އިލެކްޝަންސް ކޮމިޝަނުގެ މުސްތަޤިއްލުކަން ވަނީ ގެއްލިފައި، ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބަށް ހުރަސް ނޭޅުމަށް ގޮވާލުން

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކަށް ޤާނޫނީ އިމުން ބޭރުން އަރައިގަނެ، އިލެކްޝަންސް ކޮމިޝަނުން މުޅި ސިޔާސީ ނިޒާމު ހަރާބުކުރަމުން ގެންދާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކޮށް އިލެކްޝަންސް ކޮމިޝަނުގެ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލަމެވެ.

އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ނިންމުމަކީ ސިޔާސީ ކުލަވަރު ޖެހިފައިވާ ޣައިރު ޤާނޫނީ ނިންމުމެއެއްކަމަށާއި އެ ނިންމުމުގެ ސަބަބުން ސިޔާސީ ޕާޓީތަކަށް ލިބިދީފައިވާ މިނިވަންކަަމަށް ހުރަސްއެޅި، މުޅި ދައުލަތް ގަޑުބަޑުވެގެންދާނެ ކަމަށް ދެކެމެވެ.

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ބާރެއް އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައިނުވާއިރު، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 17 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބުނެފައިވަނީ ”ޤާނޫނު އަސާސީގެ ދަށުން ބާއްވާ އެއްވެސް އިންތިޚާބަކަށް ޕާޓީގެ ނަމުގައި ކުރިމަތިލާނެ މީހެއް ނުވަތަ މީހުން ޕާޓީއަކުން ކަނޑައަޅާނީ ޕާޓީގެ އަސާސީ ޤަވާއިދުގައިވާ ގޮތުގެ މަތީން“ ކަމުގައެވެ. މި ޤާނޫނުން ސިޔާސީ ޕާޓީތަކަށް އެ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތައް ބާއްވައި އިންތިޚާބުތަކަށް ކުރިމަތިލާނެ މީހުން ކަނޑައެޅުމުގެ ފުރިހަމަ ބާރާއި މިނިވަންކަން އެ ޕާޓީތަކުގެ މެންބަރުންނަށް ލިބިދީފައިވާއިރު އިލެކްޝަންސް ކޮމިޝަނުގެ މި ނިންމުމަކީ މުޅި ކޮމިޝަނުގެ މުސްތަޤިއްލުކަން ގެއްލިފައިވާކަމުގެ ހެއްކެކެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމުގެ މަޝަވަރާތައް ކުރިއަށްދާއިރު، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ރިޔާސީ ޕްރައިމެރޭ އިއުލާންކޮށްފައިވާ މި ވަގުތުގައި ކުއްލިގޮތަކަށް އިލެކްޝަންސް ކޮމިޝަނުން މިފަދަ އިއުލާނެއް ކުރުމުން ހާމަވަނީ މިނިވަންކަމާއެކު ސިޔާސީ ޕާޓީތައް ހިންގުމަށް ހުރަސްއަޅައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް އިލެކްޝަންސް ކޮމިޝަނުން ފަސްނުޖެހޭނެ ކަމެވެ.

”ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލާނެ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވާކަމާމެދު އެއްވެސް ޚިލާފެއް އުފެދިއްޖެނަމަ އެކަމަކަށް ވަކި ގޮތެއް ނިންމުމުގެ ބާރު ޤާނޫނު އަސާސީން ލިބިދީފައިވަނީ ހަމައެކަނި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކަމަށްވާއިރު، އިލެކްޝަންސް ކޮމިޝަނުން މި ކަންކަމުގެ ތެރެއަށް ވަދެގަނެ ރިޔާސީ އިންތިޚާބާ ގުޅޭ ކަންކަމަށް ގޮތްތައް ނިންމަމުން އަންނަނީ ސީދާ ޣައިރު ޤާނޫނީ އުސޫލުންނެވެ. އަދި ސިޔާސީ ޕާޓީތަކުގެ އަސާސީ ޤަވާއިދަކީ އެ ޕާޓީގެ މެންބަރުންގެ ނިންމުންކަމުގައިވާތީވެ، އަސާސީ ޤަވާއިދު ހަދައި އެއަށް ބަދަލުތައް ގެނައުމަކީ އެއްވެސް ހާލެއްގައި އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއް ނޫން ކަމުގައި އެ ކޮމިޝަނަށް ހަނދާންކޮށްދެމެވެ. މިފަދަ ކަންކަމުގައި ބައިވެރިވާ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނާއި ކޮމިޝަނުގެ މެންބަރުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމުގައި ހަނދާންކޮށްދެމެވެ. މިނިވަން އިންސާފުވެރި އިންތިޚާބަކަށް މުޅި ދިވެހިރާއްޖެ އެދި ގޮވަމުން އަންނައިރު، އެ އިންތިޚާބުގެ ސައްހަކަން ޤާއިމުކުރުމަށް އެންމެ މުހިއްމު އެއް ކަމަކީ އިލެކްޝަންސް ކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރެވެ. މިފަދަ ސިޔާސީ ކުލަވަރުޖެހިފައިވާ އިއުލާންތަކާއި ނިންމުންތަކުގެ ސަބަބުން އެ ކޮމިޝަނަށް ރައްޔިތުންގެ އިތުބާރު މިއަދު މިވަނީ ގެއްލިފައެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނަކީ ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވާ ބައެއް ކަމުގައި ނުވެ، ހަމަހަމަކަމާއި، އިންސާފުވެރި އުސޫލުން ޤައުމުގެ މަސްލަަހަތު ކުރިއަށްނެެރެ ދިވެހިރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނައުމަށް ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން ޢަމަލުކުރުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: ގުޅިފައިވާ ސިޔާސީ ޕާޓީތައް
ތާރީޚް: 21 މެއި 2018