އެމް ޑީ ޕީ ގެ މުޒާހަރާ ތަކުގައި ގާނޫނާއި ޚިލާފު އަމަލުތައް ހިންގާކަމަށް ފުލުހުން ބުނި ބުނުން ކުށްވެރި ކުރުން

noosbayan

އިންތިހާބެއްގެ ތާރީހެއް ހޯދުމަށާއި ރާއްޖޭގެ ގާނޫނު އަސާސީގެ އަސާސްތަކަށް އެއްމެހާ ފަރާތްތަކުން ފުރިހަމަޔަށް ކިޔަމަންވުމަށް ގޮވާލާ އެމްޑީޕީން ކުރަމުން ގެންދާ ސުލްހަވެރި ސިލްސިލާ މުޒާހަރާ ތަކުގައި ގާނޫނާއި ޚިލާފު އަމަލުތައް ހިންގަމުންދާކަމަށް ފުލުހުން ބުނެ ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ފަތުރަމުންދާތީ މިޕާޓީން އެކަން އެއްމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

7 ސެޕްޓެމްބަރ 2013 ގައި ބޭއްވުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަކީ ހުރިހާ ގޮތަކުންވެސް ފުރިހަމަ އަދި ހާމަކަންބޮޑު ދެފުއްފެންނަ އިންތިހާބެއް ކަމަށް އިލެކްޝަން ކޮމިޝަނުންނާއި ރާއްޖެއާއި ބޭރުގެ އޮބަޒާވަރުންނާއި މޮނިޓަރުން ހާމަކޮށްފައިވާއިރު، އެ ދުވަހުގެ ނަތީޖާއިން މިޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދު އިދިކޮޅު ފަރާތްތައް ސިއްސައިގެން ދާފަދަ ފުރިހަމަ ކާމިޔާބެއް ހޯދުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ސްޕްރީމް ކޯޓަށް މައްސަލަ ހުށައެޅުމުން އެފަރާތްތަކުގެ އެދުމާއި އެއްގޮތަށް ސްޕްރިމް ކޯޓުން ރިޔާސީ އިންތިހާބު ވަނީ މުއްދަތެއްނެތި ފަސްކޮށްފައެވެ. އެކަމަކީ ގާނޫނު އަސާސީއާއި ޚިލާފު ކަމެއްކަމަށް ރާއްޖޭގެ ގިނަ ރައްޔިތުން ދެކި، އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އަމަން އަމާން ކަމާއި، ސުލްހަޔާއި ކުރިއެރުމަށް ހުރަސް އެޅޭނެތީ އިންތިހާބުގެ ތާރީހެއް ހޯދުމަށް އެދުވަހުން ފެށިގެން މިޕާޓީން މިދަނީ ސުލްހަވެރިކަމާއި އެކު އިހްތިޖާޖް ކުރަމުންނެވެ.

މި ޕާޓީން ރާވާ ހިންގާ އިހްތިޖާޖް ތަކާއި މުޒާހަރާތަކަކީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާއިން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ހައްގުތަކާއި،27 ވަނަ މާއްދާއިން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި، 32 ވަނަ މާއްދާއިން ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހުދޫދުގެ ތެރޭގައި ރާވާ ހިންގާ ކަންކަން ކަމުގައި ދަންނަވަމެވެ.

ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާ ހޯދައިދީ ތާހިރު ދިރި އުޅުމަކަށް މަގުފަހިކޮށްދިނުމަށް މި ޕާޓީން އަބަދުމެ މިދަނީ ގޮވާލަމުންނެވެ. އަދި އެކަންކަމަށް ގޮވާލާ މި ޕާޓީން ބާއްވާފައިވާ އެއްވެސް މުޒާހަރާއެއްގައި ގާނޫނު އަސާސީއާއި ޚިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާނެ ވާހަކަ ދަންނަވަމެވެ. މިޕާޓީއަކީ އެއްވެސް އިރެއްގައި ގާނޫއަސާސީ އާއި ޚިލާފު އަދި އަނިޔާވެރި އަމަލުތައް ހިންގުމަށް ހިއްވަރުދީ އެފަދަ ކަންކަން ކުރާނެ ޕާޓީއެއް ނޫންކަމުގައިވެސް ދަންނަވަމެވެ.

ލަކުޑި ބުރިތަކާއި ދަގަޑުބުރިތައް ބޭނުންކޮށްގެން މުޒާހަރާ ކުރުމަކީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރާ ކަމެއް ކަމަށް އެފަރާތްތަކުންވަނީ މީޑިއާ ތަކުގެ ކުރިމަތީގައި ހާމަކޮށްފައެވެ. އަދި ސިޔަސީ ޕާޓއަކުން 2011 ވަނަ އަހަރުގެ ފެބްރުއަރީމަހު ކުރި މުޒާހަރާތަކުގައި ލަކުޑި ބުރިތަކާއި އެހެނެހެންވެސް އާލަތްތައް ބޭނުންކުރިކަމަށް އެ ޕާޓީގެ އިސް ލީޑަރަކު މީޑިއާތަކުގެ ކުރިމަތީގައި ހާމަކޮށްފައިވާއިރު، އެކަންކަމަށް ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަ ކުރަމެވެ. އަދި އެ މުޒާހަރާ ތަކުގައި ގާނޫނާއި އަދި އިންސާނިއްޔަތާއި ޚިލާފު އެތަކެއް އަމަލުތަކެއް ހިންގާފައިވާއިރު މޯލްޑިވްސް ޕޮލިސް ސާވިސްގެ މިހާރުގެ އިސްވެރިން އެކަންކަން ފަސްއަޅާ ފޮރުވަމުން ދާކަންވެސް ފާހަގަ ކުރަމެވެ.

އެހެން ކަމުން ގާނޫނު އަސާސީ ނަގަހައްޓާ ރައްޔިތުންނަށް އަދުލުވެރި އިންތިހާބެއް ހޯދައިދީ ، ކުރިއެރުމާއި ތަރައްގީއާއި އިސްލާމީ ރިވެތި އުސޫލުތައް މިރާއްޖޭގައި ގާއިމު ކުރުމަށް މި ޕާޓީން ކުރަމުން ގެންދާ މަސައްކަތް ތައް ފަސްޖެހުމެއްނެތި ކުރިޔަށް ގެންދާނެކަމުގައި ދަންނަވަމެވެ. އަދި މިޕާޓީގެ އެއްވެސް ހަރަކާތެއްގައި ގާނޫނު އަސާސީ އާއި ޚިލާފު އެއްވެސް އަމަލެއް ނުހިންގާނެ ވާހަކަ ދަންނަވަމެވެ. އަދި މި ޕާޓީގެ ސުލްހަވެރި ހަރަކާތްތައް އަނިޔާވެރި ކަމާއި އެކު ރޫޅާލުމަށް ފުލުހުންގެ ތެރެއިން މަދު ބަޔަކު ކުރަމުންދާ ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތައް ހުށްޓާލުމަށް އެފަރާތްތަކަށް ގޮވާލަމެވެ.

6 އޮކްޓޯބަރ 2013

ބަޔާން ނެރުނީ: ސެކްރެޓޭރިއޭޓް