މިޤައުމުގެ ޑިމޮކްރަސީ ފުނޑުފުނޑުކޮށްލުމަށް މަސައްކަތްކުރާބަޔަކަށް މިގައުމުގެ ކަނޑެއް ވެސް ފަޅެއްވެސް މަޢާފެއްނުކުރާނެ – އަލްއުސްތާޛް އިމްތިޔާޒް ފަހުމީ

13 ޖުލައި 2010

haruge-12-07-2010-57

މިޤައުމުގެ ޑިމޮކްރެސީ ފުނޑުފުނޑުކޮށްލުމަށް މަސައްކަތްކުރާބަޔަކަށް މިގައުމުގެ ކަނޑެއް ވެސް ފަޅެއްވެސް މަޢާފުނުކުރާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި އޮތް ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން އިންތި ވިދާޅުވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަކީ ބަދަލުހިފުގެ ރޫހުގައި މަސައްކަތްކުރައްވާ ބޭފުޅެއްނޫން ކަމަށާއި ވެރިކަމާއި ހަވާލުވުމަށްފަހު ވެސް އެބޭފުޅާދެއްކެވި މިސާލަކީ އެއީ ކަމުގައެވެ. އެހެންނަމަވެސް ކޮރަޕްޝަނާއި ފަސާދަ ނައްތާލުމަށް އެމަނިކުފާނު ފަސްޖެހިވަޑައިނުގެން ކުރިއަށް ވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމުގައި އިންތި ވިދާޅުވިއެވެ.

އިންތިގެ ވާހަކަފުޅުގައި ޝަރުޢީ ނިޒާމްގައި ކަންހިނގާގޮތަށް ވެސް ބައްލަވާލެއްވިއެވެ. އެގޮތުން ވޭތުވެދިޔަ ދިގު ތިރީސް އަހަރު އެންމެ ބޮޑު ޝިކާރަޔަކަށް ހަދާފައިވަނީ ޝަރުއީ ނިޒާމް ކަމުގައި އިންތި ވިދާޅުވިއެވެ. އަދި ކޯޓްތަކަކީ ހުރުމަތްތެރިކަމާއި އިޚްތިރާމްލިބިގެންވާ ތަންތަން ކަމަށާއި އެހެންނަމަވެސް އިޚްތިރަމާއި ޚުރުމަތަކީ އެއްކޮޅަށްދުވާ އެއްޗެއްކަމަށް ގަބޫލުފުޅުނުކުރެވޭ ކަމަށް ވިދާޅުވެ، ކޯޓުތަކަށް އާންމުންގެ އިޚްތިރާމާއި ހުރުމަތްލިބޭނީ ޝަރުއީ ނިޒާމުގެ ފުރިހަމަ އިތުބާރުލިބުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.