އެމްޑީޕީން މަސައްކަތް ކުރަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދިފާޢުކުރުމަށް – ރައީސް ނަޝީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މަސައްކަތް ކުރަމުންދަނީ އުސްފަސްގަނޑޭ ކިޔާ ބިން ދިފާއުކުރަން ނޫން ކަމަށާއި ޕާޓީން މަސައްކަތްކުރަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގައި އެކަން ދިފާޢުކުރުމަށް ކަމަށް ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އާއްމު މެމްބަރުންނަށް އުސްފަސްގަނޑަށް ނުވަދެވޭގޮތަށް އެސަރަހައްދު ފުލުހުން ބަންދުކުރުމުން، ގާޑިޔާ ސަރައްހައްދުގައި އެމްޑީޕީގެ އެތައްހާސް މެމްބަރުންނާއި އެކު ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، އުސްފަސްގަނޑުގައި އެމްޑީޕީން ތިބޭނެ ކަމަށާއި އެތާނގައި ވާހަކަ ވެސް ދައްކާނެ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ނުހިފޭއްޓޭނެ ކަމަށާއި މިހާރު ވެސް މެމްބަރުން ބޭނުންވެއްޖެކަމުގައި ވަނީ ނަމަ އުސްފަސްގަނޑަށް ވަދެވިދާނެ ކަމަށެވެ. އެހެން ނަމަވެސް، އެމްޑީޕީ އަކީ ގޮތެއްފޮތެއް ނެތިގެން އުޅޭ ޕާޓީއެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރަށް ތާއިދު ކުރާ ޕާޓީތަކުން އެތެރޭގެ ކޯޅުންތައް ހައްލު ނުކުރެވިގެން އުޅޭ އިރު އެމްޑީޕީން ސީދާ ރައްޔިތުންގެ ކައިރިއަށް ދަމުންދާ ކަމަށާއި ރައްޔިތުންގެ އިތުބާރާއި ލޯބި ހޯދަމުންދާ ކަމަށް ވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސް ނަޝާދު އިތުރަށް ވިދާޅުވީ، އަބްދުﷲ ޔާމީނާއި އިލްޔާސް އިބްރާހީމާ ޖެއްސުމަށް ފަހު “ވަހުދަތުގައި”ގެ ނަމުގައި މައުމޫން އަބްދުލްޤައްޔޫމް ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތްކުރައްވާ ކަމަށާއި، މިދިޔަ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރުން ބަލިކުރެއްވި ނަމަވެސް މިފަހަރު ބަލި ކުރައްވާނީ އެއް ބުރުން ކަމަށެވެ.

ރޭގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުންނާއި ބަޣާވާތާއި ދެކޮޅު ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ ވަޑައިގެންނެވިއެވެ.