ރައީސް ނަޝީދު މާލެއިން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް ހަދައި، އެމަނިކުފާނާ މެދު ޝަރީއަތްކުރުމަށް ތައްޔާރުވަމުން ދާތީ ހުކުރު ދުވަހު މުޅި ރާއްޖޭގައި މުޒާހަރާކުރާ ގޮތަށް އެމްޑީޕީން ނިންމައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މާލެއިން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް ހަދައި، އެމަނިކުފާނާ މެދު ޝަރީއަތްކުރުމަށް ތައްޔާރުވަމުން ދާތީ މިއަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި މުޒާހަރާކުރާ ގޮތަށް އެމްޑީޕީން ނިންމައިފިއެވެ.

މިގޮތުން ހުކުރު ދުވަހު ހަވީރު ފަށާ މި މުޒާހަރާ މާލޭގައި ފަށާނީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގާ އުސްފަސްގަނޑުންނެވެ. ރަށްރަށުގައި މުޒާހަރާތައް ފެށޭނީ އެރަށެއްގެ އެމްޑީޕީ ހަރުގެ އިންނެވެ.
އަދި މި މުޒާހަރާ ގައި އެމްޑީޕީގެ އެންމެހާ މެންބަރުންނާއި، އެ ޕާޓީއަށް ހެޔޮއެދޭ އަދި ތާއީދުކުރާ ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް އެމްޑީޕީން ގޮވާލައެވެ.

ރައީސް ނަޝީދާ މެދު ޝަރީއަތް ކުރާތީ އެމަނިކުފާނުގެ ލީގަލް ޓީމުގެ ފަރާތުން ހިސާން ހުސައިން އާއި ހަސަން ލަތީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ހަވީރު ވިދާޅުވީ އަބްދުﷲ ގަޒީގެ މައްސަލައިގެ ޝަރީއަތް މިއަންނަ މަހުގެ 1 ވަނަ ދުވަހަށް ޝެޑިއުލްކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި ދައުވާ ކުރުމަށް ޗިޓް ފޮނުވާފައިވަނީ މިއަދު ކަމަށާއި، އެ ޗިޓުގައި އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ރައީސް ނަޝީދު ހުޅުމާލޭ ކޯޓަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