ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިނުގެންނެވޭ ނަމަ އެފަދަ އިންތިޚާބެއްގައި އެމްޑީޕީން ބައިވެރިއެއް ނުވާނެ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށް ބައިވެރިވެވަޑައި ނުގެންނެވޭގޮތަށް އެ އިންތިޚާބު ބާއްވައިފިނަމަ އެ ރިޔާސީ އިންތިހާބުގައި ބައިވެރި ނުވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އިގުރާރުވެއްޖެއެވެ.

އެމްޑީޕީން މިގޮތަށް ނިންމީ ރޭ އުސްފަސްގަނޑުގައި ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައެވެ. މިޤަރާރު ޤައުމީ މަޖިލީހަށް ހުށައެޅުއްވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރެވެ. ގައުމީ މަޖިލީހަށް ހާޒިރުވި 66 މެމްބަރުންގެ އިއްތިފާގުން ފާސްވި މި ގަރާރަށް ތާއީދުކުރެއްވީ އެމްޑީޕީ ކާށިދޫ ދާއިރާގެ ރައީސް (ދޮންބިލެތް) އަހުމަދު ހަލީމް އެވެ.

“ރައީސް މުޙަންމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް ކޯޓަށް މައްސަލައެއް ފޮނުވާފައިވުމާއި، އަދި ރާއްޖޭގެ ކޯޓުތަކަށް ބަލާއިރު ސިޔާސީ މަޤްސަދުގައި ހުށަހެޅޭ މައްސަލަތައް ނިމޭއިރު އޭގެ ހަމައެކަނި ބޭނުމަކަށް ވަނީ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް، މި ރިޔާސީ އިންތިޚާބުގައި ބައިވެރިނުވެވުން ކަމަށްވާ ހިނދު، މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގ.ކެނެރީގޭ ރައީސް މުޙަންމަދު ނަޝީދުއަށް ބައިވެރިނުވެވޭ އިންތިޚާބެއްގައި މި ޕާޓީން ބައިވެރިނުވުމަށް އިޤްރާރުވަމެވެ.” މި އިގުރާރުގައިވެ އެވެ.

މީގެ އިތުރުން ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރިޔަ ނުދިނުމަށްޓަކައި ކަމަށް ވެސް ރޭ އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.