ނޫސް ބަޔާން

ވަގުތުން ނެރުމަށް
ނަންބަރު: MDP-2009-PR-008
ތާރީޚް: 16 ޖޫން 2009 (އަންގާރަ)

ދިވެހި މުޖުތަމަޢުގައި ކުޑަކުދިންނަށް ކުރަމުންދާ ޖިންސީ އަނިޔާއާއި ޖިންސީ ގޯނާތަކާއި ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ކުރަމުންދާ އަނިޔާތައް އެންމެ ހަރުކަށި އިބާރާތުން އެ ނުބައި ޢަމަލު ކުށްވެރިކުރުން

ދިވެހި މުޖުތަމަޢުގައި ދިރިއުޅެމުންދާ އަޅުގަނޑުމެންގެ ލޯބިވާ ދަރިންނަށް ކުރިމަތިވަމުންދާ ޖިންސީ އަނިޔާތަކާއި، ޖިންސީ ގޯނާތަކުންނާއި އަދި ޖިސްމާނީ ގޮތުންނާއި، ނަފްސާނީގޮތުން އެއްވެސް ކުށެއްނެތް މަޢުޞޫމް ތުއްތު އެތަކެއް ދަރިންތަކަށް އެނުބައި އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން، އެކަމުގެ ވޭނުގައި އަޅުގަނޑުމެން ލޯބިވާ އެތަކެއް ދަރިންނެއް މިދުނިޔެއާ ވަކިވެފައިވާ ހިނދު، އެނުބައި ޢަމަލު މިޕާޓީއިން ކުށްވެރިކުރަމެވެ.

މުޖުތަމަގެ އާއްމު މަސްލަހަތާއި ގުޅިފައިވާ މުޖުތަމަޢުގެ ތުއްތު ދަރިންގެ ހިމާޔަތާއި، ރައްކާތެރި ކަމާއިމެދު ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވެ، ބިރުވެރި ހާލަތުގައި ވީހިނދު އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާއްޞަ ސަމާލުކަމަށް ގެނައުމުގެ ގޮތުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ރައީސް ބަލައި ނުގަނެ މަޖިލީހުން ބޭރުކޮށްލި ކޮށްލުމަކީ މިޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ނުހަނު ކަންބޮޑުވާ ކަމެކެވެ.
ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ ފަރާތްތަކަށް ޢަދުލް އިންޞާފްގެ ކުރިމައްޗަށް ހާޒިރު ކުރެވޭ ހިނދު ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނު އަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން ހިންގަވާ ޝަރީއަތެއްގައި އެއްވެސް ގޮތަކުން އެނުބައި ޢަމަލު ކުރިފަރާތްތައް އެއްވެސް ވަގުތެއްގައި ޢާންމުގެ ތެރެއަށް ދޫނުކޮށްލެވޭނެ އުޞޫލަކުން އަދުލް އިންޞާފް ގާއިމް ކުރައްވާ ފަރާތްތަކަށް އިޚްތިރާމާއި އެކު އިލްތިމާޞް ކުރަމެވެ.

ޖިންސީ އަނިޔާތަކާއި ޖިންސީ ގޯނާތަކުގެ ޝިކާރައަކަށް ވެފައިވާ އަޅުގަނޑުމެންގެ ލޯބިވާ ތުއްތު ދަރިންނަށް ކުރަމުންދާ މިނުބައި އަނިޔާވެރި ޢަމަލުން އެ ތުއްތު ދަރިން ސަލާމަތްކޮށްދީ މުސްތަޤްބަލުގައި މިފަދަ ޢަމަލުތައް ތަކުރާރު ނުވާނޭ ގޮތެއްގެ މަތިން ރައްޔިތުންގެ ހިމާޔަތާއި، ރައްކާތެރިކަން އަދި ހާއްޞަ ގޮތެއްގައި އަޅުގަނޑުމެންގެ ޅަދަރިންނަށް ކުރިމަތިވާ ޖިންސީ އަނިޔާއާއި ޖިންސީ ގޯނާތަކުން އެދަރީން ސަލާމަތް ކުރެވޭނެ ގޮތެއް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ހާއްޞަ ގޮތެއްގައި ބަހައްޓާދެއްވަމުން ގެންދެވުމަށް ދިވެހި ސަރުކާރަށް އިލްތިމާސް ކުރަމެވެ.

މުޖުތަމަޢުގައި ދިމާވަމުންދާ މިފަދަ ނުރައްކާތެރި ދަށު ދަރަޖައިގެ ނުބައި އަމަލުތައްކުރާ ފަރާތްތަކަށް އެއްވެސް ހިމާޔަތެއް ރައްކާތެރިކަމެއް ޢާންމު އެއްވެސް ފަރާތަކުން ނުދެއްވުމަކީ މިފަދަ މައްސަލަތައް އިތުރަށް ތަކުރާރު ވިޔަނުދިނުމަށް އެޅޭނެ ފުރިހަމަ ބާރަކަށް ވާހިނދު، މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް އަންގަމުން ގެންދުމަށް ގޮވާލަމުން،

އަޅުގަނޑުމެންގެ ލޯބިވާ ޅަދަރިންނަށް ކުރަމުންދާ ޖިންސީ އަނިޔާއާއި ޖިންސީ ގޯނާ އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ލިބޭ ގެއްލުންތައް ހުއްޓުވުމަށާއި، ޖިންސީ އަނިޔާގައި ދާދި މިދާކަށް ދުވަހު ނިޔާވެފައިވާ އުމުރުން 8 މަހަށްދާ ތުއްތު ކުއްޖާގެ މަރުގެ މައްސަލައިގެ ފުރިހަމަ ތަހްގީގެއް ހިންގައި ޝަރީއަތުން ހަރުކަށި އަދަބުދިނުމަށް ގޮވާލާއި، އަދި އެކަމުގައި ބައިވެރިވެފައިވާ އެންމެހާއި ފަރާތްތަކުގެ މަޢުލޫމާތު ޢާންމު ކުރުމަށް ގޮވާލަމުން، މިފަދަ ނުބައި ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް