އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ޝާއިއުކޮށްފި

2 އޮކްޓޯބަރ 2010

އިއްޔެ ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އެޕާޓީގެ ވެބްސައިޓްގައި މީގެ ކުޑައިރުކޮޅެއް ކުރިން ޝާއިއުކޮށްފިއެވެ.
77 ދާއިރާއަކުން 455 ކެންޑިޑޭޓުން ވާދަކުރި މިއިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ނުހިމެނޭ ދާއިރާތަކުން ރައީސުންނާއި، 77 ދާއިރާއިން ކޮންމެ ދާއިރާއަކުން ނައިބު ރައީސަކާއި، ސެކްރެޓަރީއަކާއި، ސެކްރެޓަރީގެ ނައިބަކާއި އިންތިޒާމް ސެކްރެޓަރީ އަކު ވަނީ އިންތިޚާބު ކޮށްފައެވެ.
މި އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އިންތިޚާބު ނަމަވެސް އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ނިމިގެންދިޔައި ވަރަށް އަމާން އޮމާންކޮށްކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
މިއިންތިޚާބުގެ ދާއިމީ ނަތީޖާ ވީ އެންމެ އަވަހަކަށް އިޢުލާންކުރެވޭތޯ މަސައްކަތްކުރަމުން ގެންދާ ކަމަށް އެމްޑީޕީން ބުނެއެވެ.
މިއިންތިޚާބުގެ ގަވައިދުގައިވާ ގޮތުގެ މަތިން އިންޔިޚާބުގެ ރަސްމީ ނަތީޖާ 3 ދުވަހުގެތެރޭގައި އިއުލާންކުރަންޖެހެއެވެ.