ސަންގު ޓީވީގެ ޢިމާރާތަށް ދަންވަރު ފުލުހުން ވަދެގަތް މައްސަލަ ކުށްވެރިކުރުން

ސަންގު ޓީވީ ހިންގާ އިމާރާތުގެ ތެރެއަށް ރޭގެ މެންދަމުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ފުލުހުން ވަދެގަނެ އެތަނުގެ ކޮމްޕިއުޓަރުތަކުގެ ހާޑުޑިސްކުތަކާއި އެނޫންވެސް ގިނަ އަދަދެއްގެ ސާމާނު ނަގައިގަނެގެންދިޔަ މައްސަލަ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)އިން އެންމެ ހަރު އަޑުންކުއްވެރިކުރަމެވެ.

ފުލުހުން ރޭގައި ސަންގު ޓީވީގެ އިމާރާތުގެ ތެރެއަށް ވަދެގަނެ އެ އަމަލު ހިންގިއިރު ސަންގު ޓީވީގެ ވަކީލުގެ ހާޒިރުގައި އެކަން ކުރުމަށް ފުރުސަތު ދިނުމަށް އެދުމުންވެސް އެފުރުސަތު ދީފައިނުވާކަން ފާހަގަ ކުރަމެވެ. އަދި ސަންގު ޓީވީއަށް ފުލުހުން ވަދެގަނެ ސާމާނުތަށް ގެންދިއުމުގެ ސަބަބުން އެ ޓީވީން ބްރޯޑްކާސްޓު ކުރުމަށް ހުރަސްއެޅި، ބްރޯޑްކާސްޓު ކުރުންތަށް ހުއްޓިފައިވެއެވެ.

މިނިވަން މީޑިއާތަކަށް އަމާޒުކޮށްގެން ސަރުކާރުން މިފަދަ އަމަލުތަށް ހިންގުމަކީ އެންމެ ޚުދުމުހުތާރު ޕޮލިސް ސްޓޭޓް ހިންގާ ޤައުމުތަކުން ނޫނީ ނުފެންނަ މަންޒަރުތަކެއްކަން ފާހަގަކުރަމެވެ. ފާއިތުވީ 3 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ މީޑިޔާގެ މިނިވަންކަން އެތައް ގުނައަކުން ދަށަށް ގޮސްފައިވާކަންވެސް ފާހަގަކުރަމެވެ. އެތައް ނޫސްވެރިންތަކެއް ހައްޔަރުކޮށް، އަނިޔާކޮށް، ނުޙައްޤުން ޖިނާޢީ ދަޢުވާވެސް ވަނީ އުފުލާފައެވެ. މިއީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިނިވަން މީޑިއާތަކަށް އެއްވެސް ސަލާމަތެއް އަދި ރައްކާތެރިކަމެއް ނެތްކަން ހާމަވެގެންދާ ޢަމަލެކެެވެ.

މިސަރުކާރަށް 2 އަހަރު ދުވަސް ނުވަނީސް ކުއްލިނުރައްކަލުގެ ޙާލަތު އިއުލާންކޮށްގެން އަދި މީޑިއާތަކަށް މިފަދައިން ބޮޑެތި ބިރުތައް ދައްކައިގެން ވެރިކަންކުރާދަރަޖައަށް ޤައުމު ގަންބާލައިފައިވާކަމުގެ ފުރިހަމަ ޒިންމާ ރައީސް ޔާމިން ނަންގަވަން ޖެހިވަޑައިގަންނަވާނެކަމަށް ޤަބޫލުކުރަމެވެ.

ވީމާ މިފަދަ ޢަމަލުތަށް މިނިވަން މީޑިއާ ތަކާއިމެދު ނުހިންގުމަށާއި މީޑިއާތައް މިނިވަންކަމާއިއެކު މަސައްކަތްކުރުމުގެ ފުރުސަތު ކަށަވަރު ކޮށްދިނުމަށް މި ޕާޓީއިން ސަރުކާރަށް ގޮވާލަމެވެ.