ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ނޫސްވެރިންނަށް “ހަދިޔާ”ގެ ގޮތުގައި ފައިސާ ބެހި މައްސަލަ ކުއްވެރިކުރުން

ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީން ބޭއްވި އިވެންޓެއް ކަވަރު ކުރަން ދިޔަ ނޫސްވެރިންނަށް “ހަދިޔާ”ގެ ގޮތުގައި ފައިސާ ބެހިކަމަށް އެ އިވެންޓް ކަވަރުކުރުމަށް ދިޔަ ރާއްޖެ ޓީ.ވީގެ ނޫސްވެރިން ވަނީ ހާމަކޮށްފައެވެ. ނޫސްވެރިންނަށް ބެހި މި ފައިސާ ރާއްޖެ ޓީ.ވީން ވަނީ އަނބުރާ ސައޫދި އެމްބަސީއާ ހަވާލުކޮށްފައެވެ.

ސައޫދި އެމްބަސީގައި 19 ފެބްރުއަރީ ވީ އާދިއްތަ ދުވަހު ބޭއްވުނު މި އިވެންޓް ކަވަރުކޮށް އެ ރަސްމިއްޔާތު ނިމުމުން ސައުދީ އެމްބަސީން ވަނީ ހަދިޔާއެއް ކަމަށް ބުނެ 500ރ. ލާފައި އޮތް ސިޓީ އުރައެއް ކޮންމެ ނޫސްވެރިއަކަށް ދީފަ އެވެ. ސައޫދީ އެމްބަސީގައި އޮތް އިވެންޓް ކަވަރުކުރަން ދިޔަ ރާއްޖެ ޓީވީން ވަނީ ސައޫދީ އެމްބަސީން ހަދިޔާއެއްގެ ގޮތުން ދިން ސިޓީއުރައިގައި އޮތީ 500 ރުފިޔާ ކަން އެނގުމުން ވަގުތުން އެ ފައިސާ އަނބުރާ ސައޫދީ އެމްބަސީއާ ހަވާލުކޮށްފައެވެ. ރާއްޖެ ޓީ.ވީގެ ނޫސްވެރިން މި ފައިސާގައި ނުހިފައި އަނބުރާ ސައޫދީ އެމްބަސީއާއި ހަވާލުކުރުމުން ދޭހަވަނީ ރާއްޖެ ޓީ.ވީގެ ނޫސްވެރިންނަކީ ޕްރޮފެޝަނަލް ބައެއްކަމާއި ރާއްޖެ ޓީ.ވީގެ ނޫސްވެރިންނަކީ ފައިސާ އަށް ވުރެން ބޮޑަށް ފްރޮފެޝަނަލް ނޫސްވެރިކަމަށް އަހަންމިޔައްތުދޭ ބައެއްކަމެވެ.

ރާއްޖޭގެ ކުރީގެރައީސުލްޖުމްހޫރިއްޔާ އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ސައުދީ އެމްބަސީން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ފައިސާ ބެހި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަފައެވެ. އަދި ރާއްޖެޓީވީއަށް ސައޫދީ އެމްބަސީން ދިން ސިޓީ އުރައިގައި ފައިސާކަން ހުރީ އެނގުމާއެކު ރައްދުކޮށްފައިވާތީ ތައުރީފްކުރައްވާ، ރާއްޖެ ޓީޥީގެ ނޫސްވެރިން ފައިސާއަށް ނުގަނެވޭނެކަމަށް އެމަނިކްފާނުގެ ޓްވީޓްގައި ފާހަގަކުރައްވާފައެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކްޕާޓީން އަބަދުވެސް ޑިމޮކްރަސީގެ އުސޫލުތަކާއި މީޑިއާގެ މިނިވަންކަމަށް މަރުޙަބާ ކިޔަމެވެ. އަދި ރާއްޖެ ޓީވީން މިދެއްކި ނަމޫނާ އަކީ ރާއްޖެ ޓީ.ވީ އާއިމެދު އިތުރަށް ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ. މީޑިއާއަށް އެއްވެސް ފަރާތަކުން ނާޖާއިޒް ނުފޫޒު ފޯރުވަން ކުރާކަންކަން ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ.