ރައީސް މުޙައްމަދު ނަޝީދުގެ ބައިނަލްއަޤްވާމީ ޤަނޫނީ ވަކީލުން ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ

ރައީސް މުޙައްމަދު ނަޝީދުގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ޓީމް އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ސެޕްޓެމްބަރ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ދިވެހިރާއްޖެއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް މުޙައްމަދު ނަޝީދުގެ ވަކީލުން ބެން އެމަރސަން (ކިއު.ސީ)، އަމާލް ކްލޫނީ އަދި ޖެރެޑް ގެންސަރ ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ބިޒްނަސް ވިސާ ހަމަޖެހިފައިވާ ކަމުގައި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއިން ރައީސް މުޙައްމަދު ނަޝީދުގެ އޮފީހަށް މިއަދު ވަނީ އަންގަވާފައެވެ.

އ.ދ.ގެ ވަރކިން ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަން އަށް ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ މައްސަލައިގައި ވަރކިން ގްރޫޕްއިން އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ބައްލަވައިގެންފައިވާ ބޭފުޅުންނަށް ރާއްޖެ ވަޑައިގެން ރައީސް މުޙައްމަދު ނަޝީދާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ވަކީލުންނަށް ބިޒްނަސް ވިޒާ ދޫކުރެއްވުމަށް އެޓާރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ދަންނަވާފައިވާ ކަމުގައި އެޓާރނީ ޖެނެރެލްގެ އޮފީހުން މި އޮފީހަށް މިއަދު ވަނީ އަންގަވާފައެވެ.

ޖުލައި މަހުގެ 20 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދުގެ ބައިނަލްއަޤްވާމީ ޤަނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ ޖެރެޑް ގެންސަރ ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ބިޒްނަސް ވިސާ ހަމަޖެހެން ނެތްކަމުގައި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއިން އެންގެވިއެވެ. އަދި ބިޒްނަސް ވިސާ ހަމަޖެހޭނީ ސުޕްރީމް ކޯޓުގެ ލިޔުމެއް އޮތުމުން ކަމުގައިވެސް ރައީސް މުޙައްމަދު ނަޝީދުގެ އޮފީހަށް އެންގެވިއެވެ. ނަމަވެސް 2015 އޮގަސްޓް 5 ވަނަ ދުވަހު އެ ޑިޕާޓްމަންޓުން އެންގެވީ ބިޒްނަސް ވިސާ ދޫކުރުމަށް ބޭނުންވަނީ ސުޕްރީމް ކޯޓުގެ ލިޔުމެއް ނޫންކަމަށާއި އެފަދަ ލިޔުމެއް އެޓާރނީ ޖެނެރެލްގެ އޮފީހުން ބޭނުންވާނެ ކަމުގައެވެ.