ރައީސް ޔާމިން އިސްލާމް ދީނަށް ފުރައްސާރަވާގޮތަށް ދެއްކެވި ވާހަކަފުޅަށް ތައުބާވެވަޑައިގަތުމަށް ގޮވާޅުން

noosbayan1

ރާއްޖޭގައި އިންވެސްޓްކުރުމާ ބެހޭގޮތުން މި މަހުގެ 25 ވަނަ ދުވަހު ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް މާތްވެގެން އިސްލާމްދީނަށް ފުރައްސާރަވާގޮތަށް ބަސްފުޅު ވިދާޅުވެފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

މިދެންނެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމިން ވިދާޅުވެފައިވަނީ ސައުދީ ވިޔަފާރިވެރިން އާޚިރު ދުވަހު ޖަންނަތުލް ފިރުދައުސް (ސުވަރުގެ) އަށް ދިއުމަށް ބޭނުންނަމަ، ސުވަރުގެ ވަނީ މިރާއްޖޭގައި ކަމަށާއި އެކަމަށް “ވޯމް އަޕް” ކުރުމަށް މިރާއްޖޭގައި އިންވެސްޓްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޔާމިން މިފަދަ ކުފުރުގެ ބަސްފުޅުތައް ވިދާޅުވުމަކީ އެމަނިކުފާނުގެ ވެރިކަމުގައި، ބަހާއި އަމަލުން ވެސް މިރާއްޖޭގެ ރައްޔިތުން ކަންބޮޑުވާ ދަރަޖައަކަށް ރާއްޖޭގެ އިސްލާމީ ވަހުދަތާއި އާންމު ޙާލަތު ވައްޓަވާލައްވާފައިވާކަން ހާމަކޮށްދޭކަމެކެވެ.

ރައީސް ޔާމިން، މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަވާގޮތަށް ދެއްކެވި ވާހަކަފުޅަށް މާތް ﷲ ގެ ޙަޟުރަތުން ތައުބާވެވަޑައިގަތުމަށާއި އަދި ރާއްޖޭގެ ރައްޔިތުންގެ ކިބައިން މައާފާށް އެދިވަޑައިގަތުމަށް އެމަނިކުފާނަށް މި ޕާރޓީން ނަސޭހަތްތެރިވެ ގޮވާލަމެވެ.

26 ޑިސެމްބަރ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް