ރައީސް ނަޝީދު ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން ނެރެފައިވާ އަމުރު އިސްތިޢުނާފަށް ހުށަހަޅައިފި

ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހުޅުމާލޭ ކޯޓުން ނެރެފައިވާ އަމުރު ހައިކޯޓުގައި އިސްތިޢުނާފަށް ހުށަހަޅައިފިއެވެ.

ރައީސް ނަޝީދުގެ ވަކީލުންގެ ޓީމްގައި ހިމެނި ވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ، ހުޅުމާލޭ ކޯޓުން ރައީސް ނަޝީދުގެ މައްސަލާގައި އަމަލުކޮށްފައިވަނީ އުސޫލުތަކާއި ޚިލާފަށް ކަމަށާއި، ކޯޓަށް ހާޒިރުވުމުގެ ޗިޓް ފޮނުވުމުން ކޯޓަށް ހާޒިރުވި ފަރާތަކާއި މެދު އަމަލުކުރާގޮތަށް އަމަލު ނުކުރެވޭނެކަމަށެވެ. އަދި އެންމެފަހުން އޮތް ޝަރީއަތަށް ހާޒިރު ނުވެވޭނެކަން ހުޅުމާލޭ ކޯޓަށް އަންގާފައިވާކަމަށާއި އެ އަޑުއެހުމަށް ވަޑައިނުގެންނެވުނީ އާލާސް ކަންފުޅާ އުޅުއްވާތީ ކަމަށާއި ޑިކްޓަރުގެ ސެޓްފިކެޓްވެސް ކޯޓަށް ހުށައަޅާފައިވާނެކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

މީގެ ކުރިން ވައުދުގެ ދަތުރުގައި ގދ. ފަރެސްމާތޮޑާގައި ހުންނަވަނިކޮށް ފުލުހުން ގޮސް އެ މަނިކުފާނު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްފައިވެ.

ރައީސް ނަޝީދުގެ ޝަރީޢަތް އިންސާފުން އެއްކިބާވެ، އާއްމު އުސޫލްތަކާއި ޚިލާފްވެ އަދި ފުލުހުން އެމަނިކުފާނު ހައްޔަރުކުރުމަށް ކުރާ މަސައްކަތާއި ދެކޮޅު ހެދުމުގެ ގޮތުން އެމްޑީޕީއަށާއި އެމަނިކުފާނަށް ތާޢީދު ކުރާ ހުރިހާ ފަރާތްތަކެއް ގ. ކެނެރީގޭ ކުރިމައްޗަށް ޕާޓީން އެދެއެވެ.