ޑރ. ވަހީދު އޯލްޕާޓީ ޓޯކްސް ގައި ބައިވެރިވުން އަޅުގަނޑުމެންނަކަށް މުހިންމެއް ނޫން – އިންތި

ކުރީގެ ނައިބު ރައީސް ޑރ.މުހަންމަދު ވަހީދު ހުސައިން މަނިކު އޯލްޕާޓީ ޓޯކްސްގައި ބައިވެރިވެވަޑައިގަތުން އެމްޑީޕީއަށް އެއް ގޮތަކަށް ވެސް މުހިންމު ނޫން ކަމަށް އެ ޕާޓީގެ ސްޕޯކްސްޕާސަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެއެވެ.

” އެމްޑީޕީ ވެބްސައިޓަށް ” އިންތި މިއަދު ވިދާޅުވީ ބަޣާވާތުގެ ސަރުކާރުގެ ވެރިއަކަށް މިހާރު ހުންނެވި ޑރ. ވަހީދަކީ ސިޔާސީ ޕާޓީއެއްގައި ތިބުން އިލެކްޝަންސް ކޮމިޝަނުން ލާޒިމްކުރާ އަދަދަށް މެންބަރުން ހަމަވާ ސިޔާސީ ޕާޓީއެއް އޮތް ބޭފުޅެއް ވެސް ނޫން ކަމަށާއި، އަދި ވަހީދު އުފައްދަވާފައިވާ ގައުމީ އިއްތިހާދު ޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ލިބިފައިވާ އަދި ކައުންސިލް އިންތިޚާބުގައި ވެސް ކާމިޔާބެއް ލިބިފައިވާ ޕާޓީއެއް ނޫން ކަމަށެވެ. އެހެން ކަމުން ވަހީދަކީ ސިޔާސީ ޕާޓީތަކުގެ މެދުގައި ދެކެވޭ ވާހަކަތަކުގައި ބައިވެރިކުރުން މުހިންމު ފަރާތެއް ކަމަށް ދެކިވަަޑައިނުގަންނަވާ ކަމަށް އިންތި ވިދާޅުވިއެވެ.

މީގެ އިތުރުން އަވަސް އިންތިޚާބެއް ލިބެންދެން އެމްޑީޕީގެ ސީދާ ހަރަކާތް ބާރަށް ކުރިޔަށްދާނޭ ކަމަށާއި، ރޯދަ މަހު ވެސް މި ހަރަކާތް ކުރިޔަށްދާނޭ ކަމަށް އިންތި ވިދާޅުވިއެވެ. އަދި މާދަމާ އޮންނަ އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި، ރޯދަ މަހު އެމްޑީޕީގެ ސީދާ ހަރަކާތް ކުރިޔަށް ގެންދާނޭ ގޮތެއް ނިންމާނޭ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.