މެންބަރުންގެ ޚިޔާލު: ޖޫޑިޝަލް ސަރވިސް ކޮމިޝަން. ގާނޫނީ އަރަތެއް!!!!!!!

9 ސެޕްޓެމްބަރ 2010

ލިޔުނީ: ފުނަމާ

jsc-maldives

ޖޫޑިޝަލް ސަރވިސް ކޮމިޝަން އަކީ ދިވެހި ރާއްޖޭގެ ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ދައުލަތް ހިންގުމުގެ ތިންބާރުގެ ތެރެއިން އަދުލުއިންސާފު ޤާއިމްކުރުމުގެ ބާރުގެ އެންމެހާ ކަންކަން ވިލަރެސް ކުރުމަށް އެކުލަވާލެވިފައިވާ ކޮމިޝަންއެވެ. ޤާނޫނީ ހައިސިއްޔަތު ލިބިގެންވާ މުސްތަޤިއްލު ކޮމިޝަންތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކޮމިޝަންއެވެ. އަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާ ސީދާކޮށް ހަމަމަގުން ގެންދިއުމުގައި ޖޫޑިޝަލް ސަރވިސް ކޮމިޝަންގެ ދައުރަކީ ކިހާވަރެއްގެ ދައުރެއްކަން ނޭނގޭ ހަމައެކަކުވެސް މިހާރު ރާއްޖޭގައި ހުންނާނެޔެކޭ ދެންނެވޭކަށް ނެތެވެ. އެއަށްވުރެ ބޮޑަށް އިންތިޤާލީ ނުވަތަ ވަގުތީ ޖޫޑިޝަލް ސަރވިސް ކޮމިޝަންގެ އާރާ ބާރުވެސް ވަނީ ރައްޔިތުންނަށް ދައްކާލަދީފައެވެ. އެއަކީ ރައްޔިތުންގެ އަޑެއް ސަރުކާރުގެ ބަހެއް އަހާލުމަށް “ކަންފަތެއްނެތް” ކޮމިޝަނެއްކަން ވޭތުވެދިޔަ ކުރު މާޒީގައި ވަނީ ދިވެހީންނަށް ދައްކައިދީފައެވެ.
ޖޫޑިޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތަށް ބަލާއިރު ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ހ) ގައި އެންމެ ފުރަތަމަވެސް ލިޔެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވެ. ހަމައެމާއްދާގެ (ބ) ގައި ރައްޔިތުންގެ މަޖްލީހުގެ މެންބަރުންގެ ތެރެއިން އެމަޖްލީހުން ކަނޑައަޅާ މެންބަރަކު ހިމަނާންވާނެ ކަމުގައި ބުނެފައިވާއިރު ޢާންމުންގެ ތެރެއިންވެސް ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މީހަކު މިކޮމިޝަންގައި ހިމަނަންވާނޭ ކަމުގައި އެމާއްދާގެ(ޅ) ގައި ބުނެފައިވެއެވެ.
ޤާނޫނުއަސާސީ އެކުލަވާލެވުނު އިރުވެސް މިކޮމިޝަނަށް މެންބަރުން ހަމަޖެއްސުމުގައި އެންމެ ބޮޑު ބާރެއް ލިބިދީފައި އެވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެނީ އެގްޒެކްޓިވް ބާރުންނާއި އަދުލު އިންސާފު ޤާއިމްކުރުމުގެ އެންމެ އިސްފަނޑިޔާރު ތަމްސީލުކުރުމަށް ރައީސުލް ޖުމްހޫރިއްޔާއަކަށް ނުވަތަ އުއްތަމަފަނޑިޔާރަކަށް ސީދާ މިކޮމިޝަންގައި އިށިނދެވޭކަށް ނެތެވެ. ނަމަވެސް ދައުލަތުގެ އަނެއްބާރު ކަމުގައިވާ ޤާނޫނުހަދާ ބާރުގެ ރައީސް މިކޮމިޝަންގައި ސީދާ ބައިވެރިވާގޮތަށް އެވަނީ ގާނޫނުއަސާސީއިން ފާޅުކޮށް ބުނެފައެވެ.
ކުރީން ބެލިފައިވަނީ ދައުލަތުގެ ތިންބާރަށް ހަމަހަމަ ގޮތެއްގައި ޖޫޑިޝަލް ސަރވިސް ކޮމިޝަން ބައިކުރުމަށް ކަމުގައި ބެލެވެއެވެ. އަދި ޚާއްސަމަޖްލީހުން ޤާނޫނުއަސާސީ އެކުލަވާލިއިރު މެންބަރުންގެ ޚިޔާލުހުރީވެސް މިގޮތަށްކަމުގައި އޭގެ ގިނަމެންބަރުންވެސް ވިދާޅުވަމުން ގެންދަވާފައިވެއެވެ. ނަމަވެސް އެއިރުވެސް ދައުލަތުގެ ތިންބާރުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އަށާ އުއްތަމަފަނޑިޔާރަށް މިކޮމިޝަންގައި ގޮނޑިޔެއް ނެތްއިރު ރައްޔިތުންގެ މަޖްލީހުގެ ރައީސްއަށް މިކޮމިޝަންގައި ގޮނޑިއެއް ޚާއްސަކޮށްފައި އެވަނީ ކޮންކަހަލަ ވިސްނުމެއްގައި ކަމެއް ނޭނގެއެވެ. އަދި މިހާރު މިފަހަކަށްއައިސް ކުރެވުނު ޤާނޫނީ ” ފުރަތަމަ ބޮޑުހަނގުރާމައިގައި” އެގްޒެކްޓިވް ބާރުގެ އަތުގައިއޮތް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ކަނޑައެޅުމުގެ ބާރު ގާނޫނުހަދާ މަޖިލީހުން އަތުލައި އެކޮމިޝަންގެ ރައީސްވެސް ކަނޑައެޅުން މިވަނީ މިހާރު ޤާނޫނުހަދާ މަޖިލިހުގެ ދައުރެއްގެ ގޮތުގައި ހަމަޖައްސާފައެވެ. އެހެން ކަމުން މިހާރު ޖޫޑިޝަލް ސަރވިސް ކޮމިޝަންގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޤާނޫނުހަދާ މަޖްލިހުންނެވެ. އަދި މާޒީގައި ޤާނޫނަކުން ގެންނަ ބަދަލަކުން މިކޮމިޝަންގެ ހުރިހާ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކަމުގައި ހަދާލުމުގެ ބާރުވެސް އޮތީހަމަ މަޖިލީހަށެވެ.
އަރަތަކަށް ވަނީ މިހިސާބުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމުގެ ޝަރުތު ކަނޑައަޅަމުން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ ” މިޤާނޫނު އަސާސީގައި ކަނޑައަޅައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެމަޤާމުގައިހުރެ އަންނަނިވި ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެއެވެ.” މިގޮތުން އެމާއްދާގެ (3) ގައި ވަނީ ” މުސްތަޤިއްލު ކޮމިޝަންއެއްގެ މެންބަރުކަން ނުވަތަ މުސްތަޤިއްލު މަޤާމެއް” ހަމައެއާއެކު މިއަކުރުގެ (8) ގައި ” ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރާންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެންވަޒީފާއެއް” މިހެން ލިޔެފައިވެއެވެ.
