އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީގެ ނިންމެވުމާ އެއްގޮތަށް ޢަމަލުކޮށް ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ގޮވާލަން

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު އޮޕްޝަނަލް ޕްރޮޓޮކޯލް ޓު އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައި.ސީ.ސީ.ޕީ.އާރު) ގެ ދަށުން އެކުލަވާލާފައިވާ އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ ބައްލަވައި މިއަދު އާންމު ކުރެއްވި އެ ކޮމިޓީގެ ނިންމެވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން މަރުޙަބާ ދަންނަވަމެވެ. އަދި އެ ނިންމެވުމުގައިވާ ގޮތުގެ މަތީން ޢަމަލުކުރުމަށާއި ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ ޙައްޤުތަކަށް ހުރަސް ނޭޅުއްވުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ.

އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީގެ އެ ނިންމެވުމުގައި، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާއާއި، އެދައުވާގެ ޝަރީޢަތް ހިންގާފައިވާ އިޖުރާޢަތުތަކާއި، އެޝަރީޢަތުން ކޮށްފައިވާ ޙުކުމް (13 އަހަރު ދުވަހުގެ މުއްދަތަށް ރައީސް މުޙައްމަދު ނަޝީދު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ ޚިލާފަށް ހިންގާފައިވާ ކަންކަން ކަމަށްވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން، ރައީސް މުޙައްމަދު ނަޝީދު ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހެޅުއްވި ކަންކަމަށް ދިވެހި ސަރުކާރުން ރައްދު ދެއްވާފައިނުވާކަންވެސް އެ ނިންމެވުމުގައި ފާހަގަ ކުރައްވާފައިވެއެވެ.

2015 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދު ޤާނޫނާ ޚިލާފަށް ހައްޔަރުކުރުމަށްފަހު އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އެތައް އަސާސީ ޙައްޤުތަކަކުން މަޙްރޫމްކުރުމަށްފަހު، ކުރި ތުހުމަތާ އެކަށީގެންނުވާ ދަޢުވާއެއްކޮށް، ބޭއިންސާފުން ސިޔާސީ ކުލަވަރު ޖެހިފައިވާ ޝަރީޢަތެއް ހިންގުމަށްފަހު، 13 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ އެމަނިކުފާނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިލެއްވުމުގެ ފުރުޞަތުން މަޙްރޫމް ކުރުމަށެވެ.

އދ. ގެ މި ނިންމެވުމާ ގުޅިގެން އަވަސް އަރުވާލައިގެން ދިވެހި ސަރުކާރުން ދެއްވި ރައްދުގައި ރައީސް މުޙައްމަދު ނަޝީދަށް ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައި ގެންނެވޭނެކަމަށް ނިންމަވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަމުގައި ބަޔާންކޮށްފައިވާއިރު، 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންް ސޮއިކުރައްވައި ޙުކުމުގައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ހިންގި ޝަރީޢަތަކީ ސިޔާސީ ބޭނުމަށް ޤާނޫނު އަސާސީއާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާޙަދާތަކާ ކަނޑައެޅިގެން ޚިލާފަށް، ފަނޑިޔާރުންނަށް ނުފޫޒުފޯރުވައިގެން ޤާނޫނީ އިޖްރާޢަތްތަކާ ޚިލާފަށްކޮށްފައިވާ ޙުކުމެއް ކަމުގައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ހިންގުމުގެ އެންމެ މަތީ ބާރު، ސުޕްރީމް ކޯޓުގެ ޙުކުމުގައިވާގޮތަށާއި، މިއަދު އދ ގެ ހިއުމަން ރައިޓްސް ކޮމިޓީގެ ނިންމެވުމުގައިވާގޮތުގެމަތީން ރައީސް މުޙައްމަދު ނަޝީދުގެ ސިިޔާސީ އަދި މަދަނީ ޙައްޤުތައް އޭގެ އެންމެ ފުރިހަަމަގޮތުގައި ކަށަވަރުކޮށްދިނުމަށް ސަރުކާރުގެ ހުރިހާ ފަރާތްތަކަށް ގޮވާލަމެވެ.

ދިވެހިރާއްޖެއަކީ އދ. ގެ މެންބަރު ޤައުމެއް ކަމަށްވާއިރު، އދ. ގެ ޗާޓާގައިވާ ކަންކަމަށާއި އދ. ގެ ނިންމުންތަކަށް ފުރިހަމަ ގޮތުގައި ބޯލެނބުމަށް ޤާނޫނު އަސާސީން ދިވެހިދައުލަތުގެ މައްޗަށް ލާޒިމްކުރެއެވެ. ދިވެހިރާއްޖެއިން އދ. ގެ ޗާޓާއާ ތަކުރާރުކޮށް ޚިލާފްވަމުން އަންނާތީ އިންޑިޔާ އާއި އދ. ގެ މެންބަރު ޤައުމުތަކުން އެކަންކަން ފާހަގަކޮށް އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން ތަނފީޒުކުރުމަށް ބާރު އަޅުއްވައިދެއްވުމަށް މެންބަރު އެހެން ޤައުމުތަކަށާއި އިންޑިޔާއަށް ގޮވާލަމެވެ.

ޤާނޫނު އަސާސީއާ އެއްގޮތަށް ޢަމަލުކޮށް ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމަށާއި ދިވެހިރައްޔިތުންގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގާންވާނީ ޤާނޫނު އަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތީން ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވީހިނދު އދ. ގެ ނިންމެވުމާ އެއްގޮތަށް ޢަމަލުކުރުމަށް ދައުލަތުގެ މުވައްސަސާތަކަށާއި، ފުލުހުންނާއި ސިފައިން އަދި ސަރުކާރުގެ ވެރިންނަށް ގޮވާލަމެވެ.