އެމް.ޑީ.ޕީ މާފަންނު ހުޅަނގު ދާއިރާއިން ނެރޭ ނޫސްބަޔާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމް ޑީ ޕީ) ގެ ރައީސް، ރައީސް މުޙަންމަދު ނަޝީދަށް އަމާޒުކޮށް، 06 މޭ 2021 ވަނަ ދުވަހުގެ ރޭ އިރާކޮޅު މާލޭ ސިޓީގައި ބަޔަކު ދިން ނިރުބަވެރި ހަމަލާ، އެމް.ޑީ.ޕީގެ މާފަންނު ހުޅަނގު ދާއިރާގެ އެންމެހައި ރައްޔިތުންގެ ފަރާތުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. ރައީސް ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށްގެން ދެވުނު މި ނުރައްކާތެރި، ދަށުދަރަޖައިގެ ނާހަތުޒީބީ ހަމަލާގެ މައްސަލާގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އަވަސް ފިޔަވަޅު އަޅައި މި ނުރައްކާތެރި ޖަރީމާ ރާވައި، ހިންގި ފަރާތްތަކުގެ މައްޗަށް ހަރުދަނާ ތަޙްޤީގެއް ހިންގުމަށް ދިވެހި ސަލާމަތީ ޚިދުމަތްތަކަށް އަޅުގަނޑުމެން ފަށްފަށްކޮށް ގޮވާލަމެވެ. އަދި މިފަދަ ނިރުބަވެރި ހަމަލާތައް ތަޙްޤީޤްކުރާ ބައިނަލްއަޤްވާމީ ފަންނީ މާހިރުންގެ ލަފަޔާއި އިރުޝާދުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށްވެސް ސަލާމަތީ ޚިދުމަތްތަކަށާއި ސަރުކާރަށް އިލްތިމާސް ދަންނަވަމެވެ. ހަމަ އެހެންމެ ދިވެހި މި މުޖުތަމަޢުއިން މިފަދަ ފަނާކުރުވަނިވި ނިރުބަވެރި ފިކުރު ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރުމަށް ސަރުކާރަށް ގޮވާލަމެވެ.
ރައިސް މުޙަންމަދު ނަޝީދަކީ ރައްޔިތުންގެ ބާރުވެރިކަމަށާއި، އިޤްތިޞާދީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ހަރުދަނާކުރުމަށާއި، ކޮރަޕްޝަނާ، ފަސާދައާއި ދީނުގެ ނަމުގައި ގެންގުޅޭ އެންމެހާ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްޕުޅު ކުރެއްވުމުގައި ހިތްވަރުފުޅު ބަލިވުމެއްނެތި ދެމިހުންނެވި ބޭފުޅަކަށްވީހިނދު އަދި މިދަފަ ފިނޑި ހަމަލާއެއްގެ ބިރުވެރިކަމަށް ދީލާލާނެ ބޭފުޅެއް ނޫންކަމަށްވީއިރު، އެމަނިކުފާނަށް ދެވުނު މި ލާއިންސާނީ ހަމަލާއަކީ ސީދާ ދިވެހި ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން ދިން ވަރަށްވެސް ނާތަހުޒީބީ ފިނޑި ހަމަލާއެއްކަމަށް ދެކެމެވެ.
އެމް.ޑީ.ޕީގެ މާފަންނު ހުޅަނގު ދާޢިރާގެ އެންމެހައި ރައްޔިތުންގެ ހިތުގެ އިޚްލާޞްތެރި ދުޢާ އަކީ އަރަހުށި މާތްﷲ ރައީސް ނަޝީދަށް އަވަސް ޝިފާއެއް މިންވަރުކުރައްވާ، ފުރިހަމަޞިއްހަތެއްގައި އަޅުގަނޑުމެންނާއެކު ލެހެއްޓެވުމެވެ. އަދި މި ނުރައްކާތެރި ހަމަލާގައި އަނިޔާވި އެމަނިކުފާނުގެ ސެކިއުރިޓީ ބޭފުޅުންނަށާއި، ޢާއްމު ފަރާތްތަކަށް އަވަސް ޝިފާއަކަށްއެދި މާތްﷲގެ ޙަޟްރަތަށް ދުޢާދަންނަވަމެވެ.
25 ރަމަޟާން 1442
07 މޭ 2021

މުޙައްމަދު ފަލާހް ދާއިރާގެ ރައީސް