ސިއްޙީ ޚިދުމަތްތެރިންނާއި، ސިއްޙީ ނިޒާމާއި، ވެކްސިނާއިމެދު ޝައްކު އުފެއްދުމުގެ ވާސިތާއިން ސިޔާސީ މަންފާ ނެންގެވުމަށް މަސައްކަތްނުކުރުމަށް ރަށްވެހި ފަތިސް ކެންޕޭނުން ގޮވާލައިފި

ކޯވިޑް19ގެ މި ބަލިމަޑުކަމުގައި ސިއްޙީ ޚިދުމަތްތެރިންނާއި، ސިއްޙީ ނިޒާމާއި، ވެކްސިނާއިމެދު ޝައްކު ނުއުފެއްދުމަށް ރަށްވެހި ފަތިސް ކެންޕޭނުން ގޮވާލައިފިއެވެ.

މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން 3 ފެބްރުއަރީ 2021 ވީ ބުދަ ދުވަހު ބޭއްވި ރަށްވެހިފަތިސް ކެންޕޭނުން އޮންލައިންކޮށް ބޭއްވި ދެވަނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މުޙައްމަދު ސައިފް ފާތިޙް ވާހަކަދައްކަވަމުން ވިދާޅުވީ ސިޔާސީ ވާދަވެރިކަން ނުކުޅަދާނަ މިންވަރަށް އުފުލާ، ޢާންމު ސިއްޙަތަށް ގެއްލުން ލިބޭނެ މަގަށް އެ ފަރާތްތަކުން ގެންދަވަނީ ވާހަކަދައްކަވަމުންކަމަށާއި، ސިޔާސީ މަންފާ ހޯއްދަވާންކަމަށް ހިތްތަވާ ނަމަވެސް، ވެކްސިންގެ ނުވަތަ ސިއްޙީ ޚިދުމަތްތެރިންގެ އިތުބާރު ގެއްލޭފަދަ ވިޔާނުދާ ވާހަކަދެއްކެވުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއްކަމަށެވެ.

އަދި ޔޫރަޕްގެ ޤައުމުތަކުން އެވެކްސީނެއް ނުލިބިގެން ތެޅިފޮޅެމުންދާ ވެކްސީން އެކުވެރި އިންޑިޔާއިން ދިވެހިރާއްޖެއަށް ހިލޭ ފޯރުކޮށްދިނީމާވެސް، ވެކްސިނާމެދު ޝައްކު އުފެދޭ މަގުން އިދިކޮޅު ފަރާތްތަކުން ޢަމަލުތައް ބަހައްޓަވާކަން މައްޗަށް ހިތާމަކުރައްވާކަން ފާހަގަކުރައްވާ، ދިވެހި ރައްޔިތުންނަކީ ދުނިޔެވީގޮތުންނާއި، ސިޔާސީގޮތުންވެސް ހޭލުންތެރި ބަޔަކަށްވާ ހިނދު، ދެކޮޅުނުޖެހޭ، ފިތުނަވެރި، ދޮގު ވާހަކަދައްކަވާނަމަ، ހަމަ ޔަޤީނުންވެސް ރައްޔިތުން ވޯޓުލާއިރު އެކަމަށް ރިޢާޔަތްކުރައްވާނެކަމަށެވެ.

“އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ލީޑަރޝިޕްގެ ދަށުން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ސަލާމަތުގެ އައްސޭރި އެބަ ފެނޭ. ވެކްސިން ޖަހައިގެން، ސަރުކާރުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އެއަންގަވަމުން ގެންދަވާ އިރުޝާދުތަކާ އެއްގޮތަށްގޮސް، ރާއްޖޭގެ ރައްޔިތުންނަށް، ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ޖަހާ، އިރާދަކުރެއްވިއްޔާ މިކަމުން އަރައިގަނެވޭނެ”.

އެމްޑީޕީއިން އެންމެ އިސްކަން އަބަދުވެސް ދޭނީ ދިވެހިރައްޔިތުންގެ ސަލާމަތާއި، ޢާންމު ސިއްޙަތާއި، ޢާންމު މަސްލަޙަތަށްކަން ފާހަގަކުރައްވަމުން، އެއިންކަމަކަށް ކުޑަވެސް ގެއްލުމެއް ލިބޭފަދަ ގޮތަކަށް އެމްޑީޕީގެ ހަމަ އެންމެ ކެންޕޭން ހަރަކާތެއްވެސް ނުބާއްވާނެކަމުގެ ޔަޤީންކަން ރަށްވެހި ފަތިސް ތަރުޖަމާނު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވިމެއެވެ.

“ގައިދުރުކޮށްގެން، މާސްކް އަޅައިގެން، ރަނގަޅަށް ސާފުކޮށް އަތްދޮވެގެން، ކަރަންޓީނުވެގެން، ކޯވިޑާއެކު އުފަންވި އައު އުކުޅުތަކާއި، ޓެކްނޮލޮޖީ މެދުވެރިކޮށް ލާމަސީލު ރަށްވެހިފަތިސް ކެންޕޭނެއް ތިޔަ ބޭފުޅުންނަށް އަޅުގަނޑުމެން ދައްކާނަން.” ރަށްވެހި ފަތިސް ކެންޕޭންގެ ތަރުޖަމާނު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ކެންޕޭން ޓީމުތަކުން ކޯވިޑްގެ ސަލާމަތާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަން ދެއްވުމަށް ހަނދާންކޮށްދެއްވިމެއެވެ.

10 އޭޕްރީލް 2021 ވާ ހޮނިހިރު ދުވަހު އޮންނަ ލޯކަން ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށްޓަކައި ކެންޕޭން ޓީމުތައް އަލުން ރުކުރުވުމާއި، އަދާހަމަކުރުމާއި، ކޯލް ސެންޓަރުތަކުގެ މަސައްކަތްތައް ފެށުމާއި، އިންތިޚާބުގެ މޮނިޓަރުންނާއި، އޮބްޒަރވަރުން އަލުން ތަރުތީބުކުރުމުގެ މަސައްކަތް އެމްޑީޕީއިން މިހާރުދަނީ ބާރަށް ހިންގަމުންނެވެ.