އަޅުގަނޑުމެންގެ މިނިވަންކަމަކަށް އިރާދަކުރެއްވިއްޔާ ކުޑަވެސް ގުޑުމެއް ނާންނާނެ – ރައީސް ނަޝީދު

23 އޮގަސްޓް 2009

ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރާފަދަ ކަމެއް ނުވަތަ ސިޔާސަތެއް މިސަރުކާރުން ނުހިންގަވާނޭ ކަމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމަކަށް އިރާދަކުރެއްވިއްޔާ ކުޑަވެސް ގުޑުމެއް ނުވަތަ ލޮޅުމެއް ނާރާނޭ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ އިންޑިޔާގެ އަސްކަރީ ހިމާޔަތުގެ ދަށަށް ގެންދިޔުމަށް މިސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަކަތަކަށް އިޝާރާތްކުރައްވައި ރައީސް މިމޭރުމުން ވާހަކަފުޅު ދެއްކެވީ ދިވެހިރައްޔިތުންނާ މުޚާޠަބު ކުރައްވައި އެމަނިކުފާނުދެއްވި 11 ވަނަ ރޭޑިޔޯ ޚިޠާބުގައެވެ.
“ޙިމާޔަތުގެ އުނގު އެއީ ކޮން އެއްޗެއްކަން އަޅުގަނޑަށްވެސް ވަރަށް ސާފުކޮށް އެނގޭ. 1887 ވަނަ އަހަރު ދިވެހިރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގެ އުނގަށް ވެއްޓިގެންދިޔަގޮތް އިރާދަކުރައްވައިގެން މީގެ އަހަރުތަކެއް ކުރީގައި އަޅުގަނޑަށް އޮތީ ތަންކޮޅެއް ތަފްޞީލުކޮށް ބަލައިލެވިފައި. އެހެންވީމާ، އަޅުގަނޑު ހިތަކަށްނާރާ ޙަޤީޤަތުގައި ޢާންމު ރައްޔިތުން، ތިޔަބޭފުޅުން ދެކެވަޑައިގަންނަވާނެ ކަމަކަށް، އަޅުގަނޑުގެ ޒަޢާމަތެއްގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއެއްއަރައިދާނެފަދަ ކަމެއް ނުވަތަ ސިޔާސަތެއް ސަރުކާރުން ހިންގަވާފާނެ ކަމަކަށް.” ރައީސް ނަޝީދު ވިދާޅުވިއެވެ. “އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. އަޅުގަނޑުމެންގެ މިނިވަންކަމަކަށް އިރާދަކުރެއްވިއްޔާ ކުޑަވެސް ގުޑުމެއް ނާންނާނެ. ލޮޅުމެއް ނާރާނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ހަމަ ޔަޤީންކަން އަރުވަން. މުސްތަޤްބަލް އަޅުގަނޑުމެންނަށް އޮތީ އުޖާލާކޮށޭ.”
ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ދިވެހިރާއްޖޭގެ ސަރަހައްދުގެ ބާރުވެރިކަން ދިވެހިންގެ އަތްދަށުން ބީވެގެންދާ ފަދަ ގޮތަކަށް ސަރުކާރުން އަމަލުކުރަން އުޅޭކަމަށް ދެކެވުނު ވާހަކަތަކާއި ގުޅޭގޮތުން އެމަނިކުފާނު އިދިކޮޅު ޑީއާރުޕީގެ ނައިބު ޒައީމް އަހުމަދު ތަސްމީން އަލީ އާއި ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވި ކަމުގައެވެ.