ރައްޔިތުން މަޖިލީހުގެ އިންތިޚާބާއި ކައުންސިލް އިންތިޚާބުގެ ވޯޓުލުމުގެ ކަންތައްތައް ވަކިން ކުރިޔަށް ގެންދެވޭނޭގޮތަކަށް އިންތިޒާމްކޮށްދިނުމަށް އެމްޑީޕީން އަނެއްކާ ވެސް އެދިއްޖެ

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

ރައްޔިތުން މަޖިލީހުގެ އިންތިޚާބާއި ކައުންސިލް އިންތިޚާބުގެ ވޯޓުލުމުގެ ކަންތައްތައް ވަކިން ކުރިޔަށް ގެންދެވޭނޭގޮތަކަށް އިންތިޒާމްކޮށްދިނުމަށް އެމްޑީޕީން އަނެއްކާ ވެސް އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެއެވެ.

އެމްޑީޕީ ސެކްރެޓޭރިއަޓްގެ އިންތިޚާބާއި ބެހޭ ފޯކަލް ޕޮއިންޓް އެމްޑީޕީގެ އަމީންއާންމުގެ ނައިބު އަޙުމަދު އަކުރަމް ސޮއިކުރައްވައި އިލެކްޝަންސް ކޮމިޝަންސްގެ ރައީސް ފުއާދު ތައުފީޤަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާއި ކައުންސިލްތަކުގެ އިންތިޚާބަކީ ވަކި ދެ ޤާނޫނަކުން ލާޒިމްކޮށްފައިވާ ދެ އިންތިހާބުކަމަށްވާއިރު މި ދެ އިންތިޚާބުގެ ވޯޓުލުން އެފޮއްޓެއްގައި ކުރިޔަށްގެންދެވޭނޭކަމަށް އެމްޑީޕީން ނުދެކޭ ކަމަށާއި، އިންތިޚާބުތައް އެއްކޮށް ވޯޓުލާންޖެހުމުން އިންތިޚާބުތަކުގެ ވޯޓުލާފަރާތްތަކާއި، އިންތިޚާބުތަކުގެ ވޯޓު އޮބްޒާވްކުރާ ފަރާތްތަކަށް ވެސް ވަރަށް ބޮޑަށް ހުރަސްތައް ކުރިމަތިވެ މޮނިޓަރކުރުމުގެ ފުރުސަތު ހަނިވެ އިންތިޚާބުގެ ސައްޙަކަން ގެއްލިގެންދާކަމަށް ދެކޭކަމަށެވެ. އަދި އެއްމޭޒަކުން ދެ އިންތިޚާބެއްގެ ވޯޓުލުން ކުރިޔަށް ގެންދިޔުމުން ވޯޓުކަރުދާސް ދިނުމުގައި ތަފާތު އޮޅުންތައްއަރައި އިންތިޚާބުތަކުގެ ނަތީޖާ އާއި މެދު ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް އުފެދިގެންދާނެކަމަށް ވެސް އެ ސިޓީގައިވެއެވެ.

އެއްކޮށް އެއްފޮއްޓަކަށް ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ، އިންތިޚާބުތަކުގެ ވޯޓުލުން އެގޮތަށް މަސްހުނިކޮށް ބާއްވަމުން ގެންދާތީ ދިމާވަމުން އަންނަ ދަތިތަކާއި، އެ ދެ އިންތިޚާބުގެ ވޯޓުލުން ވަކިވަކިން ބާއްވައިދިނުމަށް އެދި 22 އޮކްޓޯބަރު ގައި އިލެކްޝަންސް ކޮމިޝަނަށް ސިޓީއަކުން ހުށައަޅާފައިވާ ކަމަށާއި، އެހެން ނަމަވެސް އެ ކޮމިޝަނުގެ ސިޓީއަކުން އެކަން އެގޮތަށް ކޮށްދެވެން ނެތްކަމަށް ވިދާޅުވުމުން އިތުރަށް އެކަންކަމާއި މަޝްވަރާކުރުމަށްޓަކައި އެމްޑީޕީން ފާއިތުވި ހަފްތާގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ އެކު ބައްދަލުވުމެއް ބޭއްވި ކަމަށާއި، މިޕާޓީގެ ޗެއަރޕާސަންގެ ނާއިބު އިދާރީ އަލީ ޝިޔާމާއި، އިންތިޚާބާއި ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދުގެ އިތުރުން އަމީން އާއްމުގެ ނާއިބު އަހުމަދު އަކުރަމް ބައިވެރިވެވަޑައިގެންނެވި މިބައްދަލުވުމުގައި، އިންތިޚާބުތައް އެގޮތަށް އެއްކޮށްލައިގެން ބޭވުމުން ދިމާވާ ދަތިތަކާއި މެދު ވަރަށް ފުޅާކޮށް މަޝްވަރާކުރެވި އެކަންތައްތަކާއިމެދު އިތުރަށް ވިސްނަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ވިދާޅުވި ކަމަށް އެމްޑީޕީގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން އަލިފުށީ ދާއިރާގެ އަތޮޅު ކައުންސިލާއި ރަތްމަންދޫ ކައުންސިލްގެ އިންތިޚާބު އެއްކޮށް މާލޭގައި އެއްފޮށްޓަކަށް ވޯޓުލާފައިވާއިރު އަލިފުށި ދާއިރާގެ ރަސްގަތީމުގެ ވޯޓުލީ އަދަދަށްވުރެން އިތުރަށް އެއް ކަރުދާސްކޮޅު އޮތުމީ މިފަދަ ގޮތަކަށް ވޯޓުލުން ގެންދާތީ ދިމާވާ ކަމެއްކަމުގައި ދެކޭ ކަމަށާއި، އިންތިޚާބުތައް އެއްކޮށްގެން ވޯޓުލަމުންގެންދިޔުމުން ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބު ވަކިވަކިން އޮބަޒާވްކުރުމުގެ ފުރުސަތު ޕާޓީތަކަށް ގެއްލިގެންދާކަން ވެސް އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުމަށް ވަކިފޮށިތައް ބަހައްޓައިދިނުމަށާއި، އަދި އިންތިޚާބުތައް އެއްކޮށްގެން ވޯޓުލަމުންގެންދާތީ އެމްޑީޕީން ކުރިންވެސް ފާޅުކޮށްފައިވާ ކަންބޮޑުވުން ތަކުރާރުކޮށް، އިންތިޚާބުތަކާއި މެދު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން އިތުރުކުރުމަށްޓަކައި ވޯޓުފޮށި ބެހެއްޓުމުގައި އޮޅުން އަރާގޮތަށް ކަންތައް ވިޔަނުދިނުމަށްޓަކައި ވޯޓުލުމުގެ ކަންތައްތައް ވަކިން ކުރިޔަށް ގެންދެވޭނޭގޮތަކަށް އިންތިޒާމްކޮށްދެއްވުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވެއެވެ.