ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ގޮވާލައި މުޒާހަރާކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިންސާފުން އެއްކިބާވެ ތިބެ، ހިތުހުރި ގޮތަކަށް ހުކުމްކުރަމުން އަންނާތީ އެ ކޯޓުގެ ބެންޗު ބަދަލުކުރަން ގޮވާލައި ދިވެހި ރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިއްޔެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކޮށްފި އެވެ.

“އިންސާފްގެ ދަތުރު މެކުހަށް” މި ނަމުގައި ކުރިއަށް ގެންދިޔަ މި މުޒާހަރާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދާއި ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. މި މުޒާހަރާ އުސް ފަސްގަނޑުން ފަށައިގެން ކުރިއަށް ގެންގޮސް، ސުޕްރީމް ކޯޓު ދޮށަށް އެއްވެ، މެމްބަރުން ވަނީ އަޑުއުފުލައިފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމުގެ އިތުރުން ފަނޑިޔާރުން ބޭރުކުރުމަށް މުޒާހާރާގައި އަޑުއުފުލާފައިވެ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކަށް ސުޕްރީމް ކޯޓުން ބާރު ފޯރުވުމަށް މަސައްކަތް ކުރައްވަމުން ގެންދާތީ، އެކަމާއި ދެކޮޅަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ އަޑުއުފުލާފައެވެ. އެގޮތުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މަޤާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުން، ސުޕްރީމް ކޯޓު އެއީ ޤާނޫނާއި ޚިލާފަށް ނިންމާފައި ނިންމުމެއް ކަމަށް ބުނެ ކުރި ހުކުމަށް މުޒާހަރާގެ ބައިވެރިން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
އެމްޑީޕީއަށް ތާޢީދު ކުރައްވާ، އަދި އިންސާފަ ލޯބި ކުރައްވާ ގިނަ އަދަދެއްގެ މީހުން ބައިވެރި މި މުޒާހަރާ ނިންމާލާފައިވަނީ ވެސް އުސްފަސްގަނޑަށެވެ.