އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ 2019އާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް މިއަދު އެމްޑީޕީ ސެކްރެޓޭރިއަޓުގައި ޕްރެސް ކޮންފަރެންސެއް ބާއްވައިފިއެވެ. މި ޕްރެސް ކޮންފަރެންސް ދެއްވީ ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛް އިމްތިޔާޒް ފަހުމީއާ، ޕްރައިމަރީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަނޑައަޅުއްވާފައިވާ 7 މެމްބަރުންގެ ތެރެއިން އިބްރާހިމް ވަހީދާއި، ޕާޓީގެ ޑެޕިއިޓީ ސެކްރެޓަރީ ޖެނެރަލް އަފްޝާން ލަތީފެވެ. ޕްރެސް ކޮންފަރެންސްގައި މައުލޫމާތު ދެއްވި ގޮތުގައި، ޕްރައިމަރީގެ އިންތިޚާބު އޮންނާނީ 18 ޖެނުއަރީ ވާ ހުކުރު ދުވަހު މެންދުރު 14:30 އިން ރޭގަނޑު 20:30 އަށެވެ. 86 ދާއިރާއަކުން ކެނޑިޑޭޓުން ކުރިމަތިލާފައިވާއިރު، އެންމެ ކެނޑިޑޭޓެއް ލާފައިވާތީ 9 ދާއިރާއަކުން ޕްރައިމަރީއަކާ ނުލާ ޕާޓީ ޓިކެޓް ވަނީ ކަށަވަރުވެފައެވެ. ޕްރައިމަރީ އޮންނަ ދާއިރާތަކަށް ވާދަ ކުރަން 280 ކެނޑިޑޭޓުން ކުރިމަތިލައްވާފައިވާއިރު 4 ކެނޑިޑޭޓެއް ވަނީ ނަން އަންބުރާ ނަގާފައެވެ. ޕްރައިމަރީ އިންތިޚާބުގައި އޮބްޒަރވަރުންނާ އޮފިޝަލުން ގޮތުގަ ހަރަކާތްތެރިވުމަށް އޮންލައިންކޮށް ފޯމެއް ފުރުއްވޭނެ ގޮތަށް އިންތިޒަމް ހަމަޖެހިފައިވާކަމަށާ އެޕްލިކޭޝަން ފޯމް ފުރުއްވުމުގެ ސުންގަޑިއަކީ 9 ޖެނުއަރީ ގެ 16:00 ކަމަށް މައުލޫމާތު ދެއްވިއެވެ. އަދި މިހާރުކުރެވެމުންދާ މަސައްކަތްތަކަކީ، ރީރެޖިސްޓްރޭޝަނަށް ހުޅުވާލުމަށްފަހު އާއްމުކުރި ލިސްޓަށް ހުށަހެޅިފައިވާ ޝަކުވާތަކަށް ބަލާ ލިސްޓު އިސްލާހުކުރުމާ، ވޯޓުލާ މަރުކަޒުތައް ކަށަވަރުކުރުމާ، ވޯޓު ކަރުދާސް ޗާޕްކުރުމުގެ މަސައްކަތްކަމުގައި އެބޭފުޅުން ވިދާޅުވިއެވެ. އަދި އަބްޒަރވަރުންނާ އޮފިޝަލުންގެ ފޯމް ފުރުއްވޭނީ އެމްޑީޕީގެ މެމްބަރުންނަށް ކަމަށާ، އޮބްޒަރވަރުންނާ އޮފިޝަލުންގެ ފާސް އެބޭފުޅުންނަށް ނުވަތަ ކެނޑިޑޭޓެއްގެ ފަރާތުން ނަމަ ކެނޑިޑޭޓަށް އީމެއިލް ކުރެވޭނެ ވާހަކަ ވިދާޅުވިއެވެ. މަޖިލިސް ޕްރައިމަރީގައި ވޯޓުލެވޭ ފަރާތްތަކުގެ ލިސްޓު ފައިނަލް ކުރެވޭނީ 7 ޖެނުއަރީ ގައި ކަމަށާ، ވޯޓުލާ މަރުކަޒުތައް ވީއެންމެ އަވަހަށް އާއްމުކޮށް، ވޯޓާ ގުޅޭ އިތުރު މައުލޫމާތު ޕާޓީގެ ވެބްސައިޓާ ޓްވިޓަރގައި ހިއްސާކުރެވެމުން ދާނެކަން ފާހަގަކުރައްވާ، މީޑިއާގެ ފަރާތްތަކާ، އާއްމުންނާ އަދި ކެނޑިޑޭޓުންވެސް ގަވައިދުން ވެބްސައިޓާ ޓްވިޓަރ ބެއްލެވުމަށް އެދިވަޑައިގަތެވެ. މިޕްރައިމަރީގެ ހުރިހާ މަސައްކަތެއްވެސް ކުރިއަށް ދަނީ ދެފުށްފެންނަ، އިންސާފުވެރި ގޮތަކަށް ކަމަށާ، މިނިވަން އިންސާފުވެރި ޕްރައިމަރީ އިންތިޚާބެއް ބޭއްވުމަކީ ޕާޓީން އެންމެ އިސްކަމެއް ދޭނެކަން ކަމުގައި އެބޭފުޅުން ވިދާޅުވިއެވެ.