ރޭ ހައްޔަރުކުރި ނާޒިމް އާއި މުސްތަފާ މިނިވަން ކުރުމަށް ޢަބްދުﷲ ޤާޟީގެ ކޯޓުން ޙުކުމް ކޮށްފި

20 ޖުލައި 2010

މަދަނީ ކޯޓުގެ ޤާޟީއަކަށް 6،000 (ހަ ހާސް) ޑޮލަރު އަދި ބޭންކޮކް ދަތުރެއްގެ ދެކޮޅު ޓިކެޓު ދީފައިވާކަމަށާއި މަޖިލިސް މެންބަރުންތަކަކަށް ރިޝްވަތުދޭން އުޅުނުކަމުގެ ތުހުމަތުގައި ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ރޭ ހައްޔަރުކުރި ތިމަރަފުށީ މުސްޠަފާ އާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މިނިވަން ކުރުމަށް މީގެ ކުޑައިރުކޮޅެއްކުރިން ޖިނާޢީ ކޯޓުން ޙުކުމްކޮށްފިއެވެ.
ކޮރަޕްޝަނާއި ރިޝްވަތުގެ އަމަލުތަކަށް ހިތްވަރުދޭކަމަށް ގިނަ ބަޔަކު ތުހުމަތުކުރަމުންދާ ޖިނާއީ ކޯޓުގެ އިސް ޤާޟީ، ޢަބްދުﷲ މުޙައްމަދު މިއަދު ހަވީރު ބޭއްވި އަޑުއެހުމަށްފަހު ކުރި ޙުކުމްގައި ބުނެފައިވަނީ ނާޒިމް އާއި މުސްތަފާ ބަންދުގައި ބެހެއްޓޭނެ އެއްވެސް ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ކޮރަޕްޝަނާއި މަސްތުވާތަކެތި ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ޝަރުޢީ ދާއިރާގެ އެއްބާރުލުން ނުލިބޭތީ ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ދަނީ ކޯޓުތަކުގެ އިސް ޤާޒީންގެ އިސްތިއުފާއަށް ގޮވައި އެ ޤާޟީން ހައްޔަރުކުރުމަށް ގޮވާލަމުންނެވެ..