ދިވެހިރާއްޖޭގެ ސަރަޙައްދުން އެއްވެސްބައެއް ވިއްކުމާއި ދެކޮޅަށް އެމް.ޑީ.ޕީން ޤަރާރެއް ފާސްކޮށްފި

ރޭ މާރބްލް ހޮޓެލްގެ ކޮންފަރރެންސް މާލަމުގައި ބޭއްވުނު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ޤައުމީ މަޖިލީހުގެ 151 ވަނަ ބައްދަލުވުމުގައި، މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ހުށަހެޅުއްވި ޤަރާރުގައި ބުނެފައިވަނީ ފ. އަތޮޅުގެ މުއާމަލާތުގައި ސިއްރުތަކެއް އެކުލެވޭ ކަމަށާއި އެއީ ފ. އަތޮޅު ވިއްކާލުމަކީ ރައްޔިތުންނަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ. މި ޤަރާރަށް ތާއީދު ކުރައްވަމުން އެމް.ޑީ.ޕީގެ ޕާރލިމެންޓަރީ ގްރޫޕްގެ ލީޑަރ އިބްރާޙިމް މުޙައްމަދު ސޯލިހް ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ އެއްވެސް ފަރާތަކަށް ވިއްކާލުމަކީ ދިވެހި އެއްވެސް ރައްޔިތަކު ބޭނުންވާ، އަދި އެދޭ ކަމެއް ނޫންކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ ކަމަށް އިބޫ ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް އެއްގޮތަށް ވުރެން ގިނަގޮތްގޮތުން ގެއްލުންތަކެއް ވވަމުންދާކަން ފާހަގަކުރައްވަމުން މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި މިފަދަ ހުރިހާ މުއާމަލާތްތައް ބާތިލުކޮށް، ދޫކޮށްފައިވާ ބިންތައް އަނބުރައި ރައްޔިތުންނަށް ހޯދައި ދޭނެ ކަމަށެވެ. އެގޮތުން ރޭ އެކަމަނާ ހުށަހެޅުއްވި ގަރާރުގައިވެސް މިފަދައިން ބުނެފައިވެ އެވެ. މި ގަރާރު ފާސްވީ 42 މެމްބަރުންގެ ވޯޓުންނެވެ. އަދި މި ޤަރާރަށް ތާއީދު ކުރެއްވީ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމް.ޑީ.ޕީގެ ޕާރލިމެންޓަރީ ގްރޫޕްގެ ލީޑަރ އިބްރާޙިމް މުޙައްމަދު ސޯލިހެވެ.