އެމްޑީޕީގެ ސަރުކާރަށް 4 އަހަރު

ގިނަ ޕާރޓީ އެކުލެވޭ ސިޔާސީ ނިޒާމުން ކަށަވަރު ކޮށްދޭ ޙައްޤު ތަކާ އޭގެ އަގުތަށް ދިވެހިރާއްޖެއިން ގެއްލެމުން ދިޔަ ރިޔާސީ ދައުރަކަށް ފަހު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙަންމަދު ޞޯލިޙް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވިތާ މިއަދަށް މިފުރުނީ 4 އަހަރެވެ. ދުވަހުގެ ތަހްނިޔާ ރައީސުލް ޖުމްހޫރިއްޔާ އަށާ އެމްޑީޕީގެ ލޮބުވެތި މެމްބަރުންނަށާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ދަންނަވަމެވެ.

2018ގެ ރިޔާސީ މެނިފެސްޓޯގެ ބޮޑު އިންސައްތަ ކާމިޔާބު ކުރެވޭ މަރުޙަލާ އަށް މި 4 އަހަރުން ވާޞިލު ވެވުނީ ހުރިހާ ރަށަކާ އެންމެހާ ރައްޔިތުންނަށް ހަމަހަމަ 4 އަހަރުގެ ގޮތުގައިކަން މިޕާޓީން ފާހަގަ ކުރަމެވެ.

މެނިފެސްޓޯގައި ނެތް ކަމެއްގެ ގޮތުގައި ސަރުކާރުން ޙާޞިލު ކުރި އެންމެ ބޮޑުކާމިޔާބީ އަކީ ކޮވިޑް 19 ގެ އާލަމީ ބަލިމަޑު ކަމުން އަރައިގަތުމުގައި ނަމޫނާ ގައުމަކަށް ރާއްޖެ ވެގެން ދިޔަ ބޮޑު ކާމިޔާބީ އެވެ.

ބައިނަލް އަގްވާމީ ތަފާތު ގޮންޖެހުން ތަކާ ހައްސާސް ޙާލަތް ތަކުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ތަކުގެ މަޝްރޫޢުތަށް ހަމަހަމަ ކަމާއެކު މި 4 އަހަރު ރަށްތަކުގައި ހިންގުނެވެ. ކަރަންޓާ މަގާ ބަނދަރާ އުމްރާނީ ވަސީލަތްތަކާ ޞިއްޙީ ދާއިރާ އެހެން ހަރުފަތަކަށް އުފުލައި ދެވުނެވެ. ހުނަރާ ތަމްރީނާ ހިލޭ ޑިގްރީ މުޅިރާއްޖެއަށް ފަތުރާލެވި، ތައުލީމީ ދާއިރާ އަށް އިންގިލާބީ ހެޔޮ ބަދަލު ތަކެއް ގެނެވުނެވެ.