އޮކްޓޯބަރު 3 ވާ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުން ފެށުމަށް ހަމަޖެހިފައިވާ "ލޫޓުވައިފި ލޫޓުވައިފި" އެއްވުމަށް ހުރަސް އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނެރެފައިވަނީ ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ބަޔާނެކެވެ. އެ ހަރަކާތަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމުގެ ޔަގީންކަން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އަރުވަމެވެ.
އެ ހަރަކާތާ ގުޅޭ މައުލޫމާތު ދިނުމަށް ސެޕްޓެމްބަރު 28 ވަނަ ދުވަހު ފުލުހުންނާ މި ޕާޓީން ބައްދަލުކޮށްފައިވާނެ އެވެ. އަދި ހަމަ އެ ދުވަހު އެއްވުން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަގުތަކާއި ރޫޓުގެ ތަފްސީލު ހިމަނައި ލިޔުމުން އަނގާފައެވެ. އެ ރޫޓަށް އެއްވެސް ބަދަލެއް އެމްޑީޕީން ގެނެސްފައި ނުވާއިރު ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް ހަރަކާތް ކުރިއަށްގެންދާނެ ކަމަށް މި ޕާޓީން އަންގާފައި ނުވާނެ އެވެ.
އެމްޑީޕީން ބާއްވަން ހަމަޖެހިފައިވާ ސުލްހަވެރި ސިޔާސީ ހަރަކާތް ހަލަބޮލިކޮށް، ހަމަނުޖެހުން ހިންގުމަށް މުއިއްޒުގެ ސަރުކާރުން ކުށްކުރާ ގްރޫޕްތަކަށް ފައިސާ ދީގެން އެ ގްރޫޕްތައް ނެރުމަށް ކުރަމުންދާ މަސައްކަތްތައް ކުށްވެރި ކުރަމެވެ. މާލޭގައި ކުށްކުރާ ގްރޫޕުތައް ނެރެގެން އެއްވުމަށް ހުރަސް އެޅުމަށް މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަސައްކަތް ކުރަމުންދާކަން މި ޕާޓީން ފުލުހުންނަށް އެންގުމުން އެމްޑީޕީގެ ބޮލުގައި އެ ތުހުމަތު އެޅުވުމަށް މަސައްކަތް ކުރުމަކީ ހިތާމަވެރި ކަމެކެވެ.
މާލެ ތެރެ ހަލަބޮލިކޮށް މުދަލަށް ގެއްލުން ދިނުމަށް މުއިއްޒުގެ ސަރުކާރުން ފައިސާ ދީފައިވާ ގްރޫޕުތަކުގެ އަމަލުތައް ހުއްޓުވައި އެއްވުމުގެ ބައިވެރިންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެމްޑީޕީއިން ފުލުހުންނަށް ގޮވާލަމެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް މުއިއްޒު އަންގަވައިގެން ހުރަސް ނޭޅުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ދިވެހި ފުލުހުންނަށް ގޮވާލަމެވެ.
ފުލުހުންގެ މި މުޑުދާރު އަމަލުން ދައުލަތުގެ ހުރިހާ އިދާރާއެއް ވެސް މިވަގުތު އޮތީ މުއިއްޒުގެ މުށުތެރޭގައިކަން ސާފުވެ އެވެ. މި އެއްވުމަކީ ޕީއެންސީ ސަރުކާރުން، ދިވެހިރާއްޖޭގެ އިގުތިސާދު ފުނޑާލާ، ރައްޔިތުން ބޭސްފަރުވާއިން މަހުރޫމުކޮށް، ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފުގެ ނިޒާމު ސީދާ މުއިއްޒުގެ އަތް ދަށަށް ގެނެސް، ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާތައް ސަރުކާތުގެ މުށުތެރެއަށް ނަގާފައި ވާތީ، ރައްޔިތުން ތަހައްމަލުކުރަމުންދާ ހާލަތު ސަރުކާރަށް އިއްވައި ދިނުމަށް ރާވައިގެން ހިންގޭ ސުލްހަވެރި ހަރަކާތެކެވެ. މިއަދު ފުލުހުންގެ އަމަލުތަށް ބިނާކޮށްފައިވަނީ ޕީއެންސީ ސަރުކާރުގެ ޢައިރު ޤާނޫނީ އަމުރުތަކަށް ތަބާވެ، އިދިކޮޅުން ހިންގާ ސިޔާސީ ހަރަކާތަށް ހުރަސް އެޅުންކަން ސާފުވާ ހިނދު، ފުލުހުންގެ ހިދުމަތް ސިޔާސީ ކުރުމަކީ މި ޕާޓީއިން ކުށްވެރިކުރާ ކަމެކެވެ.
ފަހުގެ ނޫސް ބަޔާންތައް
3rd October 2025
Condemnation of Violent Arrests and Brutal Attempts to Disrupt October 3rd rally
28th September 2025