އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު، މިއަދު ހަވީރު ގދ.ރަތަފަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންގެ ހާލުއަހުވާލު ބައްލަވާލައްވައިފިއެވެ.
ވައުދުގެ ދަތުރުގައި ރައީސް ނަޝީދު ރަތަފަންދޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަތަފަންދޫއިން ވެސް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ރަތަފަންދޫއަށް ވަޑައިގެން އެރަށުގެ ގޭގެއަށް ދޮރުންދޮރަށް ހިންގަވައި ރަށުގެ އާންމު ހާލަތާއި، ރައްޔިތުންގެ ހާލުއަހުވާލު އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. މީގެ އިތުރުން ރަތަފަންދޫ ސްކޫލަށް، ޝައިޚް ޙުސައިން ރަޝީދު އަހުމަދުގެ ސަހީހް މުސްލިމް ހަދީސް ފޮތުގެ ތަރުޖަމާ އެމަނިކުފާނު ހަދިޔާކުރެއްވިއެވެ.
މިދަތުރުގެ ބައިވެރިން ވަނީ ރަތަފަންދޫގައި ވެސް ދޮރުން ދޮރަށް ހިނގައި އެމްޑީޕީގެ ސިޔާސަތ އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކޮށްފައެވެ. އަދި މެންބަރޝިޕް ފޯމު ފުރުމުގެ މަސައްކަތް ވެސް ކޮށްފައިވެއެވެ.
ރަތަފަންދޫއަށް ފަހު އެމްޑީޕީގެ ވައުދުގެ ދަތުރުގެ ބައިވެރިން މިހާރު ހަރަކާތްތެރިވަމުން ގެންދަވަނީ އެއަތޮޅު ފިޔޯރީގައެވެ.