ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަނެއްކާ ވެސް ސިކިޔުރިޓީ ދިނުން ހުއްޓާލާފައިވާތީ އެކަން ކުށްވެރިކުރުން

noosbayan

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން 3 ދުވަހަކަށް ސިކިޔުރިޓީ ދިނުމަށްފަހު ރޭގައި އެކަން ހުއްޓާލާފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އަދި އެކަން ކުށްވެރިކުރަމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިމަހުގެ 20 އިން ފެށިގެން 23 ގެ ނިޔަލަށް އެމް.އެން.ޑީ.އެފް. އިން ދިން ސިކިޔުރިޓީ އަނެއްކާ ހުއްޓާލާފައި އެވަނީ، އެމް.ޑީ.ޕީ. އަށް ނިސްބަތްވާ މެމްބަރުންނަށް ތަކުރާރުކޮށް މަރުގެ އިންޒާރުތައްދީފައިވާއިރުކަމާއި، އަދި ސަލާމަތީ ޚިދުމަތްތަކުން އެ އިންޒާރުތަކުގެ މައްސަލަ ބަލައި ފިޔަވަޅުއެޅުމަކާ ނުލައިކަމާއި، އެ މެމްބަރުންނަށް އަދި ވެސް ނުރައްކާ އޮތްހިނދުގައިކަން، ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި މީގެކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ އެއް މެމްބަރަކު އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލައި، އަނެއް މެމްބަރަކަށް ފުރާނަ ގެއްލޭވަރުގެ ނުރައްކާތެރި ޙަމަލާއެއްދީ ޒަޙައްމްކޮށްލާފައިވާއިރުކަން ފާހަގަކުރަމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހަށިފުރާނައަށް މި ނުރައްކާ މިގޮތަށް އޮތްހިނދު، އަދި ޤާނޫނު އަސާސީގެ 105 ވަނަ މާއްދާގެ (ށ) ގައި ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމަށް ލާޒިމުކޮށްފައިވީހިނދު، މެމްބަރުންނަށް ޙިމާޔަތާ ރައްކާތެރިކަން ދިނުމަކީ އިޚްތިޔާރީ ކަމެއް ނޫންކަމާއި، އަދި ޙިމާޔަތާ ރައްކާތެރިކަން ނުދިނުމަކީ ޤާނޫނު އަސާސީއާ ވެސް ޚިލާފުކަމެއްކަމުގައި ދެކެމެވެ.

އިދިކޮޅު ސިޔާސީ ޕާރޓީކަމުގައިވާ އެމް.ޑީ.ޕީ. އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަރުގެ އިންޒާރުތައް ދެމުންދާހިނދު، އެ މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ނުދެއްވަނީ، ސަލާމަތީ ޚިދުމަތްތަކަށް އަމުރުކުރައްވާ ވެރިންގެ އަމުރަށާއި، އަދި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙު މުޙައްމަދު، އިދިކޮޅު ސިޔާސީ ޕާރޓީގެ މެމްބަރުންންގެ ހަށިފުރާނައިގެ ރައްކާތެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ނުކުރައްވާތީ ކަމުގައި ދެކެމެވެ. އަދި އެކަމަކީ އިދިކޮޅު ސިޔާސީ ޕާރޓީކަމުގައިވާ އެމް.ޑީ.ޕީ. ގެ މެމްބަރުންނާ، ރައްޔިތުން ޙަވާލުކޮށްފައިވާ ޤާނޫނީ ވާޖިބު މިނިވަންކަމާއެކު އަދާކުރެއްވުމަށް ހުރަސްއަޅުއްވައި ބިރުދެއްކެވުމުގެ ގޮތުން ކުރައްވާކަމެއްކަމުގައި ދެކެމެވެ. އެހެންކަމުން އެކަން އެގޮތަށް ނުކުރެއްވުމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި އެންމެހައި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސަށް މި ޕާރޓީން ގޮވާލަމެވެ.

24 އޮކްޓޯބަރ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް