އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މާލޭގައި އޮންނާނީ އިމާދުއްދީން ސްކޫލުގައި ކަމަށް އެމްޑީޕީން ބުނެފި

29 ސެޕްޓެމްބަރ 2010

ލިޔުނީ: ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މާލޭގައި އޮންނާނީ އިމާދުއްދީން ސްކޫލުގައި ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީން ހާމަކުރި ގޮތުގައި މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 1 އޮކްޓޯބަރ 2010 ވާ ހުކުރު ދުވަހު ބާއްވާ ދާއިރާތަކުގެ އިންތިޚާބުގައި މާލޭގައި ވޯޓުލުމަށް އިމާދުއްދީން ސްކޫލުގައި، މާލެއާއި މާލޭގައި އުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް ވޯޓުފޮށިތައް ބަހައްޓާނޭ ކަމަށާއި، މިއިންތިޚާބު ބާއްވާ ދުވަހު މާލޭގައި ހުންނަ ރާއްޖޭގެ ކޮންމެ ހިސާބެއްގެ އެމްޑީޕީގެ މެންބަރަކަށް ވެސް ވޯޓުލާން ރަޖިސްޓްރީކުރުމަކާ ނުލާ އެމީހަކު ނިސްބަތްވާ ދާއިރާއަކަށް ވޯޓުލެވޭނޭ އިންތިޒާމް އިމާދުއްދީން ސްކޫލުގައި ހަމަޖެހިފައިވާނޭ ކަމަށް އެމްޑީޕީން ބުނެއެވެ.
އެސްއެމްއެސް މެދުވެރިކޮށް ވޯޓުލަމުން ދަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކެންސަލްކުރުމަށްފަހު މިއަންނަ ހުކުރު ދުވަހު މެންދުރުފަހު 2.30 ން ފެށިގެން ރޭގަނޑު 7.30 އަށް ބާއްވާ ގޮތަށް ހަމަޖެހިފައިވާ މިއިންތިޚާބުގެ ވޯޓުލުން ހަމަޖެހިފައިވަނީ ރާއްޖޭގައި ބާއްވާ އެހެނިހެން އިންތިޚާބުތަކެކޭވެސް އެއްފަދައިން ވޯޓުކަރުދާހުގައެވެ. ނަމަވެސް މާލެފިޔަވައި، އެމީހަކު ރަށްވެހިވެފައިވާ ދާއިރާ ނޫން އެހެން ދާއިރާތަކުގައި އުޅޭ ފަރާތްތަކާއި ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކުގެ ތެރެއިން އެސްއެމްއެސް މެދުވެރިކޮށް ވޯޓުލުމަށް އެފަރާތްތަކުގެ ނަންބަރުތައް އެމްޑީޕީ ސެކްރެޓޭރިއަޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް، ހުކުރު ދުވަހު ބާއްވާ އިންތިޚާބުގައި ވެސް އެސްއެމްއެސް މެދުވެރިކޮށް ވޯޓުލެވޭނޭ ކަމަށް އެމްޑީޕީ އޮފީހުން ބުނެއެވެ.
މިއިންތިޚާބު ބޭއްވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެމްޑީޕީ އޮފީހުގައި މިހާރު ވަމުންގެންދާ ކަމަށާއި، މިހާރު މިއިންތިޚާބުގެ ވޯޓުކަރުދާސް ހުރިހާ ޕްރޮވިންސަކަށް ފޮނުވާފައިވާނޭ ކަމަށް އެމްޑީޕީ އޮފީހުން ބުނެއެވެ.