ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާ ކުށްވެރިކޮށް، ހަރުދަނާ ތަޙްޤީޤެއް ހިންގުމަށް ގޮވައިލާ ހެންވޭރު ހުޅަނގު ދާއިރާއިން ނެރޭ ނޫސްބަޔާން

ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާ ކުށްވެރިކޮށް، ހަރުދަނާ ތަޙްޤީޤެއް ހިންގުމަށް ގޮވައިލަން

ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 6 މޭ 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ 8:30 ހާއިރު ދިން ބޮމުގެ ޙަމަލާ ހެންވޭރު ހުޅަނގު ދާއިރާއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ޙާލު، މިޖަރީމާ ރާވާ، ހިންގި ފަރާތްތަކާއި، ގޮތްތަކުގެ މައްޗަށް ހަރުދަނާ ތަޙްޤީޤެއް ހިންގުމަށް ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް ގޮވައިލަމެވެ. އަދި މިތަޙްޤީޤުގައި އެކުވެރި ދައުލަތްތަކާއި، ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީ ހޯދުމަށް ދިވެހި ސަރުކާރަށް ގޮވައިލަމެވެ.
ރައީސް ނަޝީދުގެ ވަށައިގެން ހުރި ހަށިފާރަވެރިކަން ފޫއަޅުވާލައި، ފުރާނަފުޅު ދުއްވާލުމަށް މިފަދަ ޙަމަލާއެއް ދޭއިރު، މިރާއްޖޭގައި މިބާވަތުގެ ފަނާކުރުވަނިވި، ޓެރަރިސްޓް ފިކުރު އާލާވެފައި ހުންނާނޭ މިންވަރަށް އަލިކުރެއެވެ. މިމައްސަލައިގެ އެންމެ އަޑިއާ ހަމައަށް ފީނާ ނުހޯދިއްޖެނަމަ، ހަމަ ކަށަވަރުންވެސް މިފަދަ ޢަމަލުތަކުގެ ވެރިންނަށް އައު ހިތްވަރާއި، ވަރުގަދަކަން ލިބޭނެއެވެ.
ރައީސް ނަޝީދަކީ ހިތްވަރުފުޅު ބަލިވުމެއްނެތި، އިންސާނީ ޙައްޤުތަކާއި، ހެޔޮ ވެރިކަން އަދި ހައްދުފަހަނަ އެޅި ދީނީ ހަރުކަށި ފިކުރާ ދެކޮޅު ވަކާލާތުގައި ދެމިހުންނެވި، ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ޗެންޕިއަނެވެ. އެމަނިކުފާނަކީ ދޭ ގެއްލުމަކަށް، ކުރާ އަނިޔާއަކަށް، ދައްކާ ބިރަކަށް ފަސާދައިގެ މަގަށް ދީލާލައްވާނެ އިންސާނެއް ނޫނެވެ.
މާތްﷲ ރައީސް ނަޝީދަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމީ މިދާއިރާގެ ހިފެހެއްޓުމެއް ނެތް އިޚްލާސްތެރި ދުޢާއެވެ. އަދި މިހިތްދަތި ދަނޑިވަޅުގައި، ރައީސް ނަޝީދުގެ ޢާއިލާއަށާއި، ގާތްތިމާގެ، އެކުވެރި، އަދި ހެޔޮއެދޭ އެންމެހައި ފަރާތްތަކަށް ކެތްތެރިކަންދެއްވުން އެދި ދުޢާ ދަންނަވަންމެވެ.
7 މޭ 2021، 5 ގ. 15 މ.