26 އޮގަސްޓް 2009
ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ލިބިދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަން ކަނޑައެޅުމުގެ ބިލުގައި ޑީއާރުޕީން ހިމަނައި ފާސްކުރުމަށް މަސައްކަތް ކުރަމުންދާ ބައެއް މާއްދާތަކަކީ ކަނޑައެޅިގެން ވަކި މީހަކަށް ހިމާޔަތާއި ރައްކާތެރިކަން ހޯދައި އެފަރާތަށް އިނާޔަތް ތަކެއް ދިނުމަށް ބިލުގައި ހިމަނާފައިވާ މާއްދާތަކަކަށް ވާތީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އަންގާރަ ދުވަހު މެންދުރު ފަހު އެމްޑީޕީގެ ސެކްރެޓޭރިއަޓްގައި ބޭއްވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ޝާމިލްވާ ފުރަތަމަ ނޫސްކޮންފަރެންސްގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ވިދާޅުވީ މި ބިލު ދިރާސާކުރުމަށް މަޖިލީހުން ހޮވި 7 މެންބަރުންގެ ކޮމެޓީގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ 3 މެމްބަރުން ހިމެނުނު ނަމަވެސް ކޮމެޓީގެ އަޣްލަބިއްޔަތު ޑީއާރުޕީއަށް އޮތުމުން ޑީއާރުޕީގެ މެންބަރުން ބެނުން ގޮތަކަށް ކޮމެޓީން ބިލު ނިންމައި، ކުއްލި ގޮތަކަށް ކޮމެޓީގެ ރިޕޯޓް އައިކަމުގައެވެ.
މޫސަ އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ކަންކަން ލުއި ކޮށްދެއްވުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި މިފަދަ ޚަރަދު ބޮޑު ގޮތަކަށް ކުރީގެ ރައީސްގެ އިނާޔަތް ކަނަޑައެޅުމުގެ ބިލު ފާސްވެދާނެތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ކަމުގައެވެ.
“މިބިލުގަ އަޅުގަނޑުމެން މިކަންބޮޑުވާ މައްސަލައަކީ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަށް ދޭންޖެހޭ އިނާޔަތުގެ ޖުމްލަ ނަގުދު ފައިސާގެ ގޮތުގައި 3 ލައްކަ ރުފިޔާއަށް އެބަ އަރާ. އަދި މިބިލު ތަސްދީޤުވާ ދުވަހު މިބިލުގަ ބުނާގޮތުން ވެއްޖިއްޔާ 2.7 މިލިޔަން ނުވަތަ 2.6 މިލިޔަން ރުފިޔާ (ކުރީގެ ރައީސް އަށް) ދޭން މިބިލު އެބަ ލާޒިމް ކުރޭ.” މޫސަ ވިދާޅުވިއެވެ.
މި ބިލުގައި ސަލާމަތީ ޚިދުމަތްތަކާއި، ދަތުރުފަތުރަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމަށް ކަނޑައަޅާފައިވާއިރު، މިކަމަށް ދައުލަތުގެ ބަޖެޓުން މިލިއަނެއް ނުވަތަ ދޮޅު މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެތީ މިކަމާ ކަންބޮޑުވާކަމަށްވެސް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުންވަނީ ހާމަކޮށްފައެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމް ވިދާޅުވީ ރާއްޖޭގެ ޤާނޫނު ވަކި މީހަކަށް އަމާޒުކޮށްގެން ހަދަން އުޅޭތީ އެކަމާ ހިތާމަކުރައްވާ ކަމުގައެވެ. އަދި ޤާނޫނުއަސާސީ ބަދަލުވެގެން ގޮސްފައިވާއިރު، ކޮންމެފަދަ މަޤާމެއްގައި ހުރި މީހެއްނަމަވެސް، ޤާނޫނާ ޚިލާފް ކަމެއްކޮށްފިނަމަ އެކަން ބެލޭނެކަމަށް ޤާނޫނުގައި ވާކަމަށާއި، ކުރީގެ ރައީސްކަން ކޮށްފައިވާ މީހަކު ކޮށްފައިވާ ކަމަކަކާމެދު ޝަރީޢަތް ނުހިންގޭ ގޮތަށް މިބިލުގައި އޮތުމަކީ ޤާނޫނުއަސާސީން ބާރުލިބިދޭ ޝަރުޢީ ދާއިރާއަށް ގޮންޖެހުންކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވެސް ވަނީ ކުރީގެ ރައީސްކަން ކޮށްފައިވާ މީހަކާ ދެކޮޅަށް ދައުވާ ނުކުރެވޭ ގޮތަށް މިބިލުގައި ކަނޑައަޅާފައިވާތީ އެއީ ރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފްކަމެއް ކަން ފާހަގަ ކުރައްވައި އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. މީގެ އިތުރުން ހަމްޒާ ވިދާޅުވީ، މި ބިލުގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުކަށް ދިނުމަށް ކަނޑައަޅާފައިވާ އިނާޔަތްތަކަކީ ދައުލަތުގެ ބަޖެޓަށް އެކަށީގެންވާ މިންވަރެއް ނޫންކަމަށެވެ.
އިޤްތިޞާދީ ގޮތުން ގައުމު މިހާ ހީނަރުވެފައިވާ ދުވަސްވަރެއްގައި އެންމެ މީހަކަށް ހިމާޔަތާއި ރައްކަތެރިކަން ހޯދުމުގެ ގޮތުން ހުށަހަޅާފައި މިވާ ބިލު ފާސްކުރުމުގައި ގައުމުގެ އިޤްތިޞާދީ ހާލަތަށް ރިޢާޔަތް ކުރެއްވުމަށް މިނިވަން މެންބަރުންނަށާއި ޑީއާރުޕީގެ މެންބަރުންނަށް މިނޫސް ކޮންފަރެންސްގައި މޫސަ އިލްތިމާސް ކުރެއްވިއެވެ.
“މިފުރުޞަތުގައި އަޅުގަނޑު ގޮވާލަން މަޖިލީހުގައި ތިބި އިންޑިޕެންޑެންޓް މެންބަރުންނަށާއި އަދި ޑީއާރުޕީއަށް ނިސްބަތްވާ މެންބަރުންނަށް އެންމެ މީހަކަށް ހިމާޔަތާއި ރައްކާތއެރިކަން ހޯދައި ދިނުމުގައި، އިޤްތިޞާދީ މިވަރުގެ ބޮޑު ވަޅުގަނޑަކަށް އަޅުގަނޑުމެންގެ ގައުމު ވެއްޓިގެންދާ ވަގުތު މިކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގެން ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެއްވުމަށް.” މޫސަ ވިދާޅުވިއެވެ.