއް ބަޔާންކޮށްފައިނެތުމުން، މުޅި ޕްރޮސެސްއަށް ގިނަ ބަދަލުތަކެއް ގެނައުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންދެއެވެ. އެ ކޮމިޝަނުގެ ރައީސަކީ، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ފަރާތެއް ކަމަށްވީއިރު، މިއީ ނުސީދާކޮށް ބާރުތައް ނަގައިގެން، މުޅި ޕްރޮސެސްއަށް ނުފޫޒު ހިންގުމުގެ ހީލަތްތެރި ރޭވުމެއްކަން ސާފުކޮށް އެނގެއެވެ.

ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) ގެ ދަށުން، 5 އަހަރުގެ ދައުރަކަށް، ރައްޔިތުން އިންތިހާބުކުރި ކައުންސިލުތަކުގެ ދައުރުގެ ތެރެއިން، މަސްއޫލިއްޔަތުތައް އަދާކުރުމުގެ 1 އަހަރު އުނިވާގޮތަށް ޤާނޫނެއް ފާސްކުރިއިރު، އެކަމަށް ރައްޔިތުންގެ ހިޔާލު ހޯދައިފައެއް ނުވެއެވެ. މިހެންކަމުން، މި ބިލުގެ ބޭނުމަކީ، ކޮންމެހެން ރައްޔިތުންގެ ހިޔާލު ހޯދުން ނޫންކަމާއި، އަދި ސަރުކާރުން ބޭނުންވާ ކަންކަން ވަކި ގޮތަކަށް ނިންމުންކަން ސާފުކޮށް އެނގެއެވެ. ނަތީޖާއަކީ، ގައުމީ މުހިންމު ކަންކަމުގައި، ރައްޔިތުންގެ ބަސް އިއްވުމަށް އޮތް ފުރުސަތު ހަނިވުމެވެ.

 

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހާ ހަވާލުކޮށްފައިވާ މަތިވެރި ޒިންމާ އަދާކުރުންމަތީ، މި ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް ދެމި އޮންނާނެކަމުގެ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ.

ފަހުގެ ނޫސް ބަޔާންތައް

ނޫސް ބަޔާން

3rd January 2026

ސަރުކާރުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަންކަމަށް ހުރަސްއެޅުން ކުށްވެރިކުރުން

ނޫސް ބަޔާން

3rd January 2026

އިންތިހާބަށް ނުފޫޒު ފޯރުވުމަށް ތުޅާދޫގެ ހައުސިންގ ޔުނިޓްތައް ދޫކުރަން ސަރުކާރުން ކުރަމުން އަންނަ ކަންކަން ހުއްޓައިލުމަށް ގޮވައިލުން

ނޫސް ބަޔާން

31st December 2025

ހދ. ހިރިމަރަދޫގެ ރައްޔިތުން 2026 އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި އެރަށުގެ ރައްޔިތުންގެ ވޯޓުލުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ނިންމުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރުން

ނޫސް ބަޔާން

13th December 2025

މަސައްކަތްތެރިންގެ ހައްގުގައި އަޑުއުފުލަމުންދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޤާނޫނާ ހިލާފަށް ހައްޔަރުކުރި މައްސަލަ އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނަށް ހުށަހެޅުން