ކޮރަޕްޝަނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ކޮޅެއްގައި ނުޖެހެނީސް ހުއްޓައެއް ނުލާނަން – އެމްޑީޕީ

14 ޖުލައި 2010

vagun-hayarukuraa-muzaahiraa-14-07-2010-18

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވާ ކަމަށާއި، އެ ހަނގުރާމަ ހުއްޓާލާނީ ކޮރަޕްޝަންގެ ކަންތައް ކޮޅެއްގައި ޖެއްސުމަށްފަހު ކަމަށް އެމްޑީޕި އިން ބުނެފިއެވެ.
އެޕާޓީން މިއަދު ކުރި ގައުމީ ބޮޑު މުޒާހަރާ ނިންމާލުމުގެ ގޮތުން ލޮނުޒިޔާރަތްކޮޅު ތިންބާރު ވަކިކުރާ ސަރަހައްދުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެމްޑީޕީ ގެ މެންބަރުންނަކީ ޤާނޫނު އަސާސީ އިސްލާޙްކުރަން އެންމެ ބުރަކޮށް މަސައްކަތްކުރި އެއްބައެއް ކަމަށާއި، އެމްޑީޕީ މެންބަރުންގެ މަސައްކަތުން މިގައުމުން ކޮރަޕްޝަން ފުހެލައި ކޮރަޕްޝަނުގެ ވަބާގައި ޖެހުން އެއީ މާޒީކަމަށް ހައްދަވާނޭ ކަމަށެވެ.،
މިއަދުގެ މުޒާހަރާ ނިންމާލަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މޫސާ މަނިކު ވިދާޅުވީ ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކުރި ފަރާތުން ހަނުހުރުން ޚިޔާރުކުޜީ އެކަން ކުރުމަށްފަހު ލަދުން ދައްކާނޭ ވާހަކައެއް ނެތިގެން ކަމަށާއި، ފަހަތަށް އެންމެ ފިޔަވަޅެއް ވެސް އަޅާނީ މިގައުމުން ކޮރަޕްޝަން ފުހެލުމަށްފަހު ކަމަށް މޫސަ ވިދާޅުވިއެވެ. އަދި މިރޭ 12 ޖެހުމުގެ ކުރިން ކޮރަޕްޝަނާ ގުޅުންހުރި ފަރާތްތައް ހައްޔަރުކުރުމަށާއި، އަތޮޅުތަކުގައި މިއަދު މުޒާހަރާ ކުރަމުން ދިޔަ ފަރާތްތަކުންވެސް ސާބިތުކަމާއެކު އެގޮތުގައި ދެމިތިއްބެވުމަށް މޫސަ ގޮވާލެއްވިއެވެ. އަދި ޤާޒީންނާއިފަނޑިޔާރުން ކޮރަޕްޝަނާމެދު ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތަކުގައި ދޫ ދޭނަމަ ރައްޔިތުންގެ ކޯޓުތައް ހުޅުވަންޖެހިދާނޭ ކަމަށާއި، އެ ކޯޓުރައް ހުޅުވުމަށްފަހު ކޯޓުތައް ލައްޕާނީ ކޮރަޕްޝަންގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށްފަހު ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
12،000 އަށްވުރެ ގިނަ މީހުން ބައިވެރިވި މިއަދުގެ މުޒާހަރާގެ ބައިވެރިން ތިބީ ކޮރަޕްޝަނާއި ދެކޮޅަށް ލިޔެފައިވާ ބެނާރ ތަކާއި، ސަރުކާރަށް ތާޢީދުކޮށް ލިޔެފައިވާ ބެނަރތަކާއި، އަދުލު އިންސާފު ޤާއިމްކޮށްދިނުމަށް ގޮވާލާފައިވާ ބެނަރތައް ހިފައިގެންނެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު ވަނީ ކޮރަޕްޝަނާ ދެކޮޅު މުޒާހަރާ ބާއްވާފައެވެ. އެގޮތުން އައްޑޫ، ގދ.ތިނަދޫ އަދި ލ. އަތޮޅު ގަން ފޮނަދޫގައި ވެސް މިއަދު މުޒާހަރާކޮށްފައިވެއެވެ.