ރައީސް މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލުން

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ޙުކުމާއި، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް އަލުން މުރާޖަޢާކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވައި ދެއްވުން އެދި މި ޕާޓީގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދުމުން އެ މައްސަލަ ދިވެހިރާއްޖޭ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާތީ މަރުޙަބާއާ ޝުކުރު ދަންނަވަމެވެ.

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުށް ސާބިތުކުރުމުގެ އިޖުރާއަތު ހިންގުނީ ރާއްޖޭގެ ޤާނޫނުތަކާއި، ބައިނަލްޢަޤުވާމީ އުސޫލުތަކާ ހަމަތަކާވެސް ކަނޑައެޅިގެން ޚިލާފަށެވެ. އދ. ގެ ވަރކިންގ ގުރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަންއާއި، ހިއުމަންރައިޓްސް ކޮމިޓީ އިންވެސް ވަނީ ކުރިމިނަލް ކޯޓުގެ ނިންމުމުގައި ހުރި އިޖުރާއީ އަދި މައުޟޫޢީ ގޯސްތައް ފާހަގަކޮށް، ރައީސް މުޙައްމަދު ނަޝީދު ވަގުތުން މިނިވަންކުރުމަށް އަންގާފައެވެ.

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުޅަ ޙުކުމަކީ ދިވެހިރާއްޖޭގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ މަސްލަޙަތާއި، ރާއްޖޭގެ ސިޔާސީ ނިޒާމާ ގުޅިފައި އޮތް ޙައްސާސް މައްސަލައަކަށްވާތީ، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ގޮތެއް ނިންމަވައި ދެއްވުމަކީ މި ޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިންމަވާ ގޮތަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް މުހިންމު ފިޔަވަޅަކަށްވާނޭތީ، އެ މައްސަލަައިގައި އަވަސް ނިންމުމެއް ލިބޭނޭ ގޮތް ހަމަޖެއްސެވުމަކީ މިވަގުތު އެންމެ މުހިންމު ކަންތަކަށް ވާނޭތީ އެ މައްސަލައިގެ ނިންމުން އަވަސްކޮށްދެއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކުރަމެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ކިބައިން ނިގުޅައިގެންފައިވާ މިނިވަންކަން އަނބުރާ ހޯދައިދިނުމަށް މިޕާޓީއިން ކުރަމުން ގެންދާ މަސައްކަތްތައް އެއްވެސް ފަސްޖެހުމެއް، ހުއްޓުމެއްނެތި ކުރިއަށް ގެންދާނޭކަމުގެ ޔަޤީންކަން މި ޕާޓީގެ މެންބަރުންނަށާއި، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަރުވަމެވެ.