މިސަރުކާރަކީ ވަޢުދުތައް ފުރިހަމަކުރަމުން އަންނަ އޯގާތެރި ސަރުކާރެއް ކަން ރައްޔިތުން ބަލައިގަންނަ ކަމުގެ ހެކި ލިބެމުންދާ ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވެއްޖެ

22 ނޮވެމްބަރ 2009
ހިނގަމުން މިދާ ސަރުކާރުގެ ވައުދުތައް ފުރިހަމަކުރަމުން އަންނަކަމާއި، މިވެރިކަމަކީ ރައްޔިތުންނަށް އިޚްލާސްތެރި، އޯގާތެރި ވެރިކަމެއްކަން ރައްޔިތުން ބަލައިގަނެ މިސަރުކާރަށް ރައްޔިތުންގެ ތަރުހީބު ލިބެމުންދާ ކަމުގެ ފުރިހަމަ ހެކި ލިބެމުންދާ ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ. މާރިޔާ މިހެން ވިދާޅުވީ މަތި ދެކުނު ޕްރޮވިންސްގެ ރަށްތަކުންނާއި މަތި އުތުރު ޕްރޮވިންސްއިން އެމްޑީޕީއަށް ވަނުމަށް އެދޭ 1800 އަށްވުރެ ގިނަ ރައްޔިތުންގެ މެންބަރޝިޕް ފޯމު އެމްޑީޕީއާ ހަވާލުކުރުމަށް އެމްޑީޕީ ސެކްރެޓޭރިއަޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ގއ. އަތޮޅުގެ ފޯމުތައް ހަވާލުކުރެއްވީ އެއަތޮޅުގެ ކައުންސެލަރ ތައުފީޤް ޢަބްދުﷲ އެވެ. މިދިޔަ އޮކްޓޫބަރު މަހު ޖެއްސި މެންބަރޝިޕް ޑްރައިވްގައި އެއަތޮޅުން 700 އަށްވުރެ ގިނަ ފޯމު ފުރާފައިވާ ކަމަށް ތައުފީޤް ވިދާޅުވިއެވެ. ގދ. އަތޮޅުގެ 418 ފޯމު ހަވާލުކުރެއްވީ އެއަތޮޅު ކައުންސެލަރ މުހައްމަދު ނިޔާޒެވެ. ށ. މިލަންދޫގެ 740 ފޯމު ހަވާލުކުރެއްވީ އެމްޑީޕީގެ މެންބަރެއް ކަމަށްވާ މުހައްމަދު ޝާހިދެވެ. މިރަސްމިއްޔާތުގައި ތައުފީޤް ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި އާބާދީގެ ނިސްބަތުން އެމްޑީޕީގެ މެންބަރުން މަދުކަމަށް ފާހަގަކުރެވިފައިވާ ގއ. ވިލިނގިއްޔާއި، ގެމަނަފުށިން އެމްޑީޕީއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމުގައި ވިދާޅުވިއެވެ. އަދި ލަހެއްނުވެ މި 2 ރަށުގެ ޢަޣްލަބިއްޔަތު ޑީއާރުޕީން އެމްޑީޕީއަށް ފުރޮޅިގެންދާނޭ ކަމަށް އުއްމީދުކުރައްވާ ކަމުގައި އަތޮޅު ކައުންސެލަރ ތައުފީޤް ވިދާޅުވިއެވެ.
މި އޮކްޓޫބަރ 28 ގެ ނިޔަލަށް އިލެކްޝަންސްގައި ރަޖިސްޓްރީ ކުރެވިފައިވާ އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 24149 އެވެ. މީގެ އިތުރުން 1409 ފޯމު އިލެކްޝަނަށް ފޮނުވާފައިވާ އިރު، އިލެކްޝަނަށް ފޮނުވަންޖެހޭ އިތުރު 5618 ފޯމު އެބަހުރި ކަމަށް ރެޖިސްޓްރޭޝަންގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތު ދެއެވެ.
އެމްޑީޕީން މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ފެށި މެންބަރޝިޕް ޑްރައިވް މިހާރު ކުރިޔަށްދާ ގޮތަށް ބަލާއިރު މި މަސް ނިމޭއިރު އެމްޑީޕީގެ މެންބަރުންގެ އަދަދު ތެއްތިރީސް ހާހަށްވުރެ އިތުރު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ޗެއަރޕާސަން މާރިޔާ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި އެމްޑީޕީގެ ރެޖިސްޓްރާ ޖެނެރަލް އަހުމަދު ޝާހިދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.