ނޫސް ބަޔާން

ގެދޮރުވެރިޔާ ސްކީމު ބޭނުންކޮށްގެން ސިޔާސީ ގޮތުން ދައުވާ އުފުލުން ކުށްވެރި ކުރުން

މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު އެކުލަވާލުމުގެ ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ ކަމުގެ އެއްވެސް ހެއްކެއް ނުދައްކައި، ސިޔާސީ މަގުސަދެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރި ކުރަމެވެ.

ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ ކަމަށް ބުނެ ދޮގު ތުހުމަތުތަކެއް ކޮށް ދައުވާ އުފުލަން ނިންމާފައިވާއިރު މުއިއްޒުގެ ސަރުކާރުން ފްލެޓު ދިނުމަށް ނިންމާފައިވަނީ ހަމަ މިދިޔަ ސަރުކާރުން ގެޒެޓުގައި ޝާއިއުކުރި ލިސްޓަށެވެ. ދައުލަތުގެ އެކި އިދާރާތައް މެދުވެރިކޮށް އެތައް ރައްޔިތުންގެ ހައްގު ބޯހިޔާވަހިކަން ސަރުކާރުން ދޮޅު އަހަރު ވަންދެން ހިފަހައްޓައިގެން ތިބިކަން އެ ކަމުން ވެސް ސާފުވެގެންދެއެވެ.

ސިޔާސީ ނުފޫޒުގައި ފިތި ބާރުވެފައި ތިބި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަމަލު ކުރަމުން ދަނީ ސީދާ ރައީސް މުއިއްޒުގެ އޯޑަރަށެވެ. މި މައްސަލާގައި އޭސީސީއިން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ކަނޑައެޅިގެން ހިލާފަށެވެ. އެމްޑީޕީއިން ދެކެނީ މި ތަހުގީގަކީ ފެށުނީއްސުރެ ވަކި އަތަކަށް ޖެހިފައިވާ ސިޔާސީ ތަހުގީގެއްގެ ގޮތުގަ އެވެ.

މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ބާތިލު ކުރުމުން އަލުން އާ އަމުރެއް ބޭނުންކޮށްގެން އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ސަރުކާރަށް ފާޑުކިޔާ މީހުންގެ އަޑު ކަނޑުވާލައި އިދިކޮޅު ފަރާތްތަކަށް ހުރަސް އެޅުމުގެ ބޭނުމުގަ އެވެ.

މިފަހަރު ވެސް އޭސީސީ މެދުވެރިކޮށް ގެދޮރުވެރިޔާ ސްކީމާ ގުޅޭ އެއްވެސް އަސްލެއް ނެތް ހިޔާލީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ދައުވާ ކުރަމުންދަނީ ފްލެޓުތައް ހަވާލު ކުރުން ލަސްކުރުމުގެ ބޭނުމުގަ އެވެ. މި ދައުވާތަކަކީ ކުރިއަށް އޮތް އިންތިހާބުތަކާ ހަމައަށް ފްލެޓު ދިނުން ލަސްކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ފްލެޓުތައް ބޭނުން ކުރުމުގެ ނުބައި ނިޔަތުގައި ސަރުކާރުގެ ނުފޫޒުން އުފުލާ ދައުވާތަކެކެވެ.

އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ޒިންމާ އަދާކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނުއަސާސީއާ ހިލާފަށް ވަކިކޮށްފައިވުމަކީ މިކަމުގައި އިންސާފުވެރި ޝަރީއަތެއް އެއްވެސް ފަރާތަކަށް ނުލިބޭނެކަން އަންގުވައިދޭ ކަމެކެވެ. ފަނޑިޔާރުގެ އާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް ބާރުގައި އުމުރު ދުވަހު ހުންނެވޭނެ ކަމަށް ރައީސް މުއިއްޒު އުންމީދު ކުރެއްވި ނަމަވެސް، އިންސާފުގެ މަގުން ފެއަށް ޖެހި ފަސާދައިގެ މަގުން ހިނގަމުން މިދާ ސަރުކާރާ ދެކޮޅަށް ދިވެހި ރައްޔިތުން ކާމިޔާބު ހޯދާނެކަން ސަރުކާރަށް ހަނދުމަކޮށްދެމެވެ.

ފަހުގެ ނޫސް ބަޔާންތައް

ނޫސް ބަޔާން

25th June 2025

ގދ. ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑް ކުރުން ކުށްވެރި ކުރުން

ނޫސް ބަޔާން

1st June 2025

މޯލްޑިވްސް ޔޫކޭ ޑަޔަލޮގުން އެފްޓިއޭގެ ވާހަކަ އުނިކޮށްފައިވާ ސަބަބު ހާމަކުރުމަށް ގޮވާލުން

ނޫސް ބަޔާން

14th May 2025

ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުން ކުށްވެރި ކުރުން

ނޫސް ބަޔާން

2nd May 2025

ޒުވާނުންގެ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށް ގޮވާލުން