19 ޖުލައި 2010
ލިޔުނީ: ފުނަމާ
މިއަދު ދިވެހިރާއްޖޭގައި މިއޮތީ މަލްޓިޕާޓީ ޑިމޮކްރެސީއެކެވެ. އެތަކެއް ޒަމާނުއްސުރެ ރާއްޖޭގެ ރައްޔަތުންނަށް ދުލުގެ މިނިވަންކަން ނުދީ ހިފަހައްޓާފައިއޮތް އޮތުން ނިމުމަކަށް ގެނައީ ކޮންބައެއްކަން ދިވެހި ރައްޔަތުން ދަންނާނެއެވެ. ރައްޔަތުން ޚުދުމުޚްތާރު ވެރިޔަކު ވެރިކަމުން ދުރުކޮށް މިއަދު މިޤައުމުގައި މިއޮތް ޤާނޫނީ ވެރިކަން އިޚްތިޔާރުކުރީ ހާދަހާ ފޮނި އުންމީދުތަކަކާއެކުގައެވެ. މިޤައުމުގައިތިބި އަނިޔާވެރީންނާއިމެދު އަދާލަތު ޤާއިމްކުރެވި މިޤައުމުގެ މުޅި މާލިއްޔަތު ލޫޓުވާލައި އެމީހުންގެ ތަރިކަ ކަމުގައި ހަދައިގެން ތިބި ރިޝްވަތުކޯރުންނާއި ބޮޑެތި ވަގުން ހިފައި ހައްޔަރުކުރެވި އިންސާފުގެ ކުރިމައްޗައް ގެނެވި އެމީހުންގެ ގަދަކަމުން ހޯދާފައިވާ ޢިއްޒަތް ނެގިގެން ދާނެ ދުވަހެއްގެ އިންތިޒާރުގައި ރައްޔަތުން ތިބީ ކެތްމަދުވެފައެވެ.
ނަމަވެސް މަނިކުފާނުން މަޤާމާ ޙަވާލުވެ ވަޑައިގަތުމަށްފަހު ހިތްޕުޅު ތިރިކުރައްވައި މަނިކުފާނަށް މައުމޫނީ އަނިޔާވެރި ޖަރީމާ ސަރުކާރުން އެކުޅަހާ އަނިޔާއެއް ހަނދާން ނައްތަވާލައްވައި އެއަނިޔާވެރީންނާއިމެދު އޯގާތެރިވެ ވަޑައިގެން މިކަމުގައިވެސް މަނިކުފާނަށް އެއްބާރުލުން ދިނުމަށް ގޮވާލެއްވި އަޑު އަޅުގަނޑުމެން އަހައި ރިވެތި ގޮތުގައި ބަދަލުހިފުމުގެ ރޫހުން އެއްކިބައިވެގެން މިތިބީއެވެ. އެންމެ ފަހުން އާޚިރުގައި އެޚިޔާނާތްތެރީން މަނިކުފާނުންގެ އިސްތަށިފުޅަށް ސަވާރުވެ ކޮށާކާނެކަމުގައި އަޅުގަނޑުމެން ބުނަމުންދިޔަ ދިއުން މިއަދުމިއޮތީ ޙަޤީޤަތަކަށް ވެފައެވެ. ރިޝްވަތުދީގެން ނުވިނަމަ މަނިކުފާނުންގެ ޖާނައް ހަމަލާ ދީގެން ވިޔަސް ގެއްލުނު ވެރިކަމުގެ އާރާބާރު ހޯދުމައް އެއަނިޔާވެރީން ސިއްރާ ފާޅުގައި މިއަދުއެދަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ޤާނޫންހަދާ މަޖްލިހާއި ޝަރުޢީ ނިޒާމްގެ އިތުރުން މުސްތަޤިއްލު މުއައްސަސާ ތަކުގެ ތެރެއަށް މިނުބައި ޚިޔާނާތްތެރި ކަތުރުފަނިތައް ވަދެ ބާރުހިންގައި ކައިހުސްކުރަމުން އެގެންދަނީއެވެ.
އިއްޒަތްތެރި ރައީސްއެވެ. އަޅުގަނޑުމެން މަނިކުފާނާ ވެރިކަމުގެ އަމާނާތް ޙަވާލުކުރީ އެމްޑީޕީގެ މެނިފެސްޓޯއާއި އެއްގޮތަށް ވެރިކަން ކުރެއްވުމަށެވެ. އެއަކީ ގައިމުވެސް ރާއްޖޭގެ ޤާނޫނާއި ޚިލާފު އެއްޗެއް ނޫންމެއެވެ. ވީއިރު މަނިކުފާނުން ވެރިކަން ކުރައްވަން ޖެހޭނީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ޚިލާފުނުވާގޮތުގެމަތީން އެމެނިފެސްޓޯގައި އެކުލެވިގެންވާ ކަންކަން ފުރިހަމަ ކުރައްވާށެވެ. ފަހަރެއްގައިވެސް އަނދިރި ހާއްޔެއްގައި ނުވަތަ އަލިވާގެއެއްގެ ތެރޭގައި ފިލާއޮތް އަޖޫޒު ބޯވައެއްގެ ވަކިތަކުގެ ތެރެއަށް މިވެރިކަމުގެ އާރާއިބާރު ދޫވެގެން ދިޔަ ދެއްވައިގެން ނުވާނެއެވެ. އެބޯވަޔަކީ އޭގެ އުމުރުގެ ތިރީސްއަހަރު މިޤައުމުގައި ވަކިހިއްޕައިގެން ސަލާމަތް ވާނެ މަގެއް ނުފެނި ދިވެހި ރައްޔަތުންގެ ގިނަބަޔަކު ހާދަހާލެއްގައި އުޅެގެން ހޮރުން އުފުރާލާ އެއްލާލި ބޯވައެކެވެ. ކޮންމެވެސް ޒަމާނެއްގައި ދިވެހި ރާއްޖެއަށް ލެއްގި ބަބުރެއްގެ ކިހިލިފަތް ދޮށުގައި އޮވެގެން މިޤައުމައް ލައްވެ މިއީ އެސޮރުގެ ހާލިކަމުގައި ހަދައިގެން އޮވެ ހާދަހާ ބަޔެއްގެ ފުރާނަވެސް އެނުލަފާ ބޯވަ ދުއްވާލާފައިވެއެވެ. އަނެއްކާ އެސޮރުގެ ބާރުއޮތް ތިރީސް އަހަރު މުޅީން ހެދީވެސް ދޮގެވެ. އެހެންކަމުން އެބޯވަ ފިހެގެން ކެއުމަށްވެސް މީހުން ބޭނުން ނުވާތީވެ އެއޮތީއެވެ. ނަމަވެސް މަނިކުފާނުން އަނެއްކާވެސް އެސޮރާމެދު މާކަ އިހްސާންތެރިވެ ވަޑައިގެން ތިޔަ އުޅުއްވިގޮތުން އެސޮރުމިހާރު އަނެއްކައި އެތެޅެނީ ބޯގޮވައިގެންނެވެ. އެސޮރުގެ ބާރު އޮތްދުވަހު އެސޮރު ޝިކާރަކުރާ ތަކެތީން ފިލިޖައްސައިގެން ފަލަވެ ފުފިފައިތިބި ރާގޮނޑިޔާ ލަނޑާފަދަ ތަކެތި މިހާރު އެތިބީ އަނެއްކާ އެސޮރުގެ ބާރުވެރިކަން ހޯދައިދިނުމަށް ނުކުމެއެވެ. އަހެން ކަމުން އަނެއްކާ އަޅުގަނޑުމެންނަށް މިޖެހެނީ ރެޔާދުވާލު ނުނިދައި މަނިކުފާނުންގެ ޙިމާޔަތުގައި ތިބޭށެވެ. އާދޭސްކޮއްފައި ދަންނަވަމެވެ. އެނުލަފާ ޖަނަވާރުތަކުގެ ކިބައިން އަޅުގަނޑުމެންނަށް ސަލާމަތްކަން ލިބިގެން މިވެށީގައި ތިބެވޭނެ ގޮތެއް ހޯއްދަވައި ދެއްވާށެވެ.