ނޫސް ބަޔާން

ގދ. ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑް ކުރުން ކުށްވެރި ކުރުން

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ގދ. ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުالله އަލީ އެއްވެސް އަސާސެއް ނެތި ސަސްޕެންޑް ކުރުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރި ކުރަމެވެ.

މިއީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެ ކައުންސިލުގެ އަގު ވައްޓާލައި، އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންގެ ބާރުތައް ކަނޑުވައިލުމަށް ވެރިކަން ކުރާ ޕީއެންސީން ކޮށްފައިވާ ކަމެކެވެ. އެލްޖީއޭއިން މި ފިޔަވަޅު އަޅާފައި މިވަނީ ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ސައުދުالله ހިލްމީ ބޭނުންވާ ގޮތަށް އެ ކައުންސިލުން އަމަލު ކުރަމުން ނުދާތީ އެ އޮތޯރިޓީއަށް ހުށަހެޅި އެއްވެސް ހަގީގަތެއް ނެތް މައްސަލަތަކެއްގެ މައްޗަށް ބިނާކޮށެވެ. އަދި އެ މައްސަލަތައް ނުބަލައިގެން ތަކުރާރުކޮށް އެލްޖީއޭއަށް ނުފޫޒު ފޯރުވާފައިވާއިރު ކައުންސިލަރުންނަށް އެކި ޕްލެޓްފޯމްތަކުގައި ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.

މި މައްސަލަތައް ބެލުމަށް ތިނަދޫ ސިޓީ ކައުންސިލުން އެލްޖީއޭއަށް ފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަމަށް އެ ކައުންސިލުން މި ޕާޓީއަށް މައުލޫމާތު ދީފައިވެ އެވެ. އެއްވެސް އިންޒާރެއް ދިނުމެއް ނެތި އަވަސް އަރުވާލައިގެން މިއަދު ކައުންސިލަރުން ސަސްޕެންޑްކޮށްފައި ކޮށްފައިވާއިރު މިހާތަނަށް އައިއިރު ތިނަދޫ ސިޓީ ކައުންސިލްގެ އިދާރީ ހިންގުން އިސްލާހު ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅަން އެލްޖީއޭއިން އަންގާފައި ނުވެ އެވެ.

މިއަދުގެ އޮފީސް ބަންދުކުރިއިރު ވެސް މިފަދަ ފިޔަވަޅެއް އަޅާފައިވާކަން އެލްޖީއޭގެ ފަރާތުން ތިނަދޫ ސިޓީ ކައުންސިލަށް ރަސްމީކޮށް އަންގާފައި ނުވެ އެވެ. އެލްޖީއޭއިން މަސައްކަތް ކުރަމުން ދަނީ މި ޣައިރު ގާނޫނީ ފިޔަވަޅު އުވައިލުމަށް ކޯޓަށް ދިޔުމަށް ތިނަދޫ ސިޓީ ކައުންސިލަށް ފުރުސަތު ނުދިނުމަށް ކަމަށް މި ޕާޓީން ދެކެމެވެ.

ޕީޕީއެމް/ޕީއެންސީގެ ފުރަތަމަ ވެރިކަމުގައި ވެސް އެއްވެސް އިޖުރާއަތެއް ހިންގުމެއް ނެތި ކައުންސިލަރުން ސަސްޕެންޑް ކުރިއިރު އަނެއްކާ ވެސް އެ ދުވަސް އިއާދަކޮށް ލާމަރުކަޒީ ގާނޫނުގެ ބާރު ކަނޑުވައިލުމަށް މި ސަރުކާރުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ ބާރުތައް މަރުކަޒު ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވި ބޮޅެކެވެ.

ކައުންސިލްތަކަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ސަރުކާރުން އަޅަމުންދާ ހުރަސްތަކާ ދެކޮޅަށް ރައްޔިތުންގެ މަޖީލީހާއި ކޯޓުތައް މެދުވެރިކޮށް މި ޕާޓީން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ކައުންސިލްތަކަށް އަރުވަމެވެ. އޭގެ އިތުރުން، އެލްޖީއޭ މެދުވެރިކޮށް ސަރުކާރުން އަޅަމުންދާ ޣައިރު ގާނޫނީ ފިޔަވަޅުތަކާ ދެކޮޅަށް ތެދުވުމަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އެމްޑީޕީން ގޮވާލަމެވެ.

ފަހުގެ ނޫސް ބަޔާންތައް

ނޫސް ބަޔާން

3rd June 2025

ގެދޮރުވެރިޔާ ސްކީމު ބޭނުންކޮށްގެން ސިޔާސީ ގޮތުން ދައުވާ އުފުލުން ކުށްވެރި ކުރުން

ނޫސް ބަޔާން

1st June 2025

މޯލްޑިވްސް ޔޫކޭ ޑަޔަލޮގުން އެފްޓިއޭގެ ވާހަކަ އުނިކޮށްފައިވާ ސަބަބު ހާމަކުރުމަށް ގޮވާލުން

ނޫސް ބަޔާން

14th May 2025

ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުން ކުށްވެރި ކުރުން

ނޫސް ބަޔާން

2nd May 2025

ޒުވާނުންގެ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށް ގޮވާލުން