ނޫސް ބަޔާން

އޮޑިޓަރ ޖެނެރަލްއަށް ބިރު ދައްކައިގެން ސިޔާސީ އޮޑިޓު ރިޕޯޓު ނެރުން ކުށްވެރިކުރުން

ރޭގަނޑު ދަންވަރުގެ ވަގުތެއްގައި މިނިވަން މުއައްސަސާއެއްގެ އޮފީސް ހުޅުވައިގެން ސިޔާސީ ބަޔަކު ލިޔެފައިވާ އޮޑިޓު ރިޕޯޓެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޝާއިއުކުރުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރި ކުރަމެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ސައްހަ މައުލޫމާތުތަކެއްތޯ ކަށަވަރު ކުރުމުގެ މަސައްކަތް އެމްޑީޕީއިން މިއަންނަނީ ކުރަމުންނެވެ.

އެމްޑީޕީގެ ސަރުކާރުގައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ އެ ކަމެއް ބަލައި އިންސާފުވެރި ޝަރީއަތަކުން ގޮތް ކަނޑައެޅުމަށް މި ޕާޓީން މަރުހަބާ ކިޔަމެވެ. ސަރުކާރުގެ ޕްރޮޕަގަންޑާ މެޝިނުން ފަތުރަމުން އަންނަ ތޯތޯ ވާހަކަތަކަށް މި ޕާޓީން ޖަވާބުދާރީވާނީ އިންސާފުވެރި ޝަރީއަތުގެ މަޖިލީހެއްގަ އެވެ.

މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދައުލަތުގެ ހުރިހާ ބާރެއް މުށުތެރެއަށް ވަނީ ނަންގަވާފަ އެވެ. ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކުގެ މައްޗަށް ފުރިހަމަ ބާރު މުއިއްޒު ހިންގަވަމުން ގެންދަވާއިރު އޮޑިޓަރ ޖެނެރަލް އިބްރާހިމް ނިޔާޒީއަށް މަގާމުން ވަކިކުރާނެ ކަމުގެ ބިރު ދައްކައިގެން މުއިއްޒު ބޭނުންވާ ގޮތަށް ރިޕޯޓުތައް ނެރެމުންދިޔުމަކީ ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފެއިލްވެފައިވާ ކަމުގެ ހެއްކެކެވެ.

މިފަދަ ރިޕޯޓެއް ނެރުނުއިރު އެ ކަމުގައި ޝާމިލުވާ މީހުންނާއި ކުންފުނިތަކާ އެއްވެސް ސުވާލެއް ކުރުމެއް ނެތި މި ރިޕޯޓު އާންމުކުރުމަކީ މިއީ ސިޔާސީ ބޭނުމެއްގައި ނެރެފައިވާ ރިޕޯޓެއްކަން ސާބިތުވާ ކަމެކެވެ. މިއީ ވެސް މުއިއްޒުގެ ސަރުކާރުގެ ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ ބޮލުގައި ސާބިތު ނުހިފޭ ދޮގު އިލްޒާމް އަޅުވައި އަގު ވައްޓާލުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

ފެނަކަ ކޯޕަރޭޝަންގެ އޮޑިޓު ރިޕޯޓަކީ މި ސަރުކާރުން އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް ސިޔާސީ ބޭނުމެއްގައި ނެރުނު ރިޕޯޓެއް ކަމަށް މި ޕާޓީން ދެކެމެވެ. އަދި އެ ރިޕޯޓަކީ 3 އޮކްޓޯބަރުގައި ބާއްވާ އެއްވުމަށް ލިބެމުންދާ ތަރުހީބު ފެނި ސަރުކާރަށް ގޮތްހުސްވެގެން ނެރުނު ރިޕޯޓެކެވެ. ރައްޔިތުންގެ ނުރުހުން ސަރުކާރަށް އިންތިހާއަށް އޮތުމާއެކު ޕްރޮޕަގަންޑާ ފެތުރުމަށް 2 އޮކްޓޯބަރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވެސް ވަނީ ނިންމާފަ އެވެ.

ސަރުކާރުން ފުލުފުލުގައި ސިޔާސީ ރިޕޯޓުތައް ނެރެ ސިޔާސީ ހުކުމްތައް ކުރަމުންދިޔަ ނަމަވެސް އަންނަ ހުކުރު ދުވަހު މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ދިވެހިރައްޔިތުން މަގުތަކަށް ނުކުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަށް އެބައޮތެވެ.

ފަހުގެ ނޫސް ބަޔާންތައް

ނޫސް ބަޔާން

3rd January 2026

ސަރުކާރުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަންކަމަށް ހުރަސްއެޅުން ކުށްވެރިކުރުން

ނޫސް ބަޔާން

3rd January 2026

އިންތިހާބަށް ނުފޫޒު ފޯރުވުމަށް ތުޅާދޫގެ ހައުސިންގ ޔުނިޓްތައް ދޫކުރަން ސަރުކާރުން ކުރަމުން އަންނަ ކަންކަން ހުއްޓައިލުމަށް ގޮވައިލުން

ނޫސް ބަޔާން

31st December 2025

ހދ. ހިރިމަރަދޫގެ ރައްޔިތުން 2026 އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި އެރަށުގެ ރައްޔިތުންގެ ވޯޓުލުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ނިންމުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރުން

ނޫސް ބަޔާން

13th December 2025

މަސައްކަތްތެރިންގެ ހައްގުގައި އަޑުއުފުލަމުންދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޤާނޫނާ ހިލާފަށް ހައްޔަރުކުރި މައްސަލަ އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނަށް ހުށަހެޅުން