ނޫސް ބަޔާން

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ ކަންބޮޑުވުން ފާޅުކުރުން

ލޯކަލް ކައުންސިލްތަކުގެ ކުރިއަށް އޮތް އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށާއި، މަޝްވަރާކުރުމަށް މި މަހުގެ 12 ވަނަ ދުވަހު މި ޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށްފައެވެ.

ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި، ކައުންސިލަރުންގެ އަދަދު މަދުކުރުމާއި އަދި އަތޮޅު ކައުންސިލްތައް އުވައިލުންފަދަ، އެކިއެކި ބަދަލުތައް ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ވާހަކަ، ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ ވެރިން ދަނީ ދައްކަވަމުންނެވެ. ނަމަވެސް، އިންތިހާބު ބޭއްވުމަށް ވަގުތު ކުޑަތަން ވަމުން އަންނައިރުވެސް، އެ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިނުވެއެވެ. އަދި އެކަމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށް ނުވަތަ ހިޔާލަށް ހުޅުވައިލައިފައެއްވެސް ނުވެއެވެ.

މިހެންކަމުން، ބަދަލުތަކެއް ގެންނާން އުޅޭކަން އެނގުނު ނަމަވެސް، އެއީ ކޮން ބަދަލުތަކެއްކަން މިހައިތަނަށް ސާފުވެފައިނުވެއެވެ. މި ކަމުގެ ސަބަބުން، މި ޕާޓީން އަދި އެހެނިހެން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ގަސްތުކުރާ ފަރާތްތަކަށްވެސް ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިވެއެވެ. ސިޓީތަކުގައި އެކުލެވޭ ދާރިރާތައް ކަނޑައަޅައިފައި ނުވުމުގެ ސަބަބުން، އެ ތަންތަނުގައި ޕްރައިމަރީ ބާއްވާފަހުން އަންނަ ބަދަލާއެކު އަލުން ކެންޑިޑޭޓުން ކަނޑައަޅަންޖެހުން ނުވަތަ ޕްރައިމަރީ ބާއްވަންޖެހިދާނެ ހާލަތު ދިމާވުންފަދަ އެތަކެއް ގޮންޖެހުންތަކެއް މި ޕާޓީއަށް ދަނީ ކުރިމަތިވަމުންނެވެ.

ދެންނެވުނު ބައްދަލުވުމުގައި، މި ކަންކަމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަނާ ހިއްސާކުރުމުން، ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ރާވަމުންދާ ބަދަލުތަކަކީ ކޮބައިކަން އެ ކޮމިޝަނަށް ވެސް އަންގައިފައިނުވާކަމަށް ވަނީ ބުނެފައެވެ. އެ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލާމެދު އެ ކޮމިޝަނުގެ އެއްވެސް މަޝްވަރާއެއް ހޯދައިފައި ނުވާކަމަށްވެސް ބުނެފައިވެއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ފުރިހަމަ ބާރު ބޭނުންކޮށްގެން، އިންތިހާބީ ދާއިރާތަކާއި، ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި، އަދި ކެންޑިޑޭޓުންގެ ޝަރުތުތައް ފަދަ، ލާމަރުކަޒީ ނިޒާމުގެ އަސާސީ ސިފަތަކާއި އުސޫލުތަކަށް އެންމެ ފަހު ވަގުތު ބަދަލު ގެނެސް، މި އިންތިހާބަށް ސީދާ ނުފޫޒު ފޯރުވުމަށް ސަރުކާރުން ރާވައިފައިވާކަން ހާމަވާކަމެކެވެ.

މި ދެންނެވި ސަބަބުތައް އެ ގޮތަށް ހުރުމުން، ލޯކަލް ކައުންސިލްތަކުގެ ކުރިއަށް އޮތް އިންތިހާބާ ގުޅޭގޮތުން މި ޕާޓީން ކަންބޮޑުވުން ފާޅުކުރަމެވެ. އަދި އިންތިހާބީ އުސޫލުތަކަށް ބަދަލު ގެންނަ ކަމުގައިވާނަމަ، އެކަން އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކަށް ދުލާރައި އެންގުމާއެކު، ރައްޔިތުންނަށް އަވަހަށް ހާމަކުރުމަށް ސަރުކާރަށް ގޮވައިލަމެވެ.

ފަހުގެ ނޫސް ބަޔާންތައް

ނޫސް ބަޔާން

1st December 2026

ތަރައްޤީއަށް ހުރަސް އަޅަނީ ކައުންސިލްތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުން ކުށްވެރި ކުރުން

ނޫސް ބަޔާން

1st March 2026

އެމްޑީޕީ ގައްދޫ ދާއިރާ ރައީސަށް އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް ގޮވައިލުން

ނޫސް ބަޔާން

1st March 2026

އެމްޑީޕީގެ ހަރަކާތްތެރިންގެ މައްޗަށް ކުރާ ސިޔާސީ ދައުވާތައް ކުށްވެރިކުރުން

ނޫސް ބަޔާން

3rd January 2026

އިންތިހާބަށް ނުފޫޒު ފޯރުވުމަށް ތުޅާދޫގެ ހައުސިންގ ޔުނިޓްތައް ދޫކުރަން ސަރުކާރުން ކުރަމުން އަންނަ ކަންކަން ހުއްޓައިލުމަށް ގޮވައިލުން