އަލްމަރުޙޫމް ޑޮކްޓަރ އަފްރާޝިމް ޢަލީ ގެ ޒިކުރާ އާކުރުމުގެ ގޮތުން އެމް.ޑީ.ޕީ ޕާރަލަމެންޓްރީ ގްރޫޕުން ނެރޭ ނޫސް ބަޔާން

noosbayan

ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޑޮކްޓަރ އަފްރާޝިމް ޢަލީ ވަރަށް ރަޙުމުންކުޑަ އަނިޔާވެރި ގޮތަކަށް 2012 ވަނަ އަހަރުގައި އަވަހާރަކޮށްލިތާ 1 އަހަރު އިއްޔެ ފުރިފައިވާހިދު، އެ ހިތާމަވެރި މުނާސަބަތުގައި އެމަރުޙޫމުގެ ޒިކުރާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕުން އާކުރަމެވެ.
މުޅި މިޤައުމަށާއި ދުނިޔެއަށް ކުއްލި ސިހުން ގެނެސް ޑޮކްޓަރ އަފްރާޝިމް ޢަލީ އެފަދަ ރަޙުމްކުޑަ އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލި ކޮށްލުމަކީ ޝައްކެއް ނެތްގޮތުގައި މިރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި ވެސް ދިމާވި އެންމެ ހިތާމަވެރި ދުވަސްކަން ފާހަގަކުރަމެވެ. އަލްމަރުޙޫމް ޑޮކްޓަރ އަފްރާޝިމް ޢަލީ އަކީ ދީނީ ގޮތުންނާއި ޢިލްމީ ގޮތުންނާއި އިޖްތިމާޢީ ގޮތުންނާއި އަދި ސިޔާސީގޮތުން ނުހަނު އަގުހުރި މަސައްކަތްޕުޅުތަކެއް ވަރަށް ސާބިތުކަމާއި ޝައުޤުވެރިކަމާއެކު މި ދިވެހިރާއްޖެއަށް ކޮށްދެއްވަމުން ގެންދެވި ވަރަށް އަގުހުރި ދިވެހި ދަރިއެކެވެ. ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ ކޮމެޓީތަކުގައި ޑޮކްޓަރ އަފްރާޝިމް ޢަލީ އަރިހުގައި އެމް.ޑީ.ޕީ. ޕާރލަމެންޓްރީ ގްރޫޕުން މަސައްކަތްކުރުން އަބަދުވެސް ވެގެން ގޮސްފައިވަނީ ވަރަށް ފަސޭހަ މާހައުލަކަށެވެ. އަދި އެގޮތުން ވަރަށް ޕްރޮޑަކްޓިވް މަސައްކަތްތަކެއް ކުރުމަށް ފަހިވެފައިވާކަން ފާހަގަކުރަމެވެ. ހަމަ އެފަދައިން ޑޮކްޓަރ އަފްރާޝިމް ޢަލީ އަކީ އެމް.ޑީ.ޕީ. ޕާރލަމެންޓްރީ ގްރޫޕުގެ އެންމެހައި މެމްބަރުންނާ ވެސް ވަރަށް އެކުވެރި ގާތްގޮތް ގެންގުޅުއްވި ހެޔޮލަފާ ބޭފުޅެއްކަން ވެސް ފާހަގަކުރަމެވެ.
ޑޮކްޓަރ އަފްރާޝިމް ޢަލީ އަވަހާރަކޮށްލިތާ އެއް އަހަރު ފާއިތުވެ ގޮސްފައިވާއިރު، އެމައްސަލަ ތަޙްޤީޤްކޮށް އެ މަރުޙޫމުގެ ޤާތިލުން ހޯދާ ޝަރީޢަތްކޮށް އަދަބު ދެވިފައި ނުވާކަން ނުހަނު ކަންބޮޑުވުމާއެކު އެމް.ޑީ.ޕީ. ޕާރލަމެންޓްރީ ގްރޫޕުން ފާހަގަކުރަމެވެ. އަދި އެ މައްސަލާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި މިވަގުތު ހުންނެވި ބޭފުޅާއިން ފެށިގެން ކޮމިޝަނަރ އޮފް ޕޮލިސް ގެ މަޤާމުގައި ހުންނެވި ފަރާތާ ހަމައަށް ވެސް، ނުބައި ނިޔަތުގައި ގަސްދުގައި ސިޔާސީ ކުލަ ޖައްސަވައިގެން އެ މައްސަލަ ތަޙްޤީޤްކުރެއްވުމަށް ފަސްޖެހިވަޑައިގެން ތިއްބެވުމުގެ ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ އަލްމަރުޙޫމް ޑޮކްޓަރ އަފްރާޝިމް ޢަލީގެ ޙަޤީޤީ ޤާތިލުން ހޯދިފައި ނުވުމާއި އެ މަރުޙޫމުގެ އާއިލާއަށް އިންސާފާއި ހިތްހަމަޖެހުމެއް ލިބިފައި ނުވުމެވެ.
ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޑޮކްޓަރ އަފްރާޝިމް ޢަލީ ވަރަށް ރަޙުމުންކުޑަ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލިތާ އެއް އަހަރު ފުރުމުގެ ހިތާމަވެރި ޒިކުރާ އާކުރެވޭ ހިނދު، އެ މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޔުމަތް ލެއްވުމަށާއި އެމަރުޙޫމުގެ އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުމަށް ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ. އަދި ޑޮކްޓަރ އަފްރާޝިމް ޢަލީ އަވަހާރަކޮށްލި މައްސަލަ އެމް.ޑީ.ޕީ ގެ ސަރުކާރެއްގައި ކްރިމިނަލް އިންވެސްޓިގޭޝަން ހިންގާ ޕްރޮފެޝަނަލް އުސޫލާއި އަޚްލާޤުން އަވަސް ފުރުސަތެއްގެ ތެރޭގައި ތަޙްޤީޤުކޮށް ޑޮކްޓަރ އަފްރާޝިމް ޢަލީގެ ޙަޤީޤީ ޤާތިލުން ހޯދައި ޝަރީޢަތްކޮށް ޙައްޤު އަދަބު ދޭނޭކަމުގެ ޔަޤީންކަން އެމް.ޑީ.ޕީ. ޕާރލަމެންޓްރީ ގްރޫޕުން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ.
2 އޮކްޓޯބަރ 2013

ބަޔާން ނެރުނީ: އެމް.ޑީ.ޕީ. ޕާރލަމެންޓްރީ ގްރޫޕުގެ ލީޑަރ އިބްރާހީމް މުޙައްމަދު ސާލިޙު