ހަގީގަތާ ޚިލާފް ވާހަކަދައްކާފައިވާ ކަމަށް ބުނެ މުސްތަފާގެ މައްސަލަ އެއް ވެސް ޕީޖީއަށް ފޮނުވައިފި

އަމަން އަމާންކަމަށް ގެއްލުން ލިބޭ ގޮތަށް ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ދައްކަވާފައިވާ ކަމަށް ބުނެ، އެމްޑީޕީ ތިމަރަފުށީ ދާއިރާގެ ރައީސް، ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ (ތިމަރަފުށީ މުސްތަފާ) ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ތިމަރަފުށީ މުސްތަފާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ސަލާމަތީ ޚިދުމަތްތަކުން (ފުލުހުންނާއި ސިފައިން) އެމްޑީޕީގެ އިސްވެރިންތަކެއް މަރާލުމަށް ރާވަމުންދާކަމަށް އޭނާ މިދިޔަ މަހު 26 ގައި އެމްޑީޕީން ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކާފައިވާ ކަމަށް ވިދާޅުވެއެވެ.

މުސްތަފާ އެ ވާހަކަތައް ދެއްކެވި ކަމަށް ބުނާ އޮގަސްޓް 26 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމުން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނާއިރު، މި މައްސަލައާ ގުޅިގެން ތިމަރަފުށީ މުސްތަފާ ވިދާޅުވީ މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރެވޭނެ ތަނެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އެމްޑީޕީގެ އިސް މީހަކު މާރާލާފަ ގާސިމް އިބްރާހީމަށް ވެރިކަންދޭން ފުލުހުންނާއި ސިފައިންގެ ތެރެއިން އިސް ބޭފުޅުންތަކެއް ރާވައިފި ކަމަށް ވިދާޅުވީ ޖޯން ޕްރިސްކޮޓް ކިޔާ މީހެއްގެ ފޭސްބުކްގަ ލިޔެފައި އޮތް ވާހަކައަކާއި ހަވާލާދީ ކަމަށެވެ.