20 ޖެނުއަރީ 2010
ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ތައުލީމީ ދާއިރާއިން، މިސަރުކާރު ކުރިއެރުންތަކެއް ހޯދާފައިވާ ކަމުގައި އެ ވުޒާރާގެ ނައިބު ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި އޮތް އެޕާޓީގެ ޢާންމު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ މި ކުރު މުއްދަތުގެ ތެރޭގައި ތަޢުލީމީ ދާއިރާއިން މިސަރުކާރު ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަ ކޮށްލަންޖެހޭ އެއްކަމަކީ ވޭތުވެދިޔަ އަހަރު ރާއްޖޭގެ އެކި ސަރަޙައްދު ތަކުގެ ސްކޫލްތަކުގައި ގިނަ ކްލާސް ރޫމްތަކެއް އަޅައި މި ފެށުނު ދިރާސީ އާއަހަރުގެ ކިޔެވުން ފެށުނު އިރު، ގިނަ އަދަދެއްގެ ސްކޫލްތަކުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުންކަން ފާހަގަ ކުރެއްވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި އިސްލާމީ މަޝްވަރާ މަޖިލީހުގެ މެންބަރު އައްޝައިޚް އާދަމް ނަސީމްގެ ޚާއްޞަ ދީނީ ނަސޭހަތުގެ ބަސްކޮޅަކުން ފެށުނު މިޖަލްސާގައި ވާހަކަދައްކަވަމުން ޝިފާ ވިދާޅުވީ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސްކޫލްތަކުގައި ސަތޭކަ ހަތްދިހަ އެއް ކްލާސްރޫމް އަޅާ، ރާއްޖޭގެ ސްކޫލް ތަކުގައި ކިޔަވާ ދަރިވަރުންނަށް ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުމަށް ސަތޭކަ އެއް ސްކޫލެއްގައި އެއްދަންފަޅިއަށް ކިޔަވައިދޭން ފެށުމަކީ އަހަރުދުވަހުގެ ތެރޭގައި މިސަރުކާރަށް ލިބިފައިވާ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމުގައެވެ.
މީގެ އިތުރުން މިއަހަރު ރާއްޖޭގެ އެކި ސްކޫލްތަކުގައި ޤުރުއާން ކިޔަވައި ދިނުމަށް އަށްޑިހަތިން ޤުރުއާން ޓީޗަރުން ފޮނުވާފައި ވާނޭކަމަށާއި، ފަށާތަޢުލީމުން ފެށިގެން މަތީ ތަޢުލީމާ ހަމަޔަށް ކަނޑައެޅޭ ޚާއްސަ މަންޙަޖެއް މިހާރު އެކުލަވާލައްވަމުން ގެންދަވާކަމުގައި ވެސް ޝިފާ ވިދާޅުވި އެވެ.
ޤިޔާސުއްދީން ސްކޫލް ޕްރައިވަޓައިޒްކުރުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިހްތިޖާޖު ކުރަމުން ދަނިކޮށް، ސަރުކާރުން އެސްކޫލް ޕްރައިވަޓައިޒްކޮށް އިންޓަރނޭޝަނަލް ސްކޫލަކަށް ބަދަލުކުރުމުން ގިނަ އަދަދެއްގެ ކުދިން އެސްކޫލާ ގުޅެމުންދާ ކަމީ ސަރުކާރުގެ މިސިޔާސަތަށް ރައްޔިތުންގެ ތާއީދު އޮތްކަން ދޭހަވާ ކަމެއް ކަމުގައިވެސް ޝިފާ ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަދެއްކެވި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަސްލަމް މުހައްމަދު ޝާކިރު ދެއްކެވި ވާހަކައިގައި ވޭތުވެދިޔަ 30 އަހަރުގެ ވާހަކަދައްކަން މިއަދު މަޖުބޫރުވެފައިވަނީ އެ ދިގު 30 އަހަރު އަނިޔާވެރި ވެރިކަމެއްކޮށް އަނެއްކާވެސް އޭރުގެ ވެރިން ވެރިކަމަށް އަންނަން މަސައްކަތް ކުރަމުންދާތީ އެފަދަ އަނިޔާވެރިންގެ ކިބައިން ދިވެހި ރައްޔިތުން ސަލާމަތްކުރެއްވުމަށް ކަމުގައެވެ.
މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އަލީ ފާއިޒްގެ ވާހަކަ މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ ރާއްޖެ މަސްވެރިކަން ދަށްވުމުގެ އިތުރަށް ކުރީގެ ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުން މިފްކޯއަށް ދިމާވެފައިވާ މާލީ ދަތިތަކުން ސަލާމަތްވުމަށް ކުރަމުން ގެންދާ މަސައްކަތްތަކާއި ބެހޭގޮތުންނެވެ.
މެދު އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޢީމްގެ ވާހަކައިގައި ރާއްޖޭގައި އަށަގެންފައިވާ އަނިޔާކުރުމުގެ ސަޤާފަތް ނިމުމަކަށް ގެނައުމަށް އުފެއްދުމަށް މަސައްކަތްކުރަމުންދާ ޓޯޗާސް ވިކްޓިމްސް އެސޯސިއޭޝަންގެ ހަރަކާތްތަކާ ބެޙޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި އަނިޔާވެރިކަމާއެކު ވެރިކަން ކޮށްފައިވާ ފަރާތްތަކުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ހައްގު ހޯދައިދިނުމަށް އެބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ސިލޯނާއި އިނގިރޭސި ވިލާތުން ގާނޫނީ ލަފާ ހޯއްދެވުމުގެ މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ.
އެއްވެސް ސިޔާސީ ޕާޓީއަކަށް ނިޞްބަތްނުވާ އަދި އުވިދިޔަ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެންބަރުކަން ކުރައްވާފައިވާ އަލީ ވަހީދު ވެސް މިޖަލްސާގައި ޚާއްޞަ މެހުމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެން ވާހަކަދެއްކެވިއެވެ. އަލީވަހީދުގެ ވާހަކައިގައި އަލިއަޅުވާލެއްވީ ކުރީގެ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ކޮށްފައިވާ ބައެއް މުހިންމު މަސައްކަތްތައް ހިނގައިދިޔަ ގޮތާއި، ރައްޔިތުންގެ މަޖިލީހުގެ ތާރީޚްގެ މައްޗަށެވެ.
މި ކާމިޔާބު ޖަލްސާގައި ވާހަކަ ދެއްކެވުމަށް ގިނަ އަދަދެއްގެ ފަރާތްތަކުން އެދިވަޑައިގެންނެވި ނަމަވެސް ވަގުތު ނެތުމުގެ ސަބަބުން ގިނަ ފަރާތްތަކަށް ވަނީ ވާހަކަދެއްކުމުގެ ފުރުޞަތު ނުދެވިފައެވެ.