އެމް.ޑީ.ޕީގެ ފަރާތުން މިއަދު މާލޭގައި ކުރެވުނު ބޮޑު މުޒާހަރާގެ ތެރެއިން

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި، ޝެއިހް އިމްރާން އަބުދުﷲ މިނިވަން ކުރުމަށް ގޮވާލާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން މިއަދު މާލޭއާއި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި މުޒާހަރާކޮށްފިއެވެ.

އެމް.ޑީ.ޕީ އަދި އަދާލަތު ޕާޓީގެ ވެސް ގިނަ އިސްވެރިންނާއި މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި މި މުޒާހަރާގެ ބައިވެރިންނާއި މުހާތަބުކޮށް އެކި ބޭފުޅުން ވަނީ ވާހަކަ ދައްކަވާފައެވެ. އގޮތުން ހުރިހަ ބައިވެރިންގެ ވެސް ގޮވުމަކީ އ.ދ ގެ ވޯކިން ގުރޫޕުގެ ނިންމުމާ އެއްގޮތަށް ރައީސް ނަޝީދު ދޫކޮށްނުލައިފިނަމަ ރާއްޖެއަށް ލިބިދާނެ ގެއްލުމަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރައީސް ޔާމީނާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ހަރުގެ ކައިރިން ފެށި މި މުޒާހަރާ ނިންމާލާފައިވަނީ މާލޭގެ ބައެއް މަގުތަކުގައި ހިނގުމަށްފަހު މަޖީދީ މަގާއި އަލިކިލެގެފާނު މަގާއި ގުޅުނު ކަންމަތިންނެވެ. މުޒާހަރާ ނިންމާލާފައިވަނީ ރައީސް ނަޝީދައި އެހެނިހެން ކުށްވެރިން މިނިވަން ކުރެއްވުން އެދި ކުރި ހާއްސަ ދުއާއަކަށްފަހުއެވެ.