މި ސަރުކާރުން ޤާނޫނު ބޭނުންކުރައްވަމުން ގެންދަވާނީ، ސީދާ ހަމަ މަގުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

27 އޯގަސްޓް 2010

hep-radio

މި ސަރުކާރުން ޤާނޫނު ބޭނުންކުރައްވަމުން ގެންދަވާނީ، ސީދާ ހަމަ މަގުގައި، ޤާނޫނީ ދައުލަތް ހިންގުމުގައި އެބޭނުންވާ މިންވަރަށް، އެބޭނުންވާ ދަރަޖައަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ޤާނޫނަށް ތަބާވުމުގެ މުހިންމުކަމުގެ މައްޗަށާއި، ޤާނޫނުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމުގެ މުހިންމުގެ ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ޤާނޫނަކީ ނުވަތަ ފަނޑިޔާރުގެއަކީ ސިޔާސީ ޙަރަކާތް ހިންގުމަށް ބޭނުންކުރެވޭނެ ހަތިޔާރެއްގެ ގޮތުގައި ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވަމުން، ކޯޓަށް ހުށަހެޅޭ މައްސަލައަކީ ކޮންމެވެސް ސިޔާސީ ކަމަކާ ގުޅިފައި އޮންނަ މައްސަލައެއްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. ކޮންމެ ކަމަކާވެސް މިއޮންނަނީ ކޯޓަށްދާން ޖެހިފައި ކަމަށާއި، ޤާނޫނު ނުވަތަ ފަނޑިޔާރުގެއަކީ، ބައެއް ބޭފުޅުންގެ ނަޒަރުގައި ސިޔާސީ ޙަރަކާތުގެ ވަސީލަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ޤާނޫނުތަކުގެ ބޭނުމަކީ އެއަށް ތަބާވުން ކަމަށާއި، ކޯޓުތަކުގެ ބޭނުމަކީ އެތަންތަނުން އިއްވާ ޙުކުމަކީ ރައްޔިތުން ގަބޫލުވާ ޙުކުމަކަށް އަދި ރައްޔިތުންނަށް އެޙުކުމަކަށް އިތުބާރު ކުރެވޭ ޙުކުމަކަށް ހެދުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެހެން އެކަން ކުރުމަށްޓަކައި ޤާނޫނުވެސް އަދި ކޯޓުތައްވެސް އަޅުގަނޑުމެން ބޭނުންކުރަމުންދާން ޖެހޭނީ، ހެޔޮގޮތުގައިކަން ބަޔާންކުރެއްވިއެވެ. ހަމައެއާއެކު، ޤާނޫނަކީ ސިޔާސީ ޙަރަކާތް ހިންގުމަށްޓަކައި ނުވަތަ ޤާނޫނީގޮތުން އެކެއް އަނެކަކަށް، ސިޔާސީގޮތުން އެކެއް އަނެކަކަށް ލަގާއެއް ދިނުމަށްޓަކައި، ދައްޗެއް ކުރުމަށްޓަކައި، އޮޅުވާލުމަށްޓަކައި، މަގުން ކައްސާލުމަށްޓަކައި ބޭނުންކުރާ އެއްޗެއް ނޫން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެމަނިކުފާނުގެ ސިޔާސީ ޙަރަކާތް ބިނާވެފައި އޮންނާނީ، ޤާނޫނީ އެކިއެކި މާއްދާތައް ބޭނުންކުރައްވައިގެން، އެކިއެކި ސިޔާސީ ވާދަވެރިންނަށް، ސިޔާސީ ބޭފުޅުންނަށް ދެރައެއް، ގެއްލުމެއް ދެއްވައި ހެއްދެވުމުގެ މައްޗަކަށް ނޫނެވެ. އަދި ޤާނޫނަކީ އަޅުގަނޑުމެން ދަމަހައްޓަންޖެހޭ ހަމަތަކެއް ކަމަށްވާއިރު، އެހަމަތައް ބޭނުންކޮށްގެން، ނުހަމަ، ނާޖާއިޒު ފައިދާ ނެގެންހުރި މަގުމަގު ހޯދައިގެން، ޤާނޫނުތައް ބޭނުންކުރުން އެއީ، ޤާނޫނުގެ ބާރު ކަނޑާލުމާއި، ޤާނޫނުގެ ބޭނުން ނެތޭވަރު ކުރުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި އެމަނިކުފާނުގެ 63 ވަނަ ރޭޑިޔޯ ޚިޠާބުގައި، މިއަދަކީ ރަމަޟާން މަހުގެ 17 ވަނަ ދުވަސް ކަމަށްވުމާއި، މިއަދަކީ ބަދުރު ހަނގުރާމަ ހިނގި ދުވަސް ކަމަށްވާތީ، އެޙާދިޘާގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ. ބަދުރު ހަނގުރާމައަކީ އިސްލާމީ ތާރީޚުގައި ވަރަށް މަތިވެރި، ވަރަށް މުހިންމު މަގާމެއް ދެވިފައިވާ ޙާދިޘާއެއް ކަމަށާއި، އެދުވަހަކީ އިސްލާމުންނަށް ވަރަށްބޮޑު ކާމިޔާބީއެއް ލިބުނު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިފަދަ ތާރީޚީ ދުވަސްތަކުން އަޅުގަނޑުމެން ފިލާވަޅު ލިބިގަނެ، ތަޖްރިބާ ހޯދަންޖެހޭނެކަން ފާހަގަކުރައްވަމުން، ބަދުރު ހަނގުރާމައިގެ ކިތަންމެ ފިލާވަޅެއްގެ ބޭނުން އަޅުގަނޑުމެންނަށް ހިފޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.