ރައީސް މުޙައްމަދު ނަޝީދު އަލުން އަނބުރާ ޖަލަށް ބަދަލުކުރި ކުރުން ކުށްވެރިކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އަލުން އަނބުރާ ޖަލަށް ބަދަލުކޮށް އަނެއްކާ ވެސް ޢަބްދުﷲ ޔާމިން ގެ ސަރުކާރުން ޤާނޫނުން ބޭރުން ޢަމަލުކޮށްފައިވާތީ އެކަން މި ޕާރޓީން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

ޢަބްދުﷲ ޔާމިން ގެ ސަރުކާރުން ރައީސް މުޙައްމަދު ނަޝީދު އަލުން އަނބުރާ ޖަލަށް ގެންގޮސްފައިވަނީ އެމަނިކުފާނު ބަންދުގައި ހުންނަވާ މ.ޔާގޫތުގެއަށް ރޭ 9:30 ހާއިރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީހުންނާއި ގިނަ އަދަދެއްގެ އެސް.އޯ ފުލުހުން ފޮނުވައި، ޣައިރު ޤާނޫނީ ޢަމަލުތައް ހިންގުމަށްފަހުގައެވެ.

ރައީސް ނަޝީދު ގެ ޤާނޫނީ ވަކީލުން، ކަރެކްޝަނަލް ސަރވިސްގެ މީހުންނަށް އެމަނިކުފާނު ދާއިމީކޮށް ގެޔަށް ބަދުލުކުރިކަމަށް ކުރިން އެ ސަރވިސް އިން ދިން ލިޔުން ދެއްކުމުން ވެސް ޤާނޫނުން ބޭރުން އެ ސަރވިސް ގެ މީހުން ޢަމަލުކޮށްފައިވާކަން ފާހަގަކުރަމެވެ. އަދި އެ ސަރވިސްގެ މީހުން އެދުނު ގޮތަށް ރައީސް ނަޝީދު ޖަލަށް ވަޑައިގަތުމަށް އެމީހުންނާއެކު ނުކުމެވަޑައިގަންނަވަނިކޮށް ވެހިކަލް ހަމަޖެހެންދެއް އިހަށް މަޑުކުރެއްވުމަށް އެދުމުން މަޑުކުރެއްވިތަނާ، އެސް.އޯ ފުލުހުން ޔާގޫތުގޭ ބޭރު ގޭޓު ހަލާކުކޮށްލުމަށްފަހު އެގޭތެރެއަށް ޤާނޫނާ ޚިލާފަށް ގަދަބާރުން ވަދެގަނެ، ގޭތެރެއާއި ބޭރުގައި ތިބި އާންމު މީހުންގެ ލޮލަށާއި ނޫސްވެރިންގެ ލޮލަށް ގިނަ އަދަދަކަށް ޕެޕަރ ސްޕްރޭ ޖަހައި ޣައިރު ޤާނޫނީ ޢަމަލުތައް ހިންގާފައިވާކަން ފާހަގަކުރަމެވެ.

ޢަބްދުﷲ ޔާމިން ގެ ސަރުކާރުން ރޭގައި ރައީސް މުޙައްމަދު ނަޝީދު އަލުން އަނބުރާ ޖަލަށް ގެންގޮސްފައިވާއިރު، މީގެ ކުރިން 19 ޖުލައި 2015 ވަނަ ދުވަހު ކަރެކްޝަނަލް ސަރވިސުން ވަނީ އެމަނިކުފާނު ދާއިމީކޮށް ގޭ ބަންދަށް ބަދަލުކޮށް އަދި އެގޮތަށް ބަޔާންކޮށްފައިވާ ރަސްމީ ލިޔުން އެމަނިކުފާނާ ޙަވާލުކޮށްފައެވެ. އެހެންކަމުން ސަރުކާރުގެ އަމިއްލަ ނިންމުންތަކަށް ސަރުކާރުން އަމިއްލައަށް ފާޅުގައި ގޮންޖަހައި އޭގެ ޤާނޫނީ ބާރު ކަނޑުވާލަމުންދާކަމީ މިރާއްޖޭގައި ޤާނޫނުގެ ވެރިކަމެއް ނުހިނގާކަމުގެ އަލިގަދަ ހެއްކެކެވެ.
އެހެންކަމުން ސަރުކާރުގެ މިފަދަ ޣައިރު ޤާނޫނީ ޢަމަލުތައް ވަގުތުން ހުއްޓާލުމަށާއި، ނާއިންސާފުން 13 އަހަރު ދުވަހުގެ ޖަލު ޙުކުމް އިއްވާފައިވާ މި ޕާރޓީގެ ރައީސް މުޙައްމަދު ނަޝީދު ވަގުތުން މިނިވަންކުރުމަށް މި ޕާރޓީން ގޮވައިލަމެވެ. އަދި ސަރުކާރުގެ މި ޣައިރު ޤާނޫނީ ޢަމަލުތައް ބަލައި ފިޔަވަޅު އެޅުމަށް މިނިވަން މުވައްސަސާތަކަށް ގޮވާލަމެވެ.

24 އޯގަސްޓް 2015
ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް