ނޫސް ބަޔާން

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ ހިލާފު ގަވާއިދެއް ހަދައިގެން، ވަކި ބަޔަކަށް އަދި ނުއަގުގައި ޕްރޮޖެކްޓްތައް ދިނުމަށް ކުރަމުންދާ މަސައްކަތް ކުށްވެރިކުރުން

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޢަމަލުކުރެވެމުން އައި ގަވާއިދު ނަންބަރު 2023/R-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އަކީ ޒަމާނީ ޕަބްލިކް ފައިނޭންސް ނިޒާމެއް ހިންގުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާއެއްގެ ލަފާއާއެކު އެކުލަވައިލައިފައިވާ ގަވާއިދެކެވެ. އެހެންނަމަވެސް، މި ސަރުކާރުން ކަރަޕްޝަނަށް މަގުފަހިކުރުމުގެ ގޮތުން، ދައުލަތުގެ އެންމެހާ ޕްރޮކިއުމަންޓެއް އިއުލާންކުރުމެއްނެތިއަދި ބިޑްކުރުމުގެ އެއްވެސް އިޖުރާއަތެއް ފުރިހަމަކުރުމަކާނުލައި، ވަޒީރުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ބޭނުން ފަރާތަކަށް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ހަވާލުކުރެވޭ ގޮތަށް ވަނީ ގަވާއިދަށް ބަދަލުތައް ގެނެސްފައެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން، ވަޒީރުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން، "ރައްޔިތުންގެ އަސާސީ ބޭނުންތަކާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫޢުތަކާއި، ސަލާމަތީ ޚިދުމަތްތަކަށް ޚާއްޞަ މަޝްރޫޢުތައް" ގެ ގޮތުގައި ކަނޑައަޅާ ކޮންމެ މަޝްރޫޢަކީ އެ ކޮމިޓީއިން ބޭނުންވާ ކޮންމެ ފަރާތަކަށް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ހަވާލުކުރެވޭނެ މަޝްރޫޢެކެވެ. މިއީ ފާއިތުވީ އަހަރުތެރޭ މި ގަވާއިދަށް ގެނެވުނު އެތަކެއް ބަދަލުތަކުގެ ތެރެއިން އެންމެ ނުރަގަނޅު ބަދަލެވެ.އަދި، މި ފަދަ ބަދަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން އަދި އިންވެސްޓަރުންނަށް މުޅި ދިވެހިރާއްޖޭގެ މާލީ ނިޒާމާމެދު އޮންނަ އިތުބާރު އެއްކޮށް ގެއްލިފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

މި ފަދަ ކަންކަން ބަލައި، ޖަވާބުދާރީ ކުރުމަށް ކަނޑައަޅައިފައިވާ، މަރުކަޒީ ބޭންކާއި އޮޑިޓަރ ޖެނެރަލް އޮފީސް ފަދަ މުއައްސަސާތައް ސިޔާސީކޮށް، ސަރުކާރުގެ ސީދާ ބާރުގެ ދަށަށް ގެންގޮސްފައި އޮތް މިފަދަ ދަނޑިވަޅެއްގައި، މުޅި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ސީދާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ނަގައި، ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ބަދަލުކުރުމަކީ ސަރުކާރުގެ ޚުދުމަތާރުކަމަށް އިތުރުވާ ބޮޅެކެވެ. ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެމިނިވަންކަމާއި، ދެފުށްފެންނަގޮތަށް އަދި ދައުލަތަށް އެންމެ ފައިދާ ވާނެގޮތަށް ގެންދިއުމަށް ހުރަސް އެޅި، ރައްޔިތުންނާއި، ދައުލަތުގެ ފައިސާއާއި މުދަލަށް ނުރައްކާ ބޮޑު ކަންކަން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ޖާގަ މިކަމުން ހުޅުވިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށް ފަހުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނެވިފައިވާ އެންމެހާ ބަދަލެއް ގެނެސްފައިވަނީ ދައުލަތުގެ ޕްރޮކިއުމަންޓްގެ ތެރެއިން ބޭނުން މަޝްރޫއެއް ބޭނުން ފަރާތަކަށް ބޭނުން އަގެއްގައި ހަވާލުކުރުމަށް މަގުފަހި ކުރުމަށެވެ.

އެމްޑީޕީގެ ދެން އުފެދޭ ސަރުކާރެއްގައި، މިފަދައިން ހަދާފައިވާ އެންމެހައިއެއްބަސްވުންތަކުގެ މައްސަލަތައް ބަލާނެކަމަށް ދަންނަވަމެވެ. ހަމަ އެގޮތުން، މި ފަދަބަދަލުތަށް ގެނައުމުގައި އަދި ތަންފީޒުކުރުމުގައި ބައިވެރިވާ ފަރާތްތަކުގެ މައްސަލަބަލައި، ޤާނޫނީ ފިޔަވަޅު އަޅާނަމެވެ.

ހަމަހަމަ، ދެފުށްފެންނަ، އަދި ވާދަވެރި ޕްރޮކިއުމަންޓް ނިޒާމެއްގެ އެންމެ އަސާސީ ބޭނުމަކީ ޖަވާބުދާރީ ކުރެވޭ، ރައްޔިތުންގެ އިތުބާރު އޮތް މާލީ ނިޒާމެއް އުފެއްދުމެވެ. ނަމަވެސް މި ސަރުކާރުން ރޭވިގެން ހިންގޭ އެންމެ ބޮޑު މަޝްރޫއަކީ އެ ނިޒާމު ބަލިކަށިކޮށް، ފުނޑާލައި، ދިވެހިރައްޔިތުންގެ މާލިއްޔާ ވެރިމީހާގެ ބާރުގެ ދަށަށް ގެންދިއުމެވެ. އެހެންކަމުން މިފަދަ ނޭއްގާނީ ކަންކަމުން ދުރުވެ، މިކަންކަން ހުއްޓާލައި، ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސަށް ރުޖޫޢަވުމަށް ގޮވައިލަމެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް މި ސަރުކާރުން ގެނެސްފައިވާ ހަތަރު ބަދަލުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ބޮޑެތި ކޮރަޕްޝަން ހިންގުމަށް ދޮރު ހުޅުވިފައިވާތީ، ނުހަނު ކަންބޮޑުވުން ފާޅުކޮށް، ހަމަހަމަ، ދެފުށްފެންނަ، އަދި ވާދަވެރި ޕްރޮކިއުމަންޓް ނިޒާމު ފުނޑާލުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަށް މި ޕާޓީން ގޮވައިލަމެވެ.

 

 

 

ފަހުގެ ނޫސް ބަޔާންތައް

ނޫސް ބަޔާން

20th October 2025

ސަރުކާރުން ރަސްމީ ނިޒާމުތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ފައިސާ ޗާޕުކުރުން ހުއްޓައިލުމަށް ގޮވައިލުން

ނޫސް ބަޔާން

14th October 2025

ސަރުކާރުން އައްޑޫގައި ނެގުމަށް ތައްޔާރުވަމުންދާ ވޯޓާ ގުޅޭ

ނޫސް ބަޔާން

10th October 2025

ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ސަރުކާރުން ހިންގާ ސިޔާސީ ޢަމަލުތައް ހުއްޓައިލުމަށް ގޮވައިލުން

ނޫސް ބަޔާން

3rd October 2025

Condemnation of Violent Arrests and Brutal Attempts to Disrupt October 3rd rally