ނޫސް ބަޔާން

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދުވަހުގެ މުނާސަބަތުގައި ނެރޭ ނޫސްބަޔާން

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދުވަސް މާދަމާ ފާހަގަކުރާއިރު މަސްތުވާތެކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ފަރުވާ ދިނުމާއި އެ މީހުން އަނބުރާ މުޖުތަމައުއަށް ގެނައުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ.

ރާއްޖެއިން ސޮއިކޮށްފައިވާ އދ. ގެ މުއާހަދަތާ ހިލާފަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަކީ ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް އެ ހޯމް މިނިސްޓްރީގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި މި ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. މިއީ ނުރައްކާތެރި ވަބާއިން ދިވެހި ސަލާމަތް ކުރުމުގެ ބަދަލުގައި އެ ފަރާތްތައް ބާކީކޮށް މުޖުތަމައުއިން އެކަހެރި ކުރުމަށް ސަރުކާރުން ގެނައި ބަދަލެއް ކަމަށް މި ޕާޓީން ދެކެމެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގައުމީ ސިޔާސަތު އެކަށައެޅުމާއި، ހުރި ސިޔާސަތުތަކަށް ގެންނަން ބަދަލު ގެނައުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވާ ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް (އެންޑީސީސީ) ގެ ބައްދަލުވުމެއް މި ވެރިކަމުގައި މިހާތަނަށް ބާއްވާފައި ވަނީ އެންމެ ފަހަރަކު އެވެ.

ގާނޫނުގައި ބަޔާންކުރާ މަގާމުގެ ޝަރުތު ހަމަނުވާ އެކްޓިން ސީއީއޯއަކު އެންޑީއޭ ހިންގަވާތާ ދެ އަހަރު ވަމުން އަންނައިރު އެންޑީއޭ ހިންގުމުގެ ތެރެއަށް ފަންނީ ނޫން ބޭފުޅުން ވަދެ އެ އެޖެންސީގެ ކަންކަން މިއަދު ވަނީ ބޮއްސުންލައިފަ އެވެ. ފަންނީ ބޭފުޅުން އެކަހެރި ކުރުމަށް ފަހު، އެންޑީއޭގެ ބޯޑުން، ހާއްސަކޮށް ޗެއާމަންއާ ގާތް އެއްވެސް ތަމްރީނެއް ނެތް މީހުންނަށް ކަންކަން ނިންމުމުގެ ބާރު ދީފައިވާތީ، މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާ އެތައް ފަރާތެއްގެ ހައްގުތައް ވަނީ ގެއްލިފަ އެވެ. އެންޑީއޭގެ ބޯޑުގެ ކަންކަން ޗެއާމަން އަމިއްލައަށް ނިންމަމުން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ރާއްޖޭގެ ޕާޓީ ޑްރަގްސް އާދަޔާ ހިލާފަށް އަވަހަށް އާންމުވަމުން އަންނައިރު، މި ވަބާއިން މީހުން ސަލާމަތް ކުރުމަށް ފަރުވާގެ ނިޒާމު ގާއިމުކޮށް، އަދި ދުރާލައި ރައްކާތެރިކަން ފޯރުކޮށްދެވޭނެ އެއްވެސް ސިޔާސަތެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައި ނެތުމަކީ އެމްޑީޕީގެ ކަންބޮޑުވުމެކެވެ.

މަސްތުވާތަކެއްޗަށް ފަރުވާ ދިނުމަށް އެމްޑީޕީގެ ސަރުކާރުން ޑިޒައިންކޮށް، ގާއިމުކޮށްފައިވާ މަރުކަޒުތަކަކީ ރިމާންޑް ޖަލުތަކެއް ކަމަށް މި ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. އޭގެ ސަބަބުން އެ ތަންތަނުގައި ތިބި މުވައްޒަފުންނަށް މަރުކަޒުތައް ބަލަހައްޓަން ދަތިތަކާ ދިމާވެ، އެ މަރުކަޒުތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުން ވަނީ އާންމުވެފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މަސްތުވާތަކެތި ބޭނުންކުރުމަކީ ބަލިމަޑުކަމެއް ކަމަށް ކަނޑައަޅާފައިވާއިރު، އެ ކަމަށް ފަރުވާ ދިނުމުގައި ސައިންސްގެ މައްޗަށް ބިނާވެފައިވާ ފަރުވާ ނުދެވުމާއި، ކައުންސިލް އަދި ތެރަޕީ ނުދެވުމަކީ، ފަރުވާ ހޯދާ މީހުން އަލުން އަނބުރާ އެ ވަބާގެ ތެރެއަށް ގޮސް، ދައުލަތުގެ ފައިސާ އިސްރާފުވަމުންދާ ކަމެކެވެ.

ސަރުކާރަށް ދެ އަހަރު ވާން ދާއިރު މަސްތުވާތަކެތި ބޭނުންކުރުމަކީ ފަރުވާ ދިނުމުގެ ބަދަލުގައި އަދަބު ދީގެން ހައްލު ކުރެވޭނެ ކަމެއް ކަމަށް ތަކުރާރުކޮށް ހޯމް މިނިސްޓަރު ވިދާޅުވެ، އެ މަގަށް ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމަކީ، މި މައްސަލަ އިތުރަށް ގޯސްވެ، ވަރަށް ގިނަ ޒުވާނުން މި ބަލިމަޑުކަމަށް ހުށަހެޅި، ގިނަ އާއިލާތަކެއް ބިކަވެގެންދާނެ ކަމެއް ކަމަށް މި ޕާޓީން ދެކެމެވެ.

މަސްތުވާތަކެތި ބޭނުންކުރުމާއި، މި ބައްޔަށް ޒުވާނުން ހުށަހެޅުން މަދުކުރުމަށްޓަކައި އެކުލަވާލަން ޖެހޭ ސިޔާސަތުތައް އެންޑީސީސީއިން ކަނޑައަޅައި، އެންޑީއޭގެ ބޯޑާއި އެންޑީއޭގެ ހިންގުން ހަރުދަނާކޮށް، ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ސީއީއޯއެއް އައްޔަނު ކުރުމަށް ގޮވާލަމަވެ. ހަމައެހެންމެ، މަސްތުވާތަކެއްޗަށް ދޭ ފަރުވާއަކީ ސައިންސްގެ މައްޗަށް ބިނާވެފައިވާ ފަރުވާތަކެއްކަން ޔަގީންކޮށް، ފަރުވާ ހޯދާ މީހުންނަކީ މުޖުތަމައުއަށް އަލުން ހިދުމަތް ކުރުމުގެ ފުރުސަތު ލިބޭނެ ބައެއްކަން ކަށަވަރު ކޮށްދިނުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލަމެވެ.

ފަހުގެ ނޫސް ބަޔާންތައް

ނޫސް ބަޔާން

25th June 2025

ގދ. ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑް ކުރުން ކުށްވެރި ކުރުން

ނޫސް ބަޔާން

3rd June 2025

ގެދޮރުވެރިޔާ ސްކީމު ބޭނުންކޮށްގެން ސިޔާސީ ގޮތުން ދައުވާ އުފުލުން ކުށްވެރި ކުރުން

ނޫސް ބަޔާން

1st June 2025

މޯލްޑިވްސް ޔޫކޭ ޑަޔަލޮގުން އެފްޓިއޭގެ ވާހަކަ އުނިކޮށްފައިވާ ސަބަބު ހާމަކުރުމަށް ގޮވާލުން

ނޫސް ބަޔާން

14th May 2025

ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުން ކުށްވެރި ކުރުން