އދ ގެ ސަލާމަތީ މަޖިލީހުގައި ދިވެހިރާއްޖެގެ ސިޔާސީ ހާލަތާއި ބެހޭގޮތުން މަޝްވަރާކޮށް، ބަހުސްކުރެވެމުންދާކަމާމެދު ކަންބޮޑުވުންފާޅުކުރުން

noosbayan

އދ ސަލާމަތީ މަޖިލީހުގައި ދިވެހިރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތާއި ބެހޭގޮތުން މަޝްވަރާކޮށް ބަހުސްކުރެވުމުންދާކަމާމެދު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ކަންބޮޑުވުން ފާޅުކުރަމެވެ.

7 ސެޕްޓެމްބަރ 2013 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަކީ ދިވެހިރާއްޖޭގެ މަދަނީ ޖަމިޢިއްޔާތަކުންނާއި، ބައިނަލްއަޤްވާމީ ފަރާތްތަކުން އިންސާފްވެރިކަމާއި، ދެފުށްފެންނަގޮތަށް މައްސަލައެއްކުރިމަތިނުވެ ނިމިގެންދިޔަ އިންތިޚާބެއްކަން ހާމަކޮށްފާވާއިރު، އިންތިޚާބުން ބަލިވި ޖުމްހޫރީ ޕާޓީއިން ސުޕްރީމް ކޯޓަށް އިންތިޚާބު ބާތިލްކުރުމަށް މައްސަލަ ހުށައަޅައި ގާނޫނު އަސާސީގެ އަސާސްތައް މުގުރާލުމަށްފަހު އިންތިޚާބު ފަސްކޮށްފައިވާތީ 11 ނޮވެމްބަރ 2013ގައި އިންތިޚާބު ކުރެވޭ ރައީސުލްޖުމްހޫރިއްޔާއެއް ނުހުންނާނޭކަމުގެ ބިރު މިވަނީ ހީވެފައެވެ.

މިދަނޑިވަޅުގައި އިދިކޮޅު ފަރާތްތައް އިސްވެތިބެ ސަލާމަތީ ބާރުތަކާއި ގުޅިގެން އަސްކަރީ ވެރިކަމެއް ގާއިމްކޮށްފާނެކަމުގެ ބިރު ހީވެ، އެކަމާއި ނުރުހުންތެރިކަން ފާޅުކުރާ ފަރާތްތައް ސަސްޕެންޑްކޮށް، ގާނޫނު އަސާސީ މުގުރާލުމުގެ އަޑުތައް ގަދަވެ ބައިނަލްއަޤްވާމީ ފަރާތްތަކުގެ ސަމާލުކަމަށް މިމައްސަލަވަނީ އައިސްފައެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ޅަފަތުގައި އޮތް ޑިމޮކްރަސީ ފުނޑުފުނޑުވެ، މި ސަރަހައްދުގެ ސަލާމަތައް ނުރައްކާތެރިވެ އދގެ ސަލާމަތީ މަޖިލީހުގައި މަޝްވަރާކުރެވޭ ހިސާބަށް ގޮސްފައިވާކަމީ ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ނުތަނަވަސްކަމެކެވެ. ގައުމުގެ ސިޔާސީ ހާލަތަށް ބަލައި އދގެ ސަލާމަތީ މަޖިލީހުން ބައިނަލްއަޤްވާމީ ސުލްހަ ބަލަހައްޓާ ފައުޖުތައް ދިވެހިރާއްޖެއަށް ފޮނުވަފާނެފަދަ ހާލަތެއްގައި އޮތްކަމަށް ފެނިއްޖެނަމަ އެފައުޖުތައް ދިވެހިރާއްޖޭގެ އަމަންބަލަހައްޓަން ނިންމަފާނެތީވެ، މިޕާޓީއިން ނުހަނު ކަންބޮޑުވެއެވެ.

ދުނިޔޭގައި މިވަގުތު އޮތް ސިޔާސީ ގޮތުން އެންމެ ހަމަނުޖެހުން ބޮޑު ސީރިޔާ، އިރާޤް، މިސުރު ފަދަ ގައުމުތަކުގެ ލިސްޓަށް ދިވެހިރާއްޖެ ހިނގައިދާނެފަދަ ހާލަތަކަށް ގެންދިޔުމަށް ވިސްނާކަމީވެސް އެމްޑީޕީއިން ކަންބޮޑުވާކަމެކެވެ. މިފަދަ ކަމެއްގެ ސަބަބުން ބައިނަލްއަޤްވާމީ ދުނިޔޭގައި ދިވެހިރާއްޖޭގެ ތަސައްވަރު ކިލަނބުވެ، އެކިއެކި ފިއްތުންތަކާއި ކުރިމަތިލާންޖެހި އެކަމުގެ ހިތި ނަތީޖާ ދިވެހި ރައްޔިތުން އުފުލުންޖެހޭނެއެވެ. ދިވެހިރާއްޖެއަކީ ހުރިހާ ގޮތަކުން ބޭރު ދުނިޔެއަށް ބަރޯސާވުން ބޮޑު ގައުމަކަށް ވާއިރު އދގެ ސަލާމަތީ މަޖިލީހުގެ ނިންމުމެއްގެ ސަބަބުން ދިވެހިރާއްޖެއަށް އެހާމެ ދަތިތަކާއި، އުނދަގޫތަކާއި ކުރިމަތިލާންޖެހޭނެއެވެ.

މިފަދަ ކަމެއް ވިޔަނުދިނުމަށް ސިޔާސީ ފަރާތްތަކުންނާއި ޤައުމުގައި ހުރި މުއައްސަސާތަކުން ޤާނޫނު އަސާސީއަށް އިހްތިރާމްކޮށް ރައްޔިތުންނަށް ލިބިދޭ ވޯޓު ދިނުމުގެ ހައްގު ހޯދައިދީ، ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރެވޭ ސަރުކާރެއް ގާއިމްކުރަންޖެހޭއިރު، އެމަސައްކަތަށް ހުރަސް ނޭޅުމަށް މިޕާޓީއިން އެންމެ ހަރު އަޑުން ގޮވާލަމެވެ. އަދި ސަލާމަތީ ބާރުތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން އަސްކަރީ ވެރިކަމެއް ޤާއިމްކުރުމަށް ވިސްނަމުންދާކަމުގެ އިޝާރާތްތައް ލިބެމުންދާއިރު، މިފަދަ ނާތަހުޒީބީ އަމަލްތައްކުރުމަށް ނުވިސްނުމަށް އެމްޑީޕީއިން ގޮވާލަމެވެ.

6 އޮކްޓޯބަރ 2013
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް