މަސްތުވާތަކެތީގެ ވަބާގައި ދިވެހި ޒުވާނުން ޖެއްސުމަކީ ރާވައިގެން ހިންގާފައި އޮތް ޖަރީމާއެއް ކަމަށާއި މި ޖަރީމާ ހިންގި ފަރާތާއި މެދު ޝަރީއަތް ކުރަން ޖެހޭނެ ކަމުގައި އެމްޑީޕީގެ ތ. ދާއިރާގެ ރައީސް ހަސަން އަފީފް ވިދާޅުވެއްޖެ

8 ޖުލައި 2009

މަސްތުވާތަކެތީގެ ވަބާގައި ދިވެހި ޒުވާނުން ޖެއްސުމަކީ މިދިޔަ 30 އަހަރުގެ ތެރޭގައި ކަނޑައެޅިގެން ދިވެހި ޒުވާނުން ހަލާކު ކުރުމަށް މީހަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށާއި މި ޖަރީމާ ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ ފަރާތާއި މެދު ޝަރީއަތް ކުރަން ޖެހޭނެ ކަމުގައި އެމްޑީޕީގެ ތ. ދާއިރާގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ހަސަން އަފީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އިސްނަގައިގެން މަސްތުވާތަކެއްޗާއި ދެކޮޅަށް އެމްޑީޕީ އިއްތިހާދުގެ ފަރާތުން އަންގާރަ ދުވަހުގެރޭ ހެދި ގޮނޑުދޮށުގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ ” އަޅުގަނޑު ދަންނަވާނީ މަސްތުވާތަކެތީގެ ވަބާގައި ދިވެހި ޒުވާނުން ޖެއްސުމަކީ މިދިޔަ 30 އަހަރުގެ ތެރޭގައި ކަނޑައެޅިގެން ދިވެހި ޒުވާނުން ހަލާކު ކުރުމަށް މީހަކު ރާވައިގެން ހިންގާފައި އޮތް ޖަރީމާއެކޭ، މިޖަރީމާ ހިންގުމުގައި މަސްއޫލިއްޔަތު އުފުލާ ފަރާތް އަޅުގަނޑުމެން ޖެހޭ ޒިންމާކުރުވަން. އޭނަ މިކަމުގެ ޒިންމާ ނަގަންޖެހޭ. އެމީހާއާ ދޭތެރޭ މިކަމަށްޓަކައި ޝަރީއަތް ކުރަންޖެހޭ” ކަމުގައެވެ.
މީގެ އިތުރުން އަފީފް ވިދާޅުވީ ދިވެހިރައްޔިތުން 1978 ވަނަ އަހަރު މައުމޫން އަބްދުލް ޤައްޔޫމާއި ގައުމުގެ ރިޔާސަތު ހަވާލުކުރީ އިސްލާމްދީނުގެ އިލްމުވެރިއެއް ކަމަށް ގަބޫލުކޮށް، ދިވެހިރާއްޖޭގައި އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތާނެ ކަމަށް ގަބޫލުކޮށްގެން ކަމަށާއި އެހެން ނަމަވެސް އެ ވެރިކަން ނިމިގެން ދިޔައީ އިސްލާމް ދީން ގައި އެންމެ ބޮޑަށް ހަރާމް ކުރައްވާފައިވާ އެއްކަމެއް ކަމުގައިވާ މަސްތުވާތަކެތި ބޭނުންކުރުމުގައި އެތައް ޒުވާނަކު ޖައްސާފައި ކަމުގައެވެ. އަދި މިކަންތައްތަކަކީ “އަތްއުރާލައިގެން ހަނދާން ނައްތާލައިގެން ތިބެވޭނޭ ކަންތައް ތަކެއް” ނޫން ކަމުގައި ވިދާޅުވެ، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެވުމަށް މައުމޫން ހުޅުވި ދޮރުތައް ބަންދުކުރަން” ޖެހޭ ކަމުގައި އަފީފް ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ސަބަބުން މަރުވެގެންދިޔަ ކުދިންގެ ޒިންމާވެސް އެކަމުގައި އިހުމާލުވީ ފަރާތްތަކުން ނަގަންޖެހޭނޭ ކަމުގައި ވިދާޅުވަމުން، އެމްޑީޕީ އިއްތިހާދުން އަތުގުޅާލައިގެން މިޤައުމު ޑްރަގުގެ ވަބާއިން ސަލާމަތްކުރާނޭ ކަމަށާއި މިކަމުގެ ހެއްކެއްގެ ގޮތުން ދިވެހި ފުލުހުން، މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ އިސް މީހުން ހައްޔަރުކުރަމުންދާކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން މިފަދަ ވިޔަފާރި ކުރަމުންދާ މީހުންނާ ގުޅުންހުރި ފަރާތްތައް ހޯދައި އެމީހުންނާ މެދު ފިޔަވަޅު އެޅުމަށްވެސް އަފީފް ގޮވާލެއްވިއެވެ.