ސުވާލަކީ އޮޅުންބޮޅުން އަރާގޮތަކަށް މިކަންކަން ޤާނޫނު އަސާސީގައި ލިޔެފައިވާއިރު ކަންމިކުރަނީވެސް އެންމެ ރަނގަޅަށްބާވައެވެ؟ ތިންބާރަށް އެއްވަރަށް ބަހާފައިވާ ކަމަށް ހީވާ މިކޮމިޝަންގެ ބާރުތައް ވަކިފަރާތެއްގެ މުށުތެރެއަށް ލަމުންދާއިރު މިކަން ހަޖަމުކުރެވޭބާވައެވެ؟ ރައްޔިތުންގެ މަޖިލިހަކީ މިކޮމިޝަނުން ކަނޑައަޅާ ފަނޑިޔާރުން ވަކިކުރަން ޖެހުމުންވެސް އެކަންވެސް އެންމެފަހުން ކަނޑައަޅާން އޮތް މުއައްސަސާ ކަމުގައިވާއިރު އެމުއައްސަސާގެ ރައީސްއާއި މެންބަރުން ސީދާގޮތެއްގައި މިކޮމިޝަންގައި ތިބުމަށް ޤާނޫނުއަސާސީއިން ކަނޑައަޅާފައި އެވަނީ ކޮންކަހަލަ ވިސްނުމެއްގައި ކޮންކަހަލަ ނިޔަތެއްގައި ބާވައެވެ؟ ޤާނޫނު އަސާސީއަށް ބޭނުން ބަދަލެއް ގެނައުމުގެ ބާރުވެސް އެކީ މިލްކުވެގެންވާ މަޖިލީހުގެ ބާރެއް ފެށިގެން އައިއިރުވެސް މިކޮމިޝަންގައި އޮތްއިރު މީގެ ސަބަބުން އެއްބާރުން އަނެއްބާރަށް އަރައިގަނެވެނީ ކަމުގައި ނުވަތަ އެއްބާރު އަނެއްބާރުގެ ކައިރީން ސަލާންޖަހާން ޖެއްސެނީ ކަމުގައި ބުނަން ޖާގަނުލިބޭހެއްޔެވެ؟ އަދިހަމައެޔާއެކު ފެންނަމުން މިދަނީ މިކޮމިޝަންގެ ރައީސްކަމާ ނާއިބުރައީސްކަންވެސް މަޖްލީހުގެ މެންބަރުން ކޮށް އަދި ކުރަމުންދާތަނެވެ. މިއީވެސް އެތަކެއް ސުވާލުއުފެދޭ ކަމެކެވެ. ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖޫޑިޝަލް ސަރވިސް ކޮމިޝަންގެ ރައީސްކަން ކުރައްވާފައިވާއިރު މިހާރުގެ ނައިބުރައީސަކީވެސް މަޖިލީހުގެ މެންބަރެކެވެ. ޢިނާޔަތަކާ މުސާރައެއްވެސް ކަނޑައެޅިފައިވާނަމަ ގެއަށް ގެންދަވާނެތާއެވެ!
ކޮންމެއަކަސް މިކަމަކީ އޮޅުންބޮޅުންގިނަ އެކިމީހުން އެކިގޮތްގޮތަށް މާނަކުރަމުން ގެންދާ ކަމެއްކަމުގައިވާއިރު މިކަން ސްޕްރީމްކޯޓަށް ވައްދަންޖެހޭ ފަރާތަކުން ވައްދައިގެން ނަމަވެސް ބަލަން ނުޖެހޭ ބާވައޭ މިއީއުފެދޭ ސުވާލެކެވެ. އުއްތަމަފަނޑިޔާރަށާއި ރައީސުލް ޖުމްހޫރިއްޔާއަށް މިކޮމިޝަންގެ ދޮރުންއެތެރެއަށް ބޯވެސް ދިއްކޮށްނުލެވޭއިރު ” ތަންއޮތްތާ ފަންއަޅައިގެން” ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އެކޮމިޝަންގައި ވެޑުވިގެން އިނދެވެނީ ޤާނޫނުގައި ލިޔެވިފައި އޮތީމައޭ ހަމައެކަނި ބުނެލުމުގެ ބަދަލުގައި މިއަށްވުރެ ބޮޑަށް ރައްޔިތުންނަށްވެސް މިކަން މިގޮތަށް އެއޮތީ ހަމަރަނގަޅު ހަމަޔަކުންތޯ ނުވަތަ ޤާނޫނީ އޮޅުމަކުންތޯ ، ނޫންނަމަ މިއީ ޤާނޫނީ އުކުޅެއްތޯ، އެހެންނޫންނަމަ ޤާނޫނީ އަރަތެއްތޯ އޮޅުންފިލުވައިދޭން އެބަޖެހެއެވެ. މާދަމާ އަނެއްކާ މުޅި ޤައުމު “ކެވިއަރައިގަނެ” މުގުލަށް ބާރުނުކުރަނީސް މިކަންކަން ބެލި ހަމަޖެހި އޮޅުންފިލާފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ދެކެމެވެ. ޤާނޫނީ މިއަރަތުގެ މާނައޮޅުން ނުފިލާ ކިތަންމެ ކިތަންމެ ބަޔަކު މިޤައުމުގައި ތިބޭނެކަން ގައިމެވެ.